"ފައިބާ" ކެންޕެއިނަކީ ސަރުކާރު ވައްޓާލަން ފަށާފައިވާ މަސައްކަތެއް ނޫން: އުމަރު

"އިންޑިއާ ސިފައިން ފައިބާ" މިނަމުގައި ފަށާފައިވާ ކެންޕެއިނަކީ ސަރުކާރު ވައްޓާލުމަށް ފަށާފައިވާ މަސައްކަތެއް ނޫންކަމަށް މި ކެންޕެއިންގައި އިސްކޮށް އުޅުއްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ އެމްޑީޕީއާއި، އޭނާގެ މި ހަރަކާތަށް ތާއީދުކުރާ ފަރާތްތަކަށް ކެންޕެއިންގެ މަގުސަދު ސާފުކޮށްދިނުމަށް މިއަދު ކުރައްވާފައިވާ ޕޯސްޓެއްގައެވެ.
އުމަރު ވިދާޅުވީ "ފައިބާ" ކެންޕެއިނަކީ ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފާނެ ކަމެއް އިތުރަށް ފުޅާވިޔަ ނުދިނުމަށް ކުރާ މަސައްކަތެއްކަމަށެވެ.
އިންޑިއާ ސިފައިން ރާއްހޭގައި ތިބުމަކީ މިނިވަންކަމަށް ބުރޫއަރާނެކަމެއް ނޫންކަމަށް ބައެއް ބޭފުޅުންނަށް އަދި ހީފުޅުނުވިނަމަވެސް، އިންޑިއާގެ އަމަލުތަކާއި، އެމީހުން އެހެން ކުދި ގައުމުތައް އެއްކޮށްލިތަކަށް ބަލާއިރު، މިއީ ދިވެހިން ހޭލާތިބެންޖެހޭކަމެއްކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ "އޮޅުވެއްޖެކަމަށް ހީކޮށް، ބޮޑު ސިންގާއެއް ގޭގައި ނިންދަވާކަށް ނުވާނެ"ކަމަށެވެ.
އަދި ދިވެހި ސިފައިންނަށްވުރެ ބާރުގަދަ ސިފައިންތަކެއް މި ފަސްގަނޑުގައި ބައިތިއްބާކަށް ނުވާނެކަމަށާ އެމީހުންގެ ނިޔަތް ބަދަލުވާނެ ވަގުތެއް ނޭންގޭކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އިންސާނުންނަކީ ޚިޔާލާއި، ފިކުރު ބަދަލުވާނެ ބައެއްކަމަށާ މިއަދު އެމްޑީޕީއާއި އިންޑިއާ ސަރުކާރާއި ދެމެދު އެކުވެރި ގުޅުމެއް އޮތްނަމަވެސް، މާދަމާވެސް އެ ގުޅުން ބަދަލުވެދާނެކަމަށެވެ.
އެކަމަށް މިސާލު ދައްކަވަމުން އުމަރު ވަނީ މީގެ ދިހަ އަހަރުކުރިން އެމްޑީޕީގެ ޖަގަހައިގެ ތެރޭގައި "ތިޔައީ ޒައީމޭ" މިލަވަ ޖަހާ ރައީސް މައުމޫނަށް އެމްޑީޕީ މީހުން ތައުރީފުކުރާނެކަމަށް ހީކުރީ ކާކުތޯ ސުވާލު ކުރައްވާފައެވެ. އެކަމަކު ހާލަތު ބަދަލުވެ، ގުޅުންތައް ބަދަލުވެފައިވާކަމަށާ އެހެންކަމުން އިންޑިއާއާއި އެމްޑީޕީއާއި ދެމެދުވެސް އެފަދައިން ކަން ހިނގާފާނެކަމަށެވެ.
އުމަރު ވިދާޅުވީ އެ ދުވަހަކުން އިންޑިއާ ސިފައިން އެމްޑީޕީން ސަރުކާރުން އަންގާގޮތަށްވެސް އަމަލުނުކުރާނެކަމަށާ ރައީސް ޔާމީންގެ ސަރުކާރުންވެސް އެންގުމުން ނުފޭބިގޮތަށް އެމްޑީޕީ ސަރުކާރުން އެންގިޔަސް ނުފައިބާނެކަމަށެވެ.
"މިހިރީ ދުނިޔެ ދެކެފައި ހުރި ކަންކަން. ތާރީހުގެ ތެރެއިން ފެންނަން ހުރި ކަންކަން." އުމަރުގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
ގައުމުތައް އަޅުވެތިކޮށްފައިވާ ގޮތުގެ ބައެއް މިސާލުތައް ދައްކަމުން އުމަރު ވިދާޅުވީ އަޅުގަނޑުމެންގެ މިނިވަންކަމާއިމެދު ގާފިލްވެގެން ނުވާނެކަމަށެވެ. މިރާއްޖެއަށް ލިބިފައިވާ ކުރިއެރުމުގެ އަސްލަކީ މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ދިވެހިން ގާއިމުވެތިބުމާއި ގައުމުގެ މިނިވަންކަންކަމަށް އުމަރު ވިދާޅުވިއެވެ.
"މަލިކު މީހުންނަށް އިންޑިއާގެ ދަށުގައި އޮވެގެން ލިބުނީ ކޮން އެއްޗެއްތޯ؟ ހަމަ މިކަހަލަ ރީތި ގޮނޑުދޮށްތަކާއި އެހެން ވަސީލަތްތައް އެބަހުރިތޯ." އުމަރުގެ ޕޯސްޓްގައި ސުވާލުކުރައްވާފައިވެއެވެ.
އުމަރު ވަނީ ޕާޓީގެ ވެރިންގެ ލޮޮލުން ގައުމު ނުބަލާ، އަމިއްލަ ލޮލުން ގައުމު ބެލުމަށް ގޮވާލައްވާފައެވެ.
އުމަރު ވަނީ އޭނާއާއިމެދު އޮންނަ ނަފްރަތަކުން މި ވާހަކަތަކާއިމެދު ބީރުކަންފަތެއް ނުދިނުމަަށާ ވާހަކަ ބުނާ މީހާއަށް ނުބަލާ، ބުނާ ވާހަކައަށް ބެލުމަށް އެދިފައެވެ.
ދިވެހިންގެ ގައުމު ސައްތައިންސައްތަ މުސްލި ގައުމެއްގެ ގޮތުގައި މިނިވަންކަންމަތީ އަބަދުވެސް ބޭއްވުމަކީ ދިވެހިންގެ ޒިންމާއެއްކަމަށް އުމަރު ވިދާޅުވިއެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ނޫނެކޭ ބުނުމަށް އުމަރު ގޮވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ