އާންމު ގާނޫނުތަކުގައި އަމާންކަން ގެއްލޭ ވާހަކަތައް މަނާކޮށްފައި އޮތް މާއްދާ ހައިކޯޓުން ބާތިލު ކުރި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ނިންމައިފި އެވެ.
ރާއްޖޭގައި 1968 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ އާންމު ގާނޫނުތަކުގެ އަށް ވަނަ މާއްދާގެ ދެވަނަ ނަމްބަރުގެ ދަށުން އަމާންކަން ގެއްލޭ ވާހަކަތައް ދެއްކުން މަނަލެވެ. އެގޮތުން އޭރު ޕްރޮގްރެސިވް ކޯލިޝަނުން ރާއްޖޭގައި ބޭރުގެ އަސްކަރިއްޔާގެ އިންޑިއާ ސިފައިން އެބަތިބިކަމަށް ބުނެ ކުރިޔަށް ގެންދިޔަ ހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު ބާތިލު ކުރުމަށް ހައިކޯޓަށް ހުށަހެޅު ދުސްތޫރީ މައްސަލައިގެ ތެރޭގައި ގާނޫނުގެ އެ ބައި ބާތިލު ކުރުމަށް އެދުމުން އެ ކޯޓުން ނިންމީ ގާނޫނުގެ އެބައި ބާތިލު ކަމަށެވެ.
އެކަމަކު އެ ގަރާރުގެ މައްސަލައަކީ ދުސްތޫރީ މައްސަލައެއް ނޫންކަމަށް ކޯޓުން ނިންމި އެވެ.
ގާނޫނުގެ އެބައި ބާތިލު ކުރި މައްސަލަ އިސްތިއުނާފު ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީ އޮކްޓޯބަރު 04 ގަ އެވެ.
ގާނޫނުގެ އެ މާއްދާ އިސްލާހު ކުރުމަށް ދައުލަތަށް ފުރުސަތު ދިނުމުން ދައުލަތުން ހައިކޯޓުގައި އެދުނަސް ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައި ވަނީ ގާނޫނުއަސާސީ އާ ހިލާފުވާ ގާނޫނުތައް އިސްލާހު ކުރުމަށް ދައުލަތަށް 15 އަހަރު ލިބުމުން ވެސް އެ މަސައްކަތް ނުކުރެވުނު ކަމަށެވެ. އެހެންވެ އިތުރު ފުރުސަތެއް ދެން ދޭން ނުޖެހޭނެކަމަށް ނިންމައި އެ މާއްދާ ބާތިލު ކުރުމަށް ހަތަރު ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމީ އެވެ.
މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ނިންމެވީ ހައިކޯޓުގެ ނިންމުން ގޯސްކަމަށް ބަލަން ޖެހޭ ސަބަބެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ. ރެޖިސްޓްރާ އެގޮތަށް ނިންމެވި ނމަވެސް އެ ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ދައުލަތަށް އޮންނާނެ އެވެ.
އަމާންކަން ގެއްލޭ ވާހަކަ މަނާކުރި މާއްދާ ބާތިލްކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ