ކޮމިޓީތައް ހުއްޓުވާ މައްސަލަ ހައްލުކުރުމަށް އެދިވަޑައިގެން މެމްބަރު ނަޝީދު މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް ކުރިއަށް ގެންދިއުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވުމަށް އެދިވަޑައިގެން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު، މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ސިޓީއެއް ފޮނުއްވައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ނަޝީދު ޝާހިދަށް ފޮނުއްވި ސިޓީގައި، މަޖިލީހުގެ ކޮމިޓީތައް ކުރިއަށް ގެންދިއުމަށް މިހާރު ދިމާވެފައިވާ މައިގަނޑު މައްސަލަތައް ފާހަގަކުރައްވާފައިވެ އެވެ. އެ ގޮތުން ކޮމިޓީގައި ހިމެނިވަޑައިނުގަންނަވާ މެމްބަރުން ވަޑައިގެން ކޮމިޓީގައި ވާހަކަ ދެއްކެވުމަކީ ކޮމިޓީގެ މަސްއޫލިއްޔަތު އަދާކުރައްވަން ދަތިވާ ކަމަކަށް ވެ، ބައްދަލުވުމުގެ މާހައުލު ގެއްލިގެންދާ ކަމަށް ސިޓީގައިވެ އެވެ. އަދި ކޮމިޓީ ހިންގަމުންދާއިރު ކޮމިޓީގެ މެމްބަރުންނަށް ވުރެ ގިނައިން އެ ކޮމިޓީގައި ގޮނޑި ޖަހާފައި ހުރުމުން އެހެން މެމްބަރުން ވަޑައިގެން މޭޒު ކައިރީ ތިއްބެވުމަކީ ކޮމިޓީގެ ހައިސިއްޔަތު ގެއްލިގެންދާ ކަމެއް ކަމަށް ވެސް ނަޝީދުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
ކޮމިޓީގައި މެމްބަރުން ހަޅޭއްފުޅުލައްވައި ހެއްދުވުމުން ކޮމެޓީގެ ބައްދަލުވުމުގެ ބޭނުން ކެނޑިގެންދާ ކަމަށާއި ކޮމިޓީގެ މެމްބަރުން ނިޒާމީ މައްސަލަތައް ނެންގެވުމުގައި ވެސް އުސޫލެއް ނެތް ކަމަށް ސިޓީގައިވެ އެވެ. އެގޮތުން އެކަކަށް ކޮމިޓީ ހުއްޓުވާލެވޭ ކަމަށާއި އެންމެން އެއްބައިވެގެން އެންމެންގެ ރުހުމާއެކު ނޫން ގޮތަކަށް ކޮމިޓީގައި ކަމެއް ނުކުރޭވޭ ހިސާބަށް ގޮސްފައިވާ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
ކޮމިޓީ ހިނގަމުންދާ ވަގުތު ކޮމިޓީ ކަވަރުކުރާ މީޑިއާގެ އިދާރާތަކުގެ މުދަލާއި ތަކެއްޗަށް ލިބިދޭންޖެހޭ ރައްކާތެރިކަން ލިބެން ނެތުމުން މުޅި މާހައުލު ގޯސްވެގެންދާ ކަމަށް ވެސް ނަޝީދުގެ ސިޓީގައިވެ އެވެ.
މިކަންކަން ނުހުއްޓުވައި، ކޮމިޓީތަކުގެ މަސައްކަތް ތަހުޒީބީ ގޮތެއްގައި ސުލޫކު ހިފެހެއްޓިގެން ކުރިއަށް ގެންދެވޭނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށާއި މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނެސްގެން ނަމަވެސް މި މައްސަލަތައް ހައްލުކުރެއްވުމަށް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.
"އަދި މިއީ ކޮމިޓީތަކުން ކުރަންޖެހޭ ކަމެއް ކަމަށާއި، މަޖިލީހުގެ ރައީސް ކުރައްވަން ޖެހޭ ކަމެއް ނޫން ކަމަށް ހައްދަވައި ނުލެއްވުން އެދޭ ވާހަކަ ވެސް މި ފުރުސަތުގައި ދަންނަވާލީމެވެ،" ނަޝީދުގެ ސިޓީ ނިންމާލަމުން ވިދާޅުވެފައިވެ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމާ ގުޅިގެން ބާއްވަން ހަމަޖެއްސި މަޖިލީހުގެ ކޮމިޓީތައް ވަނީ އޮމާންކޮށް ކުރިއަށް ނުގެންދެވިފަ އެވެ. ބައެއް ކޮމިޓީތަކަށް ހުއްޓުވާފައިވަނީ މެމްބަރުން އަޑުގަދަކުރައްވައިގެންނެވެ. އަދި ބައެއް މެމްބަރުން ނިޒާމީ މައްސަލައިގައި ގަޑިއިރަކަށް ވުރެ ގިނައިރު ވާހަކަ ދައްކަވައި، ކޮމިޓީ ހުއްޓުވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ