އޯލެވެލް ފެންވަރާއެކު 20،000ރ. މުސާރައަށް އިއުލާނު ކުރެވުނީ އިދާރީ އޮޅުމަކުން: ހެލްތް މިނިސްޓްރީ

އޯލެވެލް ފެންވަރާއެކު 20،000ރ. މުސާރައަށް އިއުލާނު ކުރެވުނީ އިދާރީ އޮޅުމަކުން ކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެފިއެވެ.
އެ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އިއްޔެ އެ މިނިސްޓްރީން ކޮމިޔުނިކޭޝަން ޑިރެކްޓަރުގެ މަގާމަށް މީހަކު ހޯދުމަށް ކުރި އިއުލާނަކީ އެޑްމިނިސްޓްރޭޓިވް މައްސަލައެއްގެ ސަބަބުން އޮޅިގެން ކުރެވިފައިވާ އިއުލާނެއްކަމަށެވެ. އަދި މިހާރު އެ އިއުލާނު ބާތިލް ކޮށްފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.
ހެލްތް މިނިސްޓްރީން އެ މިނިސްޓްރީގެ ކޮމިޔުނިކޭޝަން ޑިރެކްޓަރުގެ މަގާމަށް އިއްޔެ އިއުލާނުކޮށްފައިވަނީ އޯލެވެލް ފެންވަރާއެކު 20،000ރ. މުސާރައަކަށެވެ. އެއާއެކު މުޅި ސޯޝަލް މީޑިއާގައި މިކަމަށް ފާޑު ކިޔުން އަމާޒުވިއެވެ. ގިނަ ބަޔަކު މި މަގާމަކީ ވަކި މީހަކަށް ހާއްސަ މަގާމެއް ކަމަށް ބުނަމުން އައި އިރު އެކަކު ކުރި ޓުވީޓެއްގައި، އިއުލާނުގައި މަދީ މީހާގެ ނަމާއި އައިޑީކާޑު ނަންބަރު އެކަނިކަމަށް ވެސް ބުނެފައި ވެއެވެ.
މިނިސްޓްރީން އިއްޔެ އިއުލާނު ކުރި އިރު މަގާމުގެ ޝަރުތު ކަމުގައި ކަނޑައަޅާފައި ވަނީ އޯލެވެލް ފެންވަރު ހުރުމުގެ އިތުރުން 3 އަހަރު ދުވަހު ހަބަރު ފަތުރާ ވަސީލަތެއްގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ހުރުން އަދި އެގްޒެކެޓިވް ލެވެލްގައި މަސައްކަތް ކުރުމުގެ އެއް އަހަރުގެ ތަޖުރިބާ ހުރުމެވެ.
ގިނަ ބައެއްގެ ފާޑު ކިޔުން މި އިއުލާނަށް އަމާޒުވީ ސިވިލް ސާވިސްގެ އެހެން މުވައްޒަފުންގެ މުސާރައަށްވުރެ މި އިއުލާނުގައި ބަޔާންކޮށްފައިވާ މުސާރަ ބޮޑު ވުމުންނެވެ. އަދި ބޮޑު މުސާރައަކަށް އޯލެވެލް ފެންވަރު ކަނޑައަޅާފައި ވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ