ކަރަންޓްގެ އަގަށް ގެނައި ބަދަލުގެ އަސަރު ކުރާނީ އަތޮޅުތެރޭގެ ފަސް އިންސައްތަ މީހުންނަށް

ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނިގެން ކަރަންޓްގެ އަގު ހެޔޮ ކޮށްފައިވާކަން ރައީސް ޞާލިހް މިއަދު އިއުލާން ކުރެއްވި ނަމަވެސް ކަރަންޓްގެ އަގަށް ގެނައި ބަދަލުގެ އަސަރު ކުރާނީ އަތޮތެރޭގައި ދިރިއުޅޭ އެންމެ ފަސް އިންސައްތަ މީހުންނަށް ކަމަށް "ވަގުތު" އަށް މައުލޫމާތު ލިބިއްޖެއެވެ.
ރާއްޖޭގައި ކަރަންޓް ބޭނުން ކުރާ މިންވަރުގެ ތަފާސް ހިސާބުތަކުގެ މައުލޫމާތު އެނގޭ ސަރުކާރުގެ އިސް ބޭފުޅަކު މިއަދު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަތޮޅުތެރޭގެ 95 އިންސައްތަ މީހުންނަކީ 400 ޔުނިޓަށް ވުރެ މަދުން ކަރަންޓް ބޭނުން ކުރާ މީހުންނެވެ.
"ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 400 ޔުނިޓަށް ވުރެ މަދުން ކަރަންޓް ބޭނުންކުރާ ޔުނިޓްތަކުގެ އަގުތައް ވަނީ މާލެ އާއި އެއް ވަރަށް އަތޮޅުތެރެއަށް ކުޑަކޮށް، އެއްހަމަކޮށްފައި. އެފަހަރު ވެސް 400 ޔުނިޓްގެ ބޭންޑަށް ބަދަލު ނުގެނައީ އެއީ އާއްމު ގިނަ ރައްޔިތުން ބޭނުންކުރާ މިންވަރުގެ އަދަދަކަށް ނުވާތީ." ކުރީ ސަރުކާރާއި، މި ސަރުކާރުގައި ވެސް ހަކަތައިގެ ދާއިރާ އިން ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅާ ވިދާޅުވިއެވެ.
އަގަށް ގެނައި ބަދަލުގެ ސަބަބުން ކަރަންޓްގެ އަގު ހެޔޮ ވެފައި ވަނީ މާލެ އާއި އަތޮޅުތެރޭގެ ވިޔަފާރިވެރިންނަށެވެ. "ވަގުތު" އަށް މައުލޫމާތު ދެއްވި ބޭފުޅާ ވެސް ވިދާޅުވީ މާލޭގެ ގޭބިސީތަކަށް ވެސް ސަރުކާރުން ގެނައި ބަދަލުގެ އަސަރެއް ނުކުރާނެއެވެ.
"މިއީ އަގުހެޔޮ ވުމެއް ނޫން. މިއީ ރަށްރަށުގެ ވެސް އެންމެ ކުދި ވިޔަފާރިތަކަށް އަސަރު ކުރާނެ ބަދަލެއް ނޫން. މިކަމުގެ އަސަރު ކުރާނީ އަތޮޅުތެރޭގައި ވެސް ހުންނަ އެންމެ ބޮޑެތި ވިޔަފާރިތަކަށް." މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.
ކަރަންޓްގެ އަގު މިމަހުގެ 01 ވަނަ ދުވަހުން ފެށިގެން ހެޔޮ ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި ނަމަވެސް ހެޔޮވި އަގުގެ ތަފްސީލެއް ނުދެއްވައެވެ.
ރައީސް ވިދާޅުވީ އައްޑު އާއި ފުވައްމުލަކުގެ ބިޒްނަސް ކެޓަގަރީގެ ރޭޓުތަކާ އެއްވަރަށް އެހެން ރަށްރަށުގެ ބިޒްނަސް ކެޓަގަރީގެ އަގުތައް ވެސް ވާނީ ކުޑަކުރެވިފައި ކަމަށެވެ.
"އަޅުގަނޑުމެން ކަރަންޓުގެ އަގަށް މި ގެނައި ހެޔޮ ބަދަލުގެ ތެރޭގައި އަތޮޅުތަކުގެ ބިޒްނަސް ކެޓަގަރީގެ ބޭންޑުތަކުގެ އަގުގެ ތަފާތުތައް ވެސް އެއްހަމަ ކުރެވިފައި ވާނެ. މިގޮތުން އައްޑު އާއި ފުވައްމުލަކުގެ ބިޒްނަސް ކެޓަގަރީގެ ރޭޓުތަކާ އެއްވަރަށް އެހެން ރަށްރަށުގެ ބިޒްނަސް ކެޓަގަރީގެ އަގުތައް ވެސް ވާނީ ކުޑަކުރެވިފައި،" ރައީސް ވިދާޅުވި އެވެ.
ކަރަންޓްގެ އަގު ހުރިހާ އެންމެންނަށް ވެސް ހެޔޮ ކުރުމަކީ ރައީސް ޞާލިހްގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނުގެ ސަރުކާރުން 100 ދުވަހުގެ ވައުދުތައް އާއްމު ކުރިއިރު ވެސް ލިސްޓް ކޮށްފައި އޮތީ "ކަރަންޓްގެ އަގު ހެޔޮކުރުމެވެ." ނަމަވެސް ކަރަންޓްގެ އަގަށް ގެނައި ބަދަލުގެ އަސަރު އާއްމު ރައްޔިތުންނަށް ނުކުރާނެކަން އެނގުމާއި އެކު ގިނަ ބަޔަކު ގެންދަނީ މީސް މީޑިއާގައި ސަރުކާރަށް ފާޑުކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ