މެމްބަރު ސަނީފް މީހަކަށް ހަމަލާދެއްވާ ވީޑިއޯއެއް

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް، އިއްޔެގެ ޕްރައިމަރީ ތެރޭގައި މީހަކަށް ހަމަލާދޭ ތަން ފެންނަ ވީޑިއޯއެއް އާއްމުވެއްޖެ އެވެ.
އެނގުން މުހިއްމު- ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ވާދަވެރި ރިޔާސީ ޕްރައިމަރީ އިއްޔެ ނިންމާލީ، ހިޔާލު ތަފާތުވުމާއި ހަމަނުޖެހުންތަކާ ވެސް އެކު އެވެ. ބައެއް ރަށްރަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ފަޅާލައި ވޯޓުތައް އުކާލިއިރު، ހަމަނުޖެހުން ހިންގި ބައެއް މީހުން ހައްޔަރު ވެސް ކުރި އެވެ.
ވީ ކިހިނެއް؟- އިއްޔެ ގދ. ތިނަދޫގެ ދެކުނު ފޮށި ބަހައްޓާފައި ހުރި އަބޫބަކުރު ސްކޫލުގައި ވެސް ހަމަނުޖެހުން ހިންގި އެވެ. ވޯޓު ކަރުދާހެއްގެ ފޮޓޯއެއް ނެގި ކަމަށް ބުނެ، ހަމަނުޖެހުން ހިންގައި އެތަނުގައި ހުރި ވޯޓު ފޮށި ވެސް ފަޅާލި އެވެ. 
މިހާރު ދައުރުވާ ވީޑިއޯގައި، ރައީސް ސޯލިހު ފަޅީގައި ހުންނެވި ސަނީފް މީހަކަށް ހަމަލާ ދެއްވާ މަންޒަރު ސާފުކޮށް ފެނެ އެވެ. މީހެއްގެ ފަހަތުން ކަރުގައި ހިފައި، އެތަނުގައި ހުރި މޭޒަކަށް ދެ މީހުން އެކީގައި ވެއްޓެ އެވެ. އޭނާ ނޫނަސް އެތައް ބަޔަކު މި ތަޅާފޮޅުމުގައި ބައިވެރިވި އެވެ.
ބުނީ ކީކޭ؟- އެ މައްސަލައާ ގުޅިގެން މިއަދު 'ދައުރު'ން ސަނީފްއާ ސުވާލުކުރުމުން އޭނާ ވަނީ އެކަމަށް އިންކާރުކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ އެ ވީޑިއޯ އން ފެންނަނީ ވޯޓު ފޮށި ފަޅާލަން ދިޔަ މީހަކު ހިފަހައްޓާ މަންޒަރު ކަމަށެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނީ އެ ހަމަނުޖެހުމުގެ ވަރަށް ކުޑަ މަންޒަރުތަކެއް ކަމަށް ވެސް ވިދާޅުވި އެވެ. 
"ހަމަލާ ދިނުމާއި ހިފައިގަތުމާ ވަރަށް ތަފާތު ދޯ؟ އެހެން ވީޑިއޯތައް ބަލާ، އޭރުން ފެންނާނެ ވޯޓު ފޮއްޓާ ދިމާލަށް އައި ގޮތާއި އައިމަ އެ މީހާ ގައިގައި ހިފެހެއްޓިކަން،" ސަނީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެފަދަ ހަމަނުޖެހުންތަކެއް ހިނގީ ތިބި ފުލުހުން ވެސް މަދުވުމުންނެވެ.
"ދެން ފޮއްޓަށް ހަމަލާދޭން ފެށީމާ އަޅުގަނޑާއި ދެތިން އަންހެންވެރިން، ދެކުނު ދާއިރާގެ ރައީސާއި [ޒިފްލީން ހަސަން] އަދި ކެމްޕެއިން ޓީމުގެ ގިނަ ބަޔަކު ހަރަކާތްތެރިވި ވޯޓު ފޮށި ހިމާޔަތްކުރެވޭތޯ. ހިމާޔަތްކުރަން އެދިޔަ ކަންތައްތަކުގެ ތެރޭގައި އެ މަންޒަރުތައް ވެސް ފެނުނީ،" ސަނީފް ވިދާޅުވި އެވެ.
އެކަމަކު ހަމ ަލޮލުން މަންޒަރު ދުށް މީހުން ސަނީފްގެ އެ ވާހަކަތައް ދޮގުކުރި އެވެ. އެ ހަމަނުޖެހުން ހިނގައި ދިޔައިރު އެތަނުގައި ހުރި މީހަކު 'ދައުރު' އަށް ބުނީ މަރުކަޒުގައި ހަމަނުޖެހުން އުފެދުނީ ވޯޓު ލާއިރު، ވޯޓު ކަރުދާސް ފެންނަ ގޮތަށް ބަޔަކު ވީޑިއޯކުރަން ތިބި މައްސަލައިގެ ޝަކުވާ ބޮޑުވެ އެ މައްސަލަ ހައްލުނުކުރެވުމުން ކަމަށެވެ.
"ފޮޓޯ ނަގައިގެން މީހަކު ނުކުތީ. ދެން އެ ހިސާބުން ސަނީފްމެން އެތަނަށް ވަނީ. ފޮޓޯ ނަގާ މައްސަލަ ބޮޑުވެގެން ގޮސް ނަޝީދަށް ތާއީދުކުރި ބަޔަކު ވޯޓު ފޮށި ފަޅާލަން އުޅުނީމަ ތަޅައިގަތީ،" އޭނާ ކިޔައިދިނެވެ.
އޭނާ ބުނިގޮތުގައި ވޯޓު ފޮއްޓާ ދިމާލަށް ދިޔަ މީހަކަށް ސަނީފް ހަމަލާދެއްވާ މަންޒަރު އޭނާ އަށް ވެސް ފެނުނެވެ.
"ޔަގީނުން ވެސް އޭނާ ގައިގައި [ސަނީފް] ޖެހިތަން ދުށިން،" އޭނާ ބުންޏެވެ.
ގުޅުން ހުރި ކަމެއް- އެ ހަމަނުޖެހުމުގެ ވީޑިއޯ އާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، އެމްޑީޕީގެ ތިނަދޫ ދެކުނު ދާއިރާގެ ރައީސް އަދި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަން ވެސް މީހަކަށް ހަމަލާދެއްވާ ކަމުގެ ތުހުމަތު ބައެއް މީހުންކުރެ އެވެ. އެކަމާ ގުޅިގެން މިއަދު 'ދައުރު' އިން ސުވާލުކުރުމުން އޭނާ ވިދާޅުވީ އެ ފޮޓޯތަކުން އެ ފެންނަނީ އެހެން މީހެއް ކަމަށެވެ. 
"އަޅުގަނޑު ހުރީ ރީނދޫ ކުލައިގެ ޓޮޕަކާއި ނޫ ކުލައިގެ ބުރުގާއެއް އަޅައިގެން. ސީން ކްރިއޭޓް ވުމާ އެކު އަޅުގަނޑުގެ ޓީމުން އަޅުގަނޑުގެ އަތުގައި ހިފާ ދުރަށްލީ. އަޅުގަނޑު އުޅުނިން ދާން ވެސް. އެކަމަކު ޓީމުން އެކަން ހުއްޓުވީ،" ރައީސް ސޯލިހަށް ތާއީދުކުރައްވާ ޒިފްލީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ