ވަގުތީ ސުޕްރީމް ކޯޓެއް އެކުލަވާލައްވަން ރައީސް ނަޝީދު ނިންމަވައިފި: އޭއެފްޕީ

އޮގަސްޓު 8 ( 03: 00) - އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މީގެ ދޮޅުގަޑިއެއްހާއިރު ކުރިން ވިދާޅުވީ ވަގުތީ ސުޕްރީމް ކޯޓެއް ހެދުމުގެ އެއްވެސް ބާރެއް ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނު އަސާސީން ލިބިދީފައި ނުވާނެ ކަމަށާއި އެކަން އެ ގޮތަށް ކުރައްވައިފިނަމަ އެއީ ޣައިރު ގާނޫނީ އަމަލެއް ކަމަށެވެ.
"ސުޕްރީމް ކޯޓު އުފައްދާނެ ގޮތް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެ އޮތީ. އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލިހުން. އެއީ ރައީސުލްޖުމްހޫރިއްޔާގެ ބާރު އޮތް ކަމެއް ނޫން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
04: 21 - ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރާއްޖޭގައި ވަގުތީ ސުޕްރީމް ކޯޓެއް އެކުލަވާލައްވަން ނިންމަވައިފި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދާ ހަވާލާދީ ބައިނަލްއަގުވާމީ ނިއުސް އޭޖެންސީ އޭއެފްޕީން ބުނެފި އެވެ.
އޭޖެންސް ފްރާންސް ޕްރެސް (އޭއެފްޕީ) އިން މީގެ ގަޑިއެއްހާ އިރު ކުރިން ބުނެފައިވަނީ، ވަގުތީ ސުޕްރީމް ކޯޓެއް އުފެއްދެވުމަށް ރައީސް ނަޝީދު ނިންމެވީ، ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމަށް، އިދިކޮޅު އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުން ހުރަސްއެޅުމުން ކަމަށެވެ. އަދި ރައީސްގެ މި ނިންމެވުމާ ގުޅިގެން، މިރޭގެ މެންދަމު އިންތިގާލީ މަރުހަލާ ނިމުނު ކަމުގައި ވިޔަސް، ޝަރުއީ ދާއިރާ ހިނގަމުންދާނޭ ކަމުގެ ޔަގީންކަން ލިބިގެންދާނޭ ކަމަށް ވެސް ޝަހީދު ވިދާޅުވެފައިވެ އެވެ.
"އާ ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގައި ގާނޫނު ހަދާ މަޖިލިސް މިވަނީ ފެއިލްވެފައި. އޭގެ މާނައަކީ އާދީއްތަ ދުވަހުން ފެށިގެން މި ތާނގައި ޝަރުއީ ނިޒާމެއް ނޯންނާނެޔޭ. އެ ކަމަކު އެކަން އެ ގޮތަށް ވާކަށް ރައީސަށް ދޫކޮށެއް ނުލެއްވޭނެ،" މާލޭގައި ހުންނަވައި ޑރ. ޝަހީދު ފޯނުން ވިދާޅުވި ކަމަށް އޭއެފްޕީގައިވެ އެވެ.
"ޝަރުއީ ނިޒާމެއް ނެތި ގައުމެއް ނުހިންގޭނެ. އެހެންވީމާ ރައީސް، ވަގުތީ ސުޕްރީމް ކޯޓެއް މި ގާއިމުކުރައްވަނީ."
ޑރ. ޝަހީދު އޭއެފްޕީ އަށް ވިދާޅުވެފައިވާ ގޮތުގައި ވަގުތީ ސުޕްރީމް ކޯޓުގެ ޕެނަލްގައި ހިމެނޭނީ "ކަމުވޮށިގެންވާ ރައްޔިތުން"ނެވެ. އަދި 2008ގެ ގާނޫނު އަސާސީއާ އެކަށޭނަ ގޮތަށް އާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަޖިލީހުން ނިންމަންދެން ވަގުތީ ސުޕްރީމް ކޯޓު ދެމިއޮންނާނެ ކަމަށް ވެސް ޝަހީދު ވިދާޅުވެފައިވެ އެވެ.
ގާނޫނު އަސާސީގައި ބުނެފައިވާ ދެ އަހަރުގެ އިންތިގާލީ މަރުހަލާ މިއަދު ނިމުނު އިރު، ފަނޑިޔާރުންގެ ގާނޫނުގެ ބިލްގެ މަސައްކަތް ކޮމިޓީން އިއްޔެ ވަނީ ދިރާސާކޮށް ނިންމައިފަ އެވެ. އެ ބިލާއި އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސް ނަޝީދު ނިންމަވާފައިވާ އެ ކޯޓުގެ މިހާރުގެ ފަނޑިޔާރު އަހްމަދު ފާއިޒަށް މަޖިލީހުން ރުހުން ދިނުމަށް ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށްގެން މިއަދު، މަޖިލީހުގެ ޖަލްސާއެއް ބާއްވަން އުޅުނު ނަމަވެސް ހިޔާލު ތަފާތުވުންތައް ބޮޑުވެގެން އެ ޖަލްސާ ވަނީ ކެންސަލްކޮށްފަ އެވެ. އަދި މިއަދު ހަވީރު ރައީސް ނަޝީދުގެ އެންގެވުމަކަށް ސިފައިން ވަނީ ސުޕްރީމް ކޯޓުގެ ތަޅުދަނޑި ހިފަހައްޓައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ