ރިޔާސީ އިންތިހާބު 2008 "ވަތަން އެދޭ ގޮތަށް" އިންތިހާބުގެ ދެ ވަނަ ބުރަށް އަންނިގެ ކެމްޕެއިން ރަސްމީކޮށް ފަށައިފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނިގެ) ކެމްޕެއިނަށް ބޮޑެތި ބަދަލުތަކެއް ގެނެސް "ވަތަން އެދޭ ގޮތަށް" އެ ޝިއާރުގެ ދަށުން ކެމްޕެއިން ރަސްމީކޮށް ދަރުބާރުގޭގައި ރޭ ފަށައިފި އެވެ.
އޮކްޓޯބަރު އަށެއްގައި ބޭއްވި އިންތިހާބުގައި ބައިވެރިވެވަޑައިގަތް ހަތަރު ފަރާތަކުން އެމްޑީޕީއާ ގުޅިގެން ހަދައިފައިވާ އިއްތިހާދުގެ ފަރާތުން ދަރުބާރުގޭގައި ބޭއްވި އެ ޖަލްސާގައި އިއްތިހާދުގައި ހިމެނޭ ހުރިހާ ފަރާތަކުން ވެސް ވާހަކަ ދެއްކެވި އެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަންނި ވިދާޅުވީ، ފުރަތަމަ ބުރުގައި ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމަށް ރައްޔިތުންގެ ތެރޭން 40 ޕަސެންޓް މީހުން ވޯޓު ދިނީ އެމަނިކުފާނު ވެރިކަމުން ދުރުކުރުމަކީ ވެދާނޭ ކަމެއް ކަމަށް ގަބޫލު ނުކުރެވިގެން ކަމަށެވެ.
އަންނި ވިދާޅުވީ، އިންތިހާބެއްގައި މުހިންމީ އެ ކަމަށް ކުރިމަތިލާ މީހާ ނޫން ކަމަށާއި އެކަމަކު މުހިންމީ އިންތިހާބަށް ކުރިމަތިލާ މީހާގެ ފިކުރު ކަމަށެވެ. އަދި ނިމިގެންދިޔަ އިންތިހާބުގެ ފުރަތަމަ ބުރުން ރައްޔިތުން ދައްކައިދިން ކަމަކީ، ބޭނުންވަނީ އެކަކު ނޫން ކަމަށާއި ބޭނުންވަނީ ގުޅިގެން މަސައްކަތް ކުރާ އިއްތިހާދެއް ފަހަތުގައި ތިބުން ކަމަށް އަންނި ވިދާޅުވި އެވެ.
"އިންތިހާބުގެ ނަތީޖާ ވަރަށް ސާފު. ކަލޭ އެކަނި ތިކަން ކުރާން ނޫޅެއްޗޭ. އަޅުގަނޑަކަށް ނޯޅޭ. އަޅުގަނޑުމެން ބޭނުމީ އަޅުގަނޑުމެން އެންމެން އެކީގައި މިކަން ކުރެވޭނެ ގޮތެއް، އިންތިޒާމެއް ގާއިމްކުރުން،" އަންނި ވިދާޅުވި އެވެ. "އަޅުގަނޑުމެން އުފައްދާ ސަރުކާރެއް އެއީ މި ދަންނަވާހެން އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ އެކަނި ސަރުކާރަކަށެއް ވަކި ޕާޓީއެއްގެ ވަކި މީހެއްގެ ވަކި އާއިލާއެއްގެ ސަރުކާރަކަށެއް، ވަކި ރަށެއްގެ ސަރުކާރަކަށެއް ވެގެނެއް ނުދާނެ."
ރާއްޖޭގެ ވެރިކަމުން މައުމޫން އިސްތިއުފާ ދެއްވަންޖެހޭ މުހިންމު އެއް ސަބަބަކީ މިދިޔަ 30 އަހަރުވެސް ވެރިކަމުގައި ހުންނެވީ އެމަނިކުފާނު ކަމަށް ވާތީ ކަމަށް އަންނި ވިދާޅުވި އެވެ. އަދި އަންނިއަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ވެރިކަމުގައި ދިގު މުއްދަތަކަށް ނުހުންނަވާނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން، އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ކުރީގެ ބަންޑާރަ ނައިބު ޑރ. ހަސަން ސައީދު ވިދާޅުވީ، އަންނިއަށް އޭނާ ތާއީދު ކުރެއްވީ ދީނީ، ގާނޫނީ އަދި ގައުމީ ވާޖިބެއް އަދާކުރެއްވުމުގެ ގޮތުން ކަމަށެވެ. ގައުމަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހައްލުކުރެވޭނީ ގިނަ ފަރާތްތަކެއް ބައިވެރިވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް އިންތިހާބުގެ ދެ ވަނަ ބުރުގައި ވިސްނަންވީ ގައުމަށް އިންތިހާބު ކުރަންވާނީ މައުމޫންތޯ ނުވަތަ އަންނިތޯ ނޫން ކަމަށާއި ނަމަވެސް ވިސްނަންވީ ކުރިމަގުގައި ގައުމު އޮންނާނޭ ހާލަތަށް ކަމަށް ވެސް ޑރ. ހަސަން ވިދާޅުވި އެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސޯޝަލް ލިބެރަލް ޕާޓީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވީ، މައުމޫނަށް ވޯޓު ދިން 71،731 ރައްޔިތުންނަކީ މުޅިން ރަނގަޅަށް ހެޔޮ ނުވިސްނޭ ﷲ އެމީހުނަށް ދެއްވި ބުއްދީގެ ބޭނުން ރަނގަޅަށް ނުކުރާ މީހުން ކަމަށެވެ. ނަމަވެސް އެ ބަސްތަކަކީ މައުމޫނަށް ވޯޓު ދިން މީހުންނަށް ކުޑަ ވެސް ދެރަ ބަހެއް ވިދާޅުވުމަށްޓަކައި ވިދާޅުވި އެއްޗެއް ނޫން ކަމަށް ވެސް 1،382 ވޯޓު ލިބިގެން އިންތިހާބުގައި އެންމެ ފުލަށް ދިޔަ އިބްރާ ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ މީހުން ހާޒިރުވި އެ ޖަލްސާގައި އަންނިގެ ރަނިންމޭޓް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ފިނޭންސް މިނިސްޓަރު ގާސިމް އިބްރާހިމާއި ކުރީގެ ޖަސްޓިސް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލާއި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ފާތުމަތު ދިޔާނާ ސައީދާއި އަދާލަތު ޕާޓީގެ ދީނީ މަޝްވަރާކުރާ މަޖިލީހުގެ ރައީސް ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ އާއި އެމްއެންސީގެ ލީޑަރު މުހައްމަދު ނައީމް (މޮނާޒާ ނައީމް) ވެސް ވާހަކަ ދެއްކެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ