މައުމޫން ކުރެއްވި ކެމްޕޭންގެ ހަރަކާތްތަކަށް ތަސްމީންގެ އެއްބާރުލުން ލިބިފައެއް ނެތް: ތަރުޖަމާން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުތަކުގައި ޑީއާރުޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައި ދެއްވުމުގެ ގޮތުން ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ކުރިއަށް ގެންދެވި ކެމްޕޭން ހަރަކާތްތަކަށް ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ފަރާތްޕުޅުން އެއްބާރުލުން ލިބިފައި ނެތް ކަމަށް މައުމޫންގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފު (މުންދު) ރޭ ވިދާޅުވެއްޖެ އެވެ.
"ހަވީރާ" ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައި ދެއްވުމުގެ ކެމްޕޭން މައުމޫން ފެއްޓެވުމުގެ ކުރިން އެމަނިކުފާގެ ކެމްޕޭން ޝެޑިއުލް ތަސްމީނަށް ފޮނުއްވި ކަމަށެވެ. އަދި މައުމޫން ކުރައްވާ ދަތުރުފުޅުތަކުގައި ތަސްމީންގެ އިތުރުން ޕާޓީގެ ކައުންސިލާއި ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރުންގެ ތެރެއިން ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް ފުރުސަތު އޮތްކަން ސިޓީއަކުން ތަސްމީނަށް ދެންނެވި ކަމަށް ވެސް މުންދު ވިދާޅުވި އެވެ.
"އެކަމަކު [ތަސްމީން ފެކްޝަންގެ] އެއްވެސް ދަތުރުފުޅަކަށް ވެސް ޒައީމަށް ދައުވަތު ދެއްވާފައެއް ނެތް. އެއްވެސް ބައްދަލުވުމަކަށް ވެސް ޒައީމަށް ދައުވަތު ދެއްވާފައެއް ނެތް. ރަސްމީ ޗެނަލަކުންނެއް ނެތް ޒައީމަށް ދައުވަތު އަރުވާފައެއް،" މުންދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭގައި މައުމޫން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ކެމްޕޭންގެ އެންމެ ފަހު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ތަސްމީނަށް އެސްއެމްއެސްއަކުން ދައުވަތު އެރުވި ކަމަށެވެ. އަދި އެ ޖަލްސާގައި ކައުންސިލް މެމްބަރުންނާއި ޕާލިމެންޓްރީ މެމްބަރުންނަށް ވެސް މައުމޫންގެ ފަރާތްޕުޅުން ދައުވަތު އެރުވުމަށް އެ އެސްއެމްއެސްގައި މައުމޫން އެދިވަޑައިގެންނެވި ކަމަށް މުންދު ވިދާޅުވި އެވެ.
"ޒައީމް ހަމަ އެ މެސެޖް ޕާސްކުރެއްވި ސެކްރެޓަރީ ޖެނެރަލަށް. އަދި އެ ދައުވަތު ތަސްމީނަށާއި ކައުންސިލް މެމްބަރުންނަށާއި ޕާލިމެންޓްރީ މެމްބަރުންނަށް ފޯވާޑް ކޮށްދެއްވާށޭ ދެންނެވި. އެކަމަކު ސެކްރެޓަރީ ޖެނެރަލް އެ މެސެޖަށް އެކަށީގެންވާ ޖަވާބެއް ނުދެއްވީމަ އަނެއްކާ ޒައީމް އެ މެސެޖް ފޮނުއްވީމަ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ތިމަންނަ ތަސްމީނަށް ދަންނަވާފައޭ ތިމަންނައަށް އެ އެސްއެމްއެސް ފޯވާޑްކުރަން ކެރޭނީ. ތަސްމީން އުޅުއްވަނީ މ. އަތޮޅުގައި ވަރަށް ބިޒީކޮށްނޭ. ދެން ޒައީމް މި ވިދާޅުވަނީ ތިމަންނަ ވަކި ބޭފުޅަކަށް ގެއްލުންވާ ވާހަކައެއް ނޫނޭ މި ދަންނަވަނީ. ތިމަންނަ އަކީ ޕާޓީގެ ޒައީމޭ. މަނިކުފާނު ނުޖެހޭނެއޭ އެއްވެސް ބޭފުޅެއްގެ އަރިހުން ހުއްދަ ނަންގަވާކަށް އަޅުގަނޑު ފޮނުވާ މެސެޖެއް ބޭފުޅަކަށް ފޯވާޑް ކުރައްވާކަށް،" މައުމޫނާއި ތަސްމީނާއި ސެކްރެޓަރީ ޖެނެރަލާ ދެމެދު ހިންގެވި މުއާމަލާތްތައް މީޑިއާ އަށް ހާމަކުރައްވަމުން މުންދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކެމްޕޭންގެ ފަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ތަސްމީނަށް މައުމޫން ދެއްވި ދައުވަތަށް ޖަވާބު ނުދެއްވުމުން ދެވަނަ ފަހަރަށް ވެސް އެސްއެމްއެސް ފޮނުއްވި ކަމަށެވެ. އެކަމަކު އެއަށް ވެސް ތަސްމީން ޖަވާބެއް ނުދެއްވި ކަމަށް މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ މައުމޫން އައްޑު އަށް ވަޑައިގެންނެވުމުގެ އެއް ދުވަސް ކުރިން ތަސްމީންގެ އެސްއެމްއެސްއެއް ލިބިވަޑައިގެންނެވި ކަމަށާއި އޭގައި ވިދާޅުވެފައި ވަނީ މާލެ ސިޓީ ކައުންސިލްގެ ޑީއާރުޕީ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ހަރަކާތެއްގައި ބައިވެރިވެވަޑައިގެން ދެއްވުމަށެވެ. ނަމަވެސް އައްޑޫ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެކަމާ އުޅުއްވާނީ ކަމަށް ތަސްމީނަށް މައުމޫން ދެންނެވި ކަމަށް މުންދު ވިދާޅުވި އެވެ.
"އެކަމަކު ޒައީމް ވިދާޅުވީ ތިމަންނާ އައްޑޫން ވަޑައިގެންނެވި ފަހުން ތަސްމީން ނެތޭ އެންމެ ފަހަރަކު ވެސް ގުޅުއްވާފައެއް. އެ ވާހަކަ ދައްކަވާފައެއް ނެތް،" މުންދު ވިދާޅުވި އެވެ. "ޒައީމް މި ކެމްޕޭންގައި މަސައްކަތް ކުރައްވާފައި ވަނީ ހަމަ ހެޔޮ ހިތުން. ޕާޓީން އެއްވެސް އެހީތެރިކަމެއް ނުލިބޭ. ޒައީމް ފޮނުއްވާ މެސެޖެއް ވެސް އެ ބޭފުޅުންނަށް ފޯވާޑެއް ނުކުރެއްވުނު. އެކަމަކު ޒައީމް ހުންނާނެ އެމަނިކުފާނުގެ ކެމްޕޭން ޝެޑިއުލް ވެސް އެ ބޭފުޅުންނާ ހިއްސާ ކުރައްވާފައި. އަދި މާލޭގައި ބޭއްވި ބައްދަލުވުމުގައި ކެންޑިޑޭޓުން ސްޓޭޖަށް އަރުވައި ޑީއާރުޕީގެ ރަސްމީ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވާކަން ޒައީމް ވާނީ ހާމަ ކުރައްވާފައި."
މާލެ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލުން ޑީއާރުޕީ އަށް ލިބުނު ނާކާމިޔާބީގެ ޒިންމާ ތަސްމީން ފެކްޝަންގެ ބައެއް ބޭފުޅުން މައުމޫންގެ އިސްތަށިފުޅުގައި އަޅުވަމުން ގެންދަވާތީ މުންދު ވިދާޅުވީ އެއްވެސް އިރެއްގައި ޕާޓީގެ ރަސްމީ ކެންޑިޑޭޓް ނޫން އެހެން ބަޔަކަށް މައުމޫން ތާއީދު ކުރައްވާފައި ނެތް ކަމަށެވެ.
ތަސްމީން ފެކްޝަންގެ ބައެއް ބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި މެދު ހެންވޭރު ދާއިރާ އަށް ކުރިމަތިލެއްވި ޑީއާރުޕީގެ އިބްރާހިމް ނާޒިމާއި ހިތަދޫ ދެކުނު ދާއިރާ އަށް ކުރިމަތިލެއްވި ޑީއާރުޕީގެ މެމްބަރު އިބްރާހިމް ރަޝީދު ވަޖުދީ އަށް މައުމޫން ފެކްޝަންގެ ބޭފުޅުން ކެމްޕޭން ކުރެއްވި އެވެ. ނާޒިމާއި އިބްރާހިމް ރަޝީދު ވަޖުދީ އަކީ ވެސް އެ ދާއިރާތަކުގެ ޑީއާރުޕީ ރަސްމީ ކެންޑިޑޭޓުންނެއް ނޫނެވެ.
މުންދު ވިދާޅުވީ ނާޒިމް އެ ދާއިރާ އަށް ކުރިމަތިލެއްވީ ވެސް މައުމޫން ފެކްޝަންގެ ފަރާތްތަކާ މަޝްވަރާ ކުރައްވާފައި ނޫން ކަމަށެވެ. އަދި ނާޒިމާ މޫނުކެނޑޭ ހިސާބަށް ކަންތައް ދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ބައެއް އަމިއްލަ ގޮތުން ކުރިމަތިލި ކެންޑިޑޭޓުންނަށް ތާއީދުކުރާ ޑީއާރުޕީގެ ބައެއް އެކްޓިވިސްޓުން މިހާރު މައުމޫން ފެކްޝަންގެ ބޭފުޅުންނާ ވާހަކަ ވެސް ނުދައްކާ ކަމަށް މުންދު ވިދާޅުވި އެވެ.
"އަނެއްކާ ޕާޓީގެ އެކި ކެންޑިޑޭޓުން އެއް ދާއިރާއަކަށް ކުރިމަތިލައްވާތީ ޒައީމް ނުލާހިކު ކަންބޮޑުވެވަޑައިގެންނެވި. ޒައީމް ތަކުރާރުކޮށް ވިދާޅުވި މިހެން ވަންޏާމު ޕާޓީ ޓިކެޓުތައް ބެހޭނެއޭ. އެހެންވީމަ ޒައީމް ހުންނާނެ ގާތްގަނޑަކަށް ހަތް ބައްދަލުވުމެއްގައި ވަރަށް ސާފުކޮށް ވިދާޅުވެފައި ޑީއާރުޕީ ޓިކެޓުގައި ނުކުމެވަޑައިގަންނަވާ ބޭފުޅަކާ ވާދަކުރަން ޑީއާރުޕީ ފިކުރުގެ އެހެން ބޭފުޅަކު ކުރިމަތިލައްވާފައި ހުރިއްޔާ އޭނާގެ ނަން އަނބުރާ ގެންދާށޭ. ތި ކުރައްވާ ކަންތައްތަކުގެ އާހިރު ނަތީޖާ ވާނީ މިހެންނޭ،" މުންދު ވިދާޅުވި އެވެ. "އަދި ޒައީމް އަރިހުގައި މި އުޅޭ މީހުން އަޅުގަނޑު ކައިރީގައި، އުމަރު ކައިރީގައި ވެސް ވިދާޅުވި ކަލޭމެންނަށް ކުރެވުނުހާ ކަމެއް ކުރާށޭ އެ މީހުންގެ ނަންތައް ނަންގުވަން."
މެދު ހެންވޭރު ދާއިރާ އަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި ނާޒިމްގެ ނަން އަނބުރާ ގެންދިއުމަށް މައުމޫންގެ ބޭފުޅުން ވެސް ދެންނެވި ކަމަށް ވެ އެވެ.
ހިތަދޫ ދެކުނު ދާއިރާ އަށް ޑީއާރުޕީ ޓިކެޓުގައި ނުކުންނެވި ހުސެއިން ސޯލިހު ވިދާޅުވެފައި ވަނީ މައުމޫން އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ފެނުނީ އޭނާއާ ވާދަކުރެއްވި ޑީއާރުޕީގެ އަނެއް ކެންޑިޑޭޓް އިބްރާހިމް ރަޝީދު ވަޖުދީއާ މާ ގާތްކޮށް އުޅުއްވި ތަން ކަމަށެވެ.
މުންދު ވިދާޅުވީ އެ ދަތުރުފުޅަށް ހުސެއިން ސޯލިހުގެ ފަރާތުން އެކަށީގެންވާ އެހީތެރިކަމެއް ނުލިބުނީ ކަމަށެވެ. ނަމަވެސް އައްޑޫގައި ބޭއްވި ޖަލްސާގައި އޭނާ ތައާރަފުކޮށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ދެއްވި ކަމަށް މުންދު ވިދާޅުވި އެވެ.
"ޒައީމަކަށް ނުއެއް އިނގޭނެ ކުރިން އިބްރާހިމް ރަޝީދު ވަޖުދީ އެއީ ކާކުކަން. ކިހިނެއް ހުންނަ މީހެއްކަން. ޒައީމް ޖަލްސާ އަށް ވަޑައިގެންނެވި ވަގުތު އެތަނުގައި އޮތް ކުޅިވަރެއް ބައްލަވަން މަޑުކުރެއްވި ވަގުތު ކުއްލިއަކަށް މީހަކު ހުއްޓުނީ ޒައީމް ކައިރީގައި. ޒައީމަކަށް އެނގިވަޑައިނުގަންނަވާނެ އެއީ ކާކުކަން. އެ ތަންކޮޅު ޓީވީ އަށް އެރި. އެކަން ފެނުނީމަ އުމަރު ނަސީރު އަމިއްލަ އަށް ގޮސް ހުސެއިން ސޯލިހު ހޯދައިގެން ގެނެސް ރައީސް މައުމޫން އަރިހުގައި ހޯލް ތެރެއަށް ވެއްދީ. އެއީ އަނެއް ކެންޑިޑޭޓް ކުރިން އެ ގޮތަށް ހެދީމަ އާންމުންނަށް ކްލެރިފައި ކޮށްދިނުމަށް،" މުންދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލެ ސިޓީ ކައުންސިލާއި އައްޑޫ ކައުންސިލް ނާކާމިޔާބު ވިޔަސް އޭގެ ޒިންމާ މައުމޫން ނަންގަވާކަށް ނުޖެހެ އެވެ. އަދި މާލެ އާއި އައްޑޫގައި ކެމްޕޭން ކުރެއްވީ ވެސް މައުމޫން ކަމަށް މުންދު ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑުމެންގެ ބޮލަށް ފޫޅުކެނޑުމުގެ އެއްވެސް ހައްގެއް ނޯންނާނެ. އެއީ އަޅުގަނޑުމެންނެއް ނޫން ކެންޑިޑޭޓުންނަށް ޕާޓީ ޓިކެޓް ދިނީކީ. ޓިކެޓް ދީފައި ހުރީ ރަނގަޅަށްތޯ ނޫންތޯ އަޅުގަނޑުމެން ބަލާކަށް ނުޖެހޭ. އަޅުގަނޑުމެން އެ ޓިކެޓު ދިން މީހުންނަށް ކެމްޕޭން ކޮށްދިނިން. އެކަމަކު މައްސަލަތައް ބައިވަރު. އަޅުގަނޑުމެން ދާ ކޮންމެ ދިމާލަކުން ފެންނަނީ ޑީއާރުޕީ ރަސްމީ ކެންޑިޑޭޓުން ކުރިމަތިލާ ދާއިރާތަކަށް ޕާޓީގެ އެހެން ކެންޑިޑޭޓުން ވެސް ކުރިމަތިލައިގެން އުޅޭ ތަން. އަބަދު ޖައްސާ މައްސަލަ އަކީ ޕްރައިމަރީ ކަންތައް ގޮސްފައި ވަނީ ރަނގަޅަކަށް ނޫނޭ. އެކަމަކު ޕާޓީ ޓިކެޓު ލިބުނު މީހާ އަށް އަޅުގަނޑުމެން ކެމްޕޭން ކޮށްދިނީ،" މުންދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ