ވިލިނގިލީ ކަރަންޓް މައްސަލަ ހައްލު ކުރަން އެބަ މަސައްކަތް ކުރަން: ފެނަކަ

ގއ. ވިލިނގިލީ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަށް ހައްލެއް ހޯދުމަށް އެ ރަށު އިންޖީނުގެ ހިންގަމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ. އިއްޔެ ހަވީރު 5:00 އިން ފެށިގެން ވިލިނގިލީ އިންޖީނުގޭ 800 ކިލޯ ވޯޓުގެ ޖެނެރޭޓް ހަލާކުވުމުގެ ސަބަބުން މުޅި ރަށަށް އެއްފަހަރާ ކަރަންޓު ދިނުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. ފެނަކަ ކޯޕަރޭޝަނުން ރޭ ކުރި ޓްވީޓެއްގައި ބުނީ، އެ ރަށުގެ ބޮޑު ބައެއް ގައި ކަރަންޓު ނެތުމަކީ، އެ ކުންފުނިން ހިތާމަ ކުރާ ކަމެއް ކަމަށާއި އެ މައްސަލަ ހައްލު ކޮށް މުޅި ރަށަށް ކަރަންޓް ދިނުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ. "މިކަން ހައްލު ކޮށް، މުޅި ރަށަށް ކަރަންޓު ދިނުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން ދާނެ ކަމުގެ ޔަގީން ކަން ވިލިނގިލީގެ ލޮބުވެތި ރައްޔިތުންނަށް އަރުވަން،" ފެނަކަ އިން ބުންޏެވެ. މި ދަނޑިވަޅުގައި ރައްޔިތުންގެ ފަރާތުން ކެތްތެރިކަމާ އެއްބާރުލުން ދެއްވުމަށް އެކުންފުނިން އެދިވަޑައިގެންނެވި އެވެ. https://twitter.com/TeamFenaka/status/1133404237646376960 ވިލިނގިލިން ވާހަކަ ދެއްކި މީހަކު މިއަދު "ސަން" އަށް ވިދާޅުވި، ރޭ ދަންވަރު 12:00 އިން ފެށިގެން ކަރަންޓު ކެނޑިފައި ނުވާ ކަމަށާއި ނަމަވެސް މިއަދު ހެނދުނު 6:00 އިން ފެށިގެން އަނެއްކާވެސް ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެމުންދާ ކަމަށެވެ. ވިލިނގިލީ ކައުންސިލްގެ ރައީސް މުސްތަފާ މުހައްމަދު އިއްޔެ "ސަން" އަށް ވިދާޅުވީ، ވިލިނގިލީ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނާންނަތާ މިހާރު ހަތަރުވަރަކަށް އަހަރުވެފައިވާ ކަމަށާއި ސަރުކާރާ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައި ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އެދެވޭ ހައްލެއް އައިސްފައި ނުވާ ކަން ކައުންސިލް ރައީސް ފާހަގަ ކުރެއްވިއެވެ. ވިލިނގިލީގައި މައި ޖެނެރޭޓަރު ހަލާކުވެ ކަަރަންޓު ދިނުމުގައި ދަތިތަކެއް ދިމާވެފައިވާއިރު، ރަމަޟާން މަސް ފެށިގެން ވަރަށް ގިނަ ރަށްތަކުން ކަރަންޓް ކެނޑުމުގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ