ކުރިއަށް އޮތް ދެ ދުވަހު ވެސް މޫސުން ގޯސްވާނެ

މިއަދާއި މާދަމާ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން މިއަދު ބުނެފި އެވެ.
މި އަހަރުގެ އަޟްހާ އީދު ދުވަސް މިއަދު ފާހަގަ ކުރަމުން ދާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ، މިއަދު ހެނދުނުން ފެށިގެން މާދަމާ ހެނދުނު 10 އާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އެހެން ސަރަހައްދުތަކަށް ވުރެ ދެކުނުގެ އަތޮޅުތަކަށް ވައިގެ ގަދަވާނެ ކަމަށް ލަފާ ކުރެވޭއިރު، ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދަ އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެންވެ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވާން މެޓް އޮފީހުން އެދެ އެވެ.
ދެކުނު ބައެއް ރަށްރަށަށް ރޭ ވެސް މޫސުން ގޯސްވުމުން ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ. އެގޮތުން ވައި ގަދަވެ، އައްޑޫގެ ބައެއް ގޭގެ ފުރާޅު އެއްލާލުމުގެ އިތުރުން ގަސްތައް ވެއްޓި އަދި ބައެއް ގޭގެއަށް ވަނީ ފެން ވަދެފަ އެވެ. އަދި ފުވައްމުލަކާއި ގދ. އަތޮޅުގެ ބައެއް ރަށްރަށުގައި ވެސް ފުރާޅު އެއްލާލުމާއި ގަސް ވެއްޓުމުގެ ހާދިސާތައް ހިނގާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ