ރަޖިސްޓްރީ ނުކޮށް ނަރުހުންގެ ގޮތުގައި މަސައްކަތް ކުރާކަން ފާހަގަކުރެވިފައިވޭ - މިޑްވައިފަރީ ކައުންސިލް

ސަރުކާރުގެ ހޮސްޕިޓަލްތަކާއި، އަމިއްލަ ހޮސްޕިޓަލްތަކާއި، ކްލިނިކްތަކުގައި މަސައްކަތް ކުރާ ބައެއް ނަރުހުން މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގައި ރަޖިސްޓްރީ ނުކޮށް، މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށް އެ ކައުންސިލުން ބުނެއެވެ.
އެ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރައްވާ ފަރާތްތަކުން، ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ދަފުތަރުގައި ރަޖިސްޓްރީ ނުކޮށް، ދައުލަތުގެ މުއްސަސާތަކާއި އަމިއްލަފަރުދުންގެ ވިޔަފާރިތަކުގައި ނަރުހެއް ނުވަތަ މިޑްވައިފެއްގެ ގޮތުގައި މީސްމީހުން ލައްވައި މަސައްކަތްކުރުވަމުން ގެންދާކަމަށެވެ.
އަދި ރާއްޖޭގައި ނަރުހެއްގެ ގޮތުގައި ނުވަތަ މިޑްވައިފެއްގެ ގޮތުގައި މަސައްކަތްކުރެވޭނީ، މިޤާނޫނާއި މިޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައިވާ ގޮތުގެމަތިން އެކައުންސިލްގައި ރަޖިސްޓްރީކޮށް، އެކައުންސިލުން ދޫކުރާ ލައިސަންސެއްގެ ދަށުން، އެލައިސަންސްގައިވާ ޝަރުތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
"އަދި ހަމައެފަދައިން ލައިސަންސްގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުންވެސް ލައިސަންސް އައުނުކޮށް މަސައްކަތްކުރުމަކީ ޤާނޫނު ނަންބަރ 2015/13 ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގެ 93 މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުށެއްކަމުގައިދަންނަވަމެވެ". އެ ބަޔާނުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ