ޖޭއެސްސީގެ ތަހުގީގަށް ފަނޑިޔާރު އަބްދުﷲ ދީދީގެ ފުރިހަމަ އެއްބާރުލުން ލިބޭ: ޖޭއެސްސީ

ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އިން މިހާރު ކުރިއަށް ގެންދާ ތަހުގީގަށް ފަނޑިޔާރު އަބްދުﷲ ދީދީގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް ޖޭއެސްސީ އިން ބުނެފިއެވެ.
ރޭ އަބްދުﷲ ދީދީ ޖޭއެސްސީއަށް ހާޒިރުކުރުމަށް ބޭއްވި ބައްދަލުވުމަށް ފަހު މީޑީއާއަށް މައުލޫމާތު ދެއްވަމުން ޖޭއެސްސީގެ ފަރާތުން ވިދާޅުވީ މިހާތަނަށް ޖޭއެސްސީގެ ތަހުގީގު ކޮމިޓީއަށް އަބްދުﷲ ދީދީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިފައިވާ ކަމަށެވެ. އަދި ތަހުގީގު މަރުހަލާގެ ކަންކަމުގައި އެހާ ކުޑަ ވަގުތުކޮޅެއްގެ ނޯޓިސްއެއް ދިނުމުންވެސް ފަނޑިޔާރު ދީދީ ކޮމިޝަނަށް ހާޒިރުވެވަޑައިގެންނެވިކަން ޖޭއެސްސީން ފާހަގަކުރެއްވި އެވެ.
ރޭގެ ކޮމިޓީ ބައްދަލުވުމަށް ފަނޑިޔާރު ދީދީ ހާޒިރު ކުރުމުން، މި މައްސަލައިގެ ތަހުގީގު އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ދީދީގެ ފަރާތުން ވަނީ އެދިފައެވެ. މިކަން ކޮމިޝަނުންވެސް ކުރަން ބޭނުުންކަމަށާއި، ނަމަވެސް ޖޭއެސްސީ ގަވައިދުގައި ބުނާގޮތުން މިކަން ވަކި ގޮތަކަށް ނިންމޭނީ ޖޭއެސްސީ މެންބަރުންގެ ބައްދަލުވުމަކަށްފަހު، މެންބަރުން މިކަމަށް އެއްބަސްވުމުން ކަމަށް ޖޭއެސްސީން ބުންޏެވެ. އަދި އާންމުންނަށް ހުޅުވާލައިގެން ޝަރީއަތް ކުރިއަށް ގެންދިޔުމަކީ ކޮމިޝަނުން އެދޭގޮތް ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ރޭގެ ބައްދަލުވުން ނިންމާލާފައިވަނީ ޖޭއެސްސީ ގެ ނިންމުމަކަށްފަހު އަލުން ކޮމިޓީ ބައްދަލުވުމެއް ކުރިއަށް ގެންދާ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ