ފީއަލީން ކަރަންޓް ކެނޑި ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެ

ފ. ފީއަލިން ކަރަންޓް ކެނޑި ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ފީއަލި ކައުންސިލުން ބުނެފި އެެވެ.
ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ފީއަލި ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް ވިދާޅުވީ އެރަށުން ކަރަންޓް ކެނޑުނީ ރޭ މެންދަމު 1:00 ޖެހިއިރު ކަމަށާއި އޭގެފަހުން ރަށު ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ލިބެމުން ނުދާ ކަމަށެވެ.
ޖަލީލް ވިދާޅުވީ ކަރަންޓް ކެނޑުނީ ފީއަލި ފެނަކަ އިދާރާއާއި މައި ޖަންކްޝަނާއި ދެމެދު އަޅާފައިވާ 200 ފޫޓް ދިގު މައި ކަރަންޓް ކޭބަލް އަނދައިގެން ދިއުމާ ގުޅިގެން ކަމަށެވެ. މަގުކޮނެ އެ ކޭބަލް އާކޮށްގެން ނޫނީ ރަށަށް ކަރަންޓް ދެވެން ނެތުމުން ފ. ދަރަނބޫދޫއިން ކަރަންޓް ކޭބަލް ފީއަލީއަށް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. އަދި ކުޑަހުވަދޫގައި ތިބޭ ފެނަކަ ރީޖަނަލް އޮފީހުގެ ޓީމެއް ފީއަލީގެ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ފީއަލީއަށް ދަތުރުކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
"ފެނަކައިން މިބުނަނީ މައި ކޭބަލް އަނދާފައިވާތީ ދެން ކޭބަލް އަޅައިގެންނޭ ވާނީ. އަޅުގަނޑުމެންގެ އިންތިހާބީ މެންބަރުވެސް ފެނަކައިގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށްފަހު މިހެން ވިދާޅުވީ،" އޭނާ ވިދާޅުވި އެވެ.
ޖަލީލް ވިދާޅުވީ ފީއަލީގައި ކަރަންޓް ދެމުންގެންދާތާ އެތައް އަހަރެއްވެފައިވާއިރު މިހާރުވެސް ރަށަށް ކަރަންޓް ދެނީ އެންމެ ކުރިންވެސް އަޅާފައިވާ އިހުގެ ކަރަންޓް ކޭބަލްތައް ބޭނުންކޮށްގެން ކަމަށެވެ. ނަމަވެސް ރަށުގެ އާބާދީ ބޮޑުވެ، ބޭނުންކުރާ ކަރަންޓް ސާމާނު އިތުރުވުމާ ގުޅިގެން މިހާރު އަޅާފައިވާ ކޭބަލުން ރަށުގެ ބައެއް ސަރަހައްދުތަކަށް އެކަށީގެންވާ ގޮތަށް ކަރަންޓްގެ ހިދުމަތް ނުލިބި ރައްޔިތުންނަށް ބޮޑެތި ތަކްލީފްތަކެއް އުފުލަންޖެހިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ޖަލީލު ވިދާޅުވީ ފީއަލީގެ އިންޖީނުގެ ހުންނަނީވެސް ރަށު ތެރޭގައި މީހުން އުޅޭ ސަރަހައްދުގައި ކަމަށްވާތީ އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކޮށްދިނުމަށާއި ފީއަލީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފެނަކައާއި ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުގައި ތަކުރާރުކޮށް ދަންނަވާފައިވާ ކަމަށެވެ. ނަމަވެސް އެކަށީގެންވާ ހައްލެއް މިހާތަނަށް ވެސް ލިބިފައި ނެތް ކަންވެސް ޖަލީލު ވަނީ ފާހަގަކުރައްވާފަ އެވެ.
ޖަލީލު ވިދާޅުވީ ފީއަލީގައި ކަރަންޓްގެ ހިދުމަތް ދިނުމަށް 6 ޖަނަރޭޓަރު ހުރި ނަމަވެސް ގަވައިދުން ބޭނުންކުރަނީ ދެ ޖަނަރޭޓަރު ކަމަށާއި އެތަނުންވެސް އެއް ޖަނަރޭޓަރަށް ދޭތެރެދޭތެރެއިން މައްސަލަ ދިމާވަމުންދާ ކަމަށެވެ.
އެމްޑީޕީގެ ކައުންސިލަރެއް ކަމަށްވާ ޖަލީލު މިސަރުކާރަށް ފާޑުވިދާޅުވަމުން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް ބޮޑެތި ވައުދުތަކެއް ވެވަޑައިގެން ރައްޔިތުންނަށް ދަތިވެފައި ހުރި ކަންކަން ކޮށްދެއްވުމަށް ކަމަަށެވެ. ނަމަވެސް ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފީއަލީ އަށް ކޮށްދެއްވުމަށް ވައުދުވެވަޑައިގެންނެވި ކަންކަން ކޮށްދެއްވާފައި ނުވާ ކަމަށާއި އެހެންކަމުން މިސަރުކާރު އަދި ފެންނަނީ ބަރުހެލި ސަރުކާރެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވި އެވެ.
"ބަދަލުވީ ހަމައެކަނި ވެރިކަން ކުރަން ހުންނެވި ބޭފުޅާއާއި މިނިސްޓަރުން. އަޅުގަނޑުމެންނަކަށް ސަރުކާރު ބަދަލުވެގެން އަދި އެއްވެސް ކަމެއް ނުވޭ. އެކަމަކު އުއްމީދުކުރަނީ އާ މަޖިލީހާ އެކު ކަންކަން ބާރަށް ކުރެވިގެންދާނެ ކަމަށް،" ޖަލީލު ވިދާޅުވި އެވެ.
ފީއަލީ އަކީ އާބާދީގައި 1257 މީހުން ދިރިއުޅޭ 190 ގޭބިސީ ހުންނަ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ