ގައުމުގެ ސުލްހައަށް ބުރޫއަރާފާނެ ހަމަލަތަކުން ދިފާއުކުރުމުގެ އަޒުމުގައި ތިބުމަށް ސިޔާމް އެދިވަޑައިގެންފި
ދިވެހިރާއްޖޭގެ މިނިވަންކަމާއި ސުލްހައަށް ބުރޫއަރާނެ އެންމެހާ ހަމަލާތަކުން ގައުމު ދިފާއުކުރުމުގެ އަޒުމުގައި ސާބިތުވެ ތިބުމަށް، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭގެ) ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ނަސޭހަތްތެރިވެވަޑައިގެންފިއެވެ. ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބުގައި ސިޔާމް ވިދާޅުވީ، މީގެ 37 އަހަރުކުރިން ނޮވެމްބަރު 3، 1988ގެ ފަތިހުގެ ވަގުތެއްގައި ދިވެހީންގެ މަދު ބަޔަކު އަޑީގައި ތިބެ ބޭރުގެ ނިރުބަވެރި ޖަމާއަތަކާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާއަކީ މި ފަހުގެ ތާރީޚުގައި ދިވެހީންގެ މިނިވަންކަމާއި ސިޔާދަތަށް ދިން އެންމެ ނުރައްކާތެރި ހަމަލާ ކަމަށެވެ. ސިޔާމް ވިދާޅުވީ އެ ދުވަހުގެ ހަނދާންތައް ދިވެހީންގެ ހިތުން ފިލައިގެން ނުދާނެ ކަމަށެވެ. އެދުވަހުގެ ހަމަލާއިން ދިވެހީންނަށް ގިނަ ފިލާވަޅުތައް ދަސްވެގެންދިޔަކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވިގޮތުގައި ނޮވެމްބަރު 3ގެ ހަމަލާގެ ހުރިހާ ފަރާތަކަށް ވަށައިގެން ނަޒަރު ހިންގާލުމުން ފެންނަ ހަގީގަތަކީ ވެރިކަމުގެ ދަހިވެތިކަމުގައި ކޮންމެ ފަދަ ކަމެއްވެސް ކުރުމަށް ފަސްޖެހުމެއް ނެތް ޚާއިނުން މި ގައުމުގައި އަބަދުވެސް ހަރަކާތްތެރިވަމުން ގޮސްފައިވާކަމެވެ. އެހެންކަމުން ޝިޔާމް ވަނީ މިފަދަ ހަމަލާއެއް ކުރިމަތިވެދާނެ ހާލަތަކަށް އަބަދުވެސް ތައްޔާރަށް ތިބުމަށް، ކަމާބެހޭ އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރައްވައިފައެވެ. "އަޅުގަނޑުމެންގެ މި ލޮބުވެތި ގައުމުގެ މިނިވަންކަމާއި ސުލްހަ މަސްލަހަތަށް ބުރޫއަރާފާނެ އެންމެހާ ހަމަލާތަކުން ގައުމު ދިފާއުކުރެއްވުމަށް ކުރައްވަންޖެހޭ ކޮންމެ މަސައްކަތެއް ކުރެއްވުމުގެ މަތިވެރި އަޒުމުގައި ސާބިތުވެ ތިއްބެވުމަށް އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް އަޅުގަނޑު ނަސޭހަތްތެރިވަމެވެ," އެއާއެކު އެމަނިކުފާނު ވަނީ ގައުމު އިސްކުރާ ގައުމަށް ވަފާތެރި ވަތަނީ ބަޔަކަށް ވުމަށް ހުރިހާ ރައްޔިތުން އަޒުމް ކަނޑައެޅުމަށްވެސް ގޮވާލައްވައިފައެވެ. ނަސްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަަނަ ދުވަހު ދިވެހި ހަ ޚާއިންނުންނާއި ބޭރުގެ ނިރުބަވެރި ޖަމާޢަތެއް ގުޅިގެން ދިން ކުއްލި ހަމަލާއިން، ދިވެހި ސިފައިންނަށް ނަޞްރު ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ