މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކޮށް ވައިގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލާފަކޮށްފައިވާތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް އިލްތިމާސްކުރަމެވެ.
އެގޮތުން މިއަދާއި މާދަމާވެސް އުތުރުގެ ބައެއް އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އޭގެ އިތުރުން މިއަދު 15:00 އިން 18:00 އަށް އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށް ޔެލޯ އެލާޓް ވަނީ ނެރެފައެވެ.
ކަނޑުދަތުރު ކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަގީންކުރުމަށް މިފުރުސަތުގައި ހަނދާންކޮށްދެމެވެ. ވަކިން ހާއްސަކޮށް މުދާ އުފުލާ އުޅަނދުތައް ބަރުކުރުމުގައި ހުއްދަ ދީފައިވާ މިންގަނޑަށްވުރެ ބަރު ނުކުރުމަށާއި، ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ސަލާމަތީ އާލާތްތައް ފަސޭހައިން އަތުޖެހޭ ގޮތަށް ބެހެއްޓުމަށް އިލްތިމާސްކުރަމެވެ. އޭގެ އިތުރުން، މުވާސަލާތު ކުރުމަށް ބޭނުންކުރާ ސެޓްފަދަ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ޔަގީންކުރުމަށްފަހު ނޫނީ ދަތުރު ނުފެށުމަށް ވެސް އިލްތިމާސްކުރަމެވެ. އަދި ކަނޑު ގަދަ ކަމުގައިވާނަމަ ދަތުރު ނުކުރުމަށް އިލްތިމާސްކުރަމެވެ. އަދި ލައިފް ޖެކެޓު އަޅުއްވައިގެން ދަތުރު ކުރެއްވުމަށް އިލްތިމާސްކުރަމެވެ.
މޫސުމަށް އަންނަ ބަދަލާއެކު ފަޅުތެރޭގެ އޮޔަށް ބަދަލުއައިސް ދިމާވާ ހާދިސާތަކުގެ ސަބަބުން، ފަޅުގައި އަޅާފައިއޮންނަ އުޅަނދުފަހަރަށް މީގެ ކުރިންވެސް ގެއްލުންތައް ލިބިފައިވުމާއެކު، އުޅަނދުފަހަރު އެޅުމުގައި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ނަގިލި ކަހާލުމާއި ދިޔަވުންފަދަ ކަމެއް ދިމާވެދާނެކަމަށްޓައި ސަމާލުވެ، ރަނގަޅަށް ބެލެހެއްޓުމަށްވެސް މިފުރުޞަތުގައި އިލްތިމާސްކުރަމެވެ.
ވިއްސާރަވެ މަގުމަތީގައި ފެންހެދިފައި އޮންނަ ވަގުތުތަކުގައި މަގު ހިނގާ މީހުންނާއި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުންވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ވަކިން ހާއްސަކޮށް މަގުތަކުގައި ފެންހެދިފައި އޮންނަ ވަގުތުތަކުގައި ބާރު ސްޕީޑުގައި އުޅަނދު ދުއްވުމަކީ ނުރައްކާތެރި ހާދިސާއެއް ކުރިމަތިވެ ދުއްވާ މީހާ އަށާއި މަގު ހިނގާ މީހުންނަށް އަދި އުޅަނދަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބި އިއާދަ ނުކުރެވޭފަދަ ގެއްލުމަކާ ކުރިމަތި ވެދާނެކަމެއްކަމުގައި ވާތީ އެކަންކަމަށްވެސް ރައްޔިތުން ސަމާލުކަން ދިނުމަށް ހުރިހައި ރައްޔިތުންނަށް މިފުރުޞަތުގައި އިލްތިމާސް ކުރަމެވެ. އަދި މަގުމަތީގައި ފެން ހެދިފައި އޮންނައިރު އެހެންމީހުންގެ ގަޔަށް ފެން ނުބުރާނެގޮތަށް އުޅަނދު ދުއްވުމަށް ސަމާލުކަންދެއްވުމަކީ އެދެވިގެންވާ ކަމެކެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަބަދުވެސް އެޅުމަށާއި މުދަލަށް ލިބޭ ގެއްލުންތައް ކުޑަކުރެވޭނެ ގޮތަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރެއްވުމަށް އިލްތިމާސްކުރަމެވެ. އަދި މޫސުން ގޯސްވާ ވަގުތުތަކުގައި ކުރާ ދަތުރުތައް ފެށުމުގެކުރިން އެދަތުރާބެހޭ މައުލޫމާތު ކޯސްޓްގާޑަށާއި ފުލުހުންނަށް ހިއްސާ ކުރެއްވުމަށްވެސް ނަސޭހަތްތެރި ވަމެވެ.
ހދ. ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދުއަށް 10 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ކުޑަ ލޯންޗެއް ބަންޑުން ޖަހާލައި މިއަދު ހިނގި ކަނޑުމަތީގެ ހިތާމަވެރި ހާދިސާއެއްގައި ފަސް މީހަކު ވަނީ ނިޔާވެފައެވެ
މޫސުން ރަނގަޅެއްނޫން: ރައްކާތެރިކަމަށް ސަމާލުވެލައްވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ