ނާޒިމްގެ މައްޗަށް ދައުވާކޮށްފައިވަނީ ވުޖޫދު ނުވާ ކުށަކަށް: ނާޒިމްގެ ވަކީލް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި އެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާކޮށްފައި ވަނީ "ވުޖޫދު ނުވާ ކުށެއްގެ" މައްޗަށް ބިނާކޮށް ކަމަށް އޭނާގެ ވަކީލު ޝަރީއަތުގައި މިއަދު ވިދާޅުވެއްޖެ އެވެ.ކުރީގެ އެޓޯލްސް މިނިސްޓްރީން ގަތް 15،000 ދިދައިގެ މައްސަލައިގައި ނާޒިމްގެ މައްޗަށް އުފުލާފައިވާ މަކަރާއި ހީލަތްހެދުމުގެ ދައުވާގެ ޝަރީއަތުގައި ނާޒިމްގެ ވަކީލް މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ވިދާޅުވީ ކުށް ކުރި މީހާގެ މައްޗަށް ދައުވާނުކޮށް އަދި ކުށް ސާބިތު ނުވަނީސް އެކަމުގައި އެހެން މީހަކު ބައިވެރިވި ކަމަށް ބުނެ އެމީހާގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.ސަލީމް އެގޮތަށް ވިދާޅުވީ ދިދަތައް ގަންނަން އެޓޯލްސް މިނިސްޓްރީ އަށް ބިޑް ހުށަހެޅި މީހާގެ ތަހުގީގުގައި އެއީ އޭނާ ހުށަހެޅި ބިޑެއް ކަމަށް އިއުތިރާފު ވެފައި ވާތީ އެކަމަށް ރިއާޔަތްކުރައްވަ އެވެ.އެހެންކަމުން އެ ދައުވާ ނާޒިމްގެ މައްޗަށް ނުކުރެވޭނެ ކަމަށް ވިދާޅުވެ އޭނާ ވަނީ އިޖްރާއީ މައްސަލަތަކެއް ނަންގަވައިފަ އެވެ.ވުޖޫދަށް އައިސްފައިނުވާ ކުށެއްގެ މައްޗަށް ބިނާކޮށް ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައި ހައި ކޯޓާއި ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށް ބުނާ ނިންމުންތަކެއް ވެސް ޝަރީއަތަށް ނާޒިމްގެ ފަރާތުން ވަނީ ހުށަހަޅައިފަ އެވެ.ސަލީމް ވިދާޅުވީ މީހަކު ކުރި ކުށެއްގެ މަސްއޫލިއްޔަތު ޝަހްސީ ގޮތުން އެހެން މީހަކު އުފުލަން ނުޖެހޭނެ ކަމަށެވެ. އަދި ދައުލަތާ ސުވާލުތަކެއް ކުރެއްވުމުގެ ފުރުސަތަކަށް ވެސް ވަކީލު އެދިވަޑައިގެންނެވި އެވެ. ނަމަވެސް ގާޒީ އެ ފުރުސަތު ނުދެއްވައި ޝަރީއަތް ކުރިއަށް ގެންދެވީ އެވެ.މިއަދުގެ ޝަރީއަތުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެއީ އޭނާގެ މައްޗަށް ކުރެވޭނެ ދައުވާއެއް ނޫން ކަމަށެވެ. އަދި އެއީ ހަދައިގެން ކުރާ ދައުވާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.ޕީޖީ އޮފީހުގެ ފަރާތުން ބުނީ ނާޒިމްގެ ފަރާތުން ނެގި ނުކުތާތަކަށް ޖަވާބު ދިނުމަށް ފުރުސަތެއް ބޭނުންވާ ކަމަށެވެ. ގާޒީ ވަނީ އެ ފުރުސަތު ދެއްވައިފަ އެވެ. އަދި މިއަދުގެ އަޑުއެހުން ނިންމާލެއްވީ ދެން މައްސަލަ ބާއްވާ ދުވަހެއްގައި ނާޒިމްގެ ފަރާތުން ނެންގެވި އިޖްރާއީ ނުކުތާތަކާ މެދު ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ