އައިއެސް ޖަމާއަތާއި ބައިވެރިވާން ސްރީލަންކާ މަގުން ދިވެހިން ސީރިއާއަށްދާ ކަމަށް ސްރީލަންކާގެ އަސްކަރިއްޔާގެ ވެރިޔާ މަހޭޝް ސެނަނަޔަކަ ދެއްކެވި ވާހަކަތަކާ ގުޅޭގޮތުން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ސްރީލަންކާގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ތިލަކް މަރަޕަނާއާއި ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވަފިއެވެ.
އައިއެސް ޖަމާއަތާއި ބައިވެރިވާން ސްރީލަންކާ މަގުން ދިވެހިން ސީރިއާއަށްދާ ކަމަށް ސްރީލަންކާގެ އަސްކަރިއްޔާގެ ވެރިޔާ ދެއްކެވި ވާހަކަތައް އިތުރަށް ސާފުކޮށްދިނުމަށް ދިވެހި ސަރުކާރުން ވަނީ މީގެ ކުރިން ވެސް އެދިފައެވެ.
އިންޑިއާގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި އެގައުމުގެ ލަންކާގެ އަސްކަރިއްޔާގެ ވެރިޔާ ދެއްކެވި ވާހަކަތަކާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ދިވެހި ސަރުކާރުން ހިއްސާކުރިއިރު ރާއްޖެއިން ވަނީ އެ ވާހަކަތަކުގެ ސަބަބުން އެގައުމުގައި ދިރިއުޅޭ ދިވެހިންނަށް ކުރިމަތިވެދާނެ ކަންކަމާއި ގުޅޭގޮތުން ވެސް ސްރީލަންކާ ސަރުކާރާ މަޝްވަރާތައް ފަށާފައެވެ.
މިކަމާ ގުޅިގެން ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ސްރީލަންކާގެ ފޮރިން މިނިސްޓަރ، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް މިއަދު ދެއްވާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ، އިންޑިއާ ކަނޑުގެ ސަރަހައްދަކީ ޓެރަރިޒަމްގެ އަމަލުތަކުން އަމާންކަން ލިބިގެންވާ ސަރަހައްދަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި ސަރަހައްދުގެ އެހެން ޤައުމުތަކާއި ގުޅިގެން ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރަމުންދާނެކަމުގެ ޔަޤީންކަން ސްރީލަންކާގެ ފޮރިން މިނިސްޓަރަށް މިނިސްޓާ ޝާހިދު ވަނީ މިއަދުވެސް އަރުވާފައިވާކަމަށެވެ.
"މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ސްރީލަންކާގައި ދިރުއުޅޭ އަދި އެޤައުމަށް ދަތުރުކުރާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް އެދިވަޑައިގަތެވެ. އަދި ސްރީލަންކާއަށް ދިމާވެފައިވާ މިޙާލަތުގައި އެޤައުމުގައި ތިބި ދިވެހި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކާއި ބެހޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ." ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
ލަންކާގެ އަސްކަރިއްޔާގެ ވެރިޔާ ދެއްކެވި ވާހަކަ ފުޅުތަކާ ގުޅޭގޮތުން އަބްދުﷲ ޝާހިދު ލަންކާ ފޮރިން މިނިސްޓަރާ މަޝްވަރާ ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ