އަލުން އެކުލަވާލެއްވީ ޣައިރު ގާނޫނީ ކެބިނެޓެއް ކަމަށް ކަނޑައަޅައި ދިނުމަށް ގައުމީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވި ވަޒީރުންގެ މަޖިލީހުގެ ބޭފުޅުން އަލުން ކެބިނެޓަށް އައްޔަން ކުރައްވައި މަގާމުގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހަވާލު ކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމަކާ ނުލައި ކަމަށްވާތީ އެއީ ޣައިރު ގާނޫނީ ވަޒީރުންގެ މަޖިލީހެއް ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާ ގޮތަށް ދިވެހި ގައުމީ ޕާޓީން ނިންމައިފި އެވެ.
އެ ޕާޓީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އަމީން އާންމު އަބްދުﷲ އަމީން ވިދާޅުވީ ވަޒީރުންގެ މަޖިލީހަކީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭ ބޭފުޅުން ކަމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާއިރު އަދި އެ މަޖިލީހުގެ ރުހުން ނެތި ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރައްވައިގެން އެ ބޭފުޅުން މަސައްކަތް ކުރައްވާއިރު ދިވެހި ރައްޔިތުންނަށް ޖަވާބުދާރީ ކުރުވޭނެ އެއްވެސް އުސޫލެއް މި ވަގުތު ނެތް ކަމަށެވެ.
"އެހެންވީމަ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން މި ގެންދަނީ،" އަމީން އާންމު ވިދާޅުވި އެވެ. "އަދި ހާއްސަ ގޮތެއްގައި އަޅުގަނޑުމެން ދެކޭ ގޮތުގައި ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާވުމަކީ ރައީސުލްޖުމްހޫރިއްޔާ އާއި އަދި އެހެން ހުރިހާ މުއައްސަސާތަކެއްގެ ވެސް އިސްވެރިން އަދި ދައުލަތް ހިންގުމުގެ އެންމެހައި މަގާމުތަކުގައި ތިއްބަވާ އެންމެހާ ފަރާތްތަކުން ތަބާވާން ޖެހޭ އެއްޗެއް. އެހެން ކަމުން ވަޒީރުންގެ މަޖިލީހަށް ބޭފުޅުން އައްޔަން ކުރެއްވުމުގައި އެ ބޭފުޅުން ގާނޫނީ ގޮތުން ހިޔާލު ތަފާތުވާ ކަންކަން ހުރެއްޖެ ކަމަށް ވަނީ އެ ވަޒީރުންނާ މަސްއޫލިއްޔަތުތައް ހަވާލު ކުރައްވައި ދައުލަތުން ހަރަދު ކުރައްވައިގެން އެކިއެކި މަސައްކަތްތައް ކުރުމުގެ ބަދަލުގައި އަދި ރައްޔިތުންގެ ފައިސާ ހޭދަ ކުރެއްވުމުގެ ކުރިން އެ ގާނޫނުތައް މާނަ ކުރުމަށްޓަކައި ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ކަނޑައެޅިފައިވާ އުސޫލުން ކަންތައް ކުރައްވަން ޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ."
ގާނޫނު އަސާސީގައި ބުނަނީ ވަޒީރުންގެ މަޖިލިސް އެކުލަވާލާތާ ހަތް ދުވަހުގެ ތެރޭގައި ވަޒީރުންނަށް ރުހުން އޮތްތޯ ނުވަތަ ނޫންތޯ ބެލުމަށް އެ ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ވާނެ ކަމަށެވެ. އިސްތިއުފާ ދެއްވި ވަޒީރުން މިދިޔަ ހަފުތާގެ ބުދަ ދުވަހު ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަލުން އައްޔަން ކުރެއްވިއިރު ހަތް މުއްދަތު ހަމަވާނީ މާދަމާގެ ނިޔަލަށެވެ.
މިހާރުގެ ވަޒީރުންގެ މަޖިލީހަކީ ޣައިރު ގާނޫނީ ވަޒީރުންގެ މަޖިލީހެއް ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ގައުމީ ޕާޓީން ނިންމިއިރު ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ މަޖިލީހުގެ ރުހުން ލިބިވަޑައި ނުގަތަސް އެ ބޭފުޅުން ވަޒީރުންގެ މަޖިލީހުން ވަކި ކުރެވޭނެ އުސޫލެއް ނޯންނަ ކަމަށެވެ.
ގައުމީ ޕާޓީން ބުނީ ވަޒީރުންނަށް މަޖިލީހުން ރުހުން ދެއްވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުމަކާ ނުލައި ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް އެ ބޭފުޅުން ކަންކަން ކުރައްވާފައިވާ ނަމަ އެކަން ބެލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ގައުމީ ޕާޓީގެ ނާއިބު ރައީސް އަބްދުލް މަތީން މުހައްމަދު ވިދާޅުވީ ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމާ މެދު ގާނޫނު އަސާސީ މާނަކުރުމުގައި ތަފާތުތަކެއް ސަރުކާރުން އެބަ ގެންގުޅޭ ކަމަށާއި ކުރިން އަމަލު ކޮށްފައިވާ ގޮތާ ހިލާފަށް މި ފަހަރު ކަންކަން ކުރުމުން ސުވާލު އުފެދޭ ކަމަށެވެ.
"އެހެން ނަމަވެސް ކުއްލި ބަދަލެއް އަންނަންވީ ކީއްވެތޯ އެއީ މިހާރު ސުވާލު އުފެދޭ ކަމަކީ. ގާނޫނު އަސާސީ ބަދަލެއް ނުވޭ، ރައީސް ވެސް ހުންނެވީ އޭ. ވަޒީރުންގެ މަޖިލިސް ބަދަލުކުރާއިރު ރައްޔިތުންގެ މަޖިލިސް ވެސް އެ އޮތީ. އެހެންވީމަ އެއްވެސް ކަމެއް ބަދަލު ނުވެ ހަމައެކަނި ކަންކުރާ ގޮތަށް ބަދަލު އަންނަންޖެހޭ ސަބަބެއް ނޯންނާނެ،" މަތީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމާ މެދު ގާނޫނު އަސާސީ މާނަކުރުމާ މެދު ހިޔާލު ތަފާތުވެފައިވާއިރު އެކަން ވަރަށް ބޮޑަށް ސާފުވާން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ