ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު، އިތުރު ދައުރަކަށް ވާދަކުރަން ފޯމު ހުށަހެޅުމަށް ފަހު ނަން އަނބުރާ ގެންގޮސް އަނެއްކާވެސް އިންތިހާބުގައި ވާދަކުރަން ބޭނުންވެ ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރެޖިސްޓްރާ ނިންމަވައިފި އެވެ.
ރަޝީދު އިންތިހާބީ މައްސަލައެއް އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށް ހުށަހެޅުއްވީ މީގެ ހަފްތާއެއް ދުވަސް ކުރިންނެވެ. އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅި ކެންޑިޑޭޓުން ނަން އަނބުރާ ގެންދަން ބޭނުންވާނަމަ ހުޅުވާލި ފުރުސަތުގައި ރަޝީދު ނަން ނަގަން ޖެހުނީ ކޮން ސަބަބަކާ ހުރެކަން ސާފެއް ނޫނެވެ. އެކަމަކު އޭގެ ގިނަ ދުވަސް ފަހުން، ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ލިސްޓު ވެސް އާންމުކޮށްފައި ވަނިކޮށް އިންތިހާބުގައި ވާދަކުރަން ބޭނުންވެ ރަޝީދު މައްސަލަ ކޯޓަށް ހުށަހެޅީ އެވެ.
އޭގެ ކުރިން ރަޝީދު ވަނީ އޭނާގެ ފޯމު ބަލައިގަތުމަށް އެދި އިލެކްޝަނަށް ވެސް ހުށަހަޅާފަ އެވެ. އެކަމަކު ކޮމިޝަނުން ބުނީ، އަލުން ލިސްޓުގައި ރަޝީދުގެ ނަން ނުހިމެނޭނެ ކަމަށެވެ.
މި މައްސަލައިގައި ހައިކޯޓުގެ ރެޖިސްޓްރާ ނިންމެވީ ރަޝީދު ހުށަހެޅި މައްސަލަ އެ ކޯޓަށް ބެލިދާނެކަމަށް ނުފެންނަ ކަމަށެވެ. އޭގެ ސަބަބަކީ އިންތިހާބުގައި ކުރިމަތިލުމަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުން، ހުށަހަޅަން ޖެހޭނީ ސުޕްރީމް ކޯޓަށްކަމަށް ވާތީ އެވެ.
ހިތަދޫ މެދު ދާއިރާއަށް މިހާރު ވާދަ ކުރާ ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ޝުއާއު އާއާއު އާއި ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު އަޒާނެވެ.
އަލުން ވާދަކުރަން ބޭނުންވެ ރަޝީދު ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައެއް ނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ