އިލެކްޓްރޯނިކް ސްކްރީންތަކަށް ކުދިންގެ ލޯ ހުއްޓާލައިގެން ގިނަ ވަގުތު ތިބުމަކީ އެކުދިންނަށް ނަފްސާނީ އަދި ސިއްހީ އެތައް މައްސަލައެއް ކުރިމަތިވާ ކަމެކެވެ. ޑެންމާކްގެ ސައެންސްވެރިން ދާދި ފަހުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ކުޑަކުދިންނާއި ޒުވާން ފުރާގެ ކުދިން، އިސްކިރީންގައި ހޭދަކުރާ ވަގުތު އިތުރުވި ވަރަކަށް، ހިތުގެ މައްސަލަތަކާއި މެޓަބޮލިކް ނިޒާމަށް (ކާނާ ހަކަތައަށް ބަދަލުކޮށްދޭ ނިޒާމު) ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި، ސްކްރީންގައި ގިނަ ވަގުތު ހޭދަކުރުމުން ކުރިމަތިވާ ސިއްހީ މައްސަލަތައް އެންމެ ފަސޭހައިން ހައްލުކުރެވޭނެ ގޮތަކީ، ރޭގަނޑު އަވަހަށް ނިދާފައި އަވަހަށް ހޭލުމުގެ އާދަ ހަރުލެއްވުމާއި، ދުވާލުގެ ވަގުތުތައް، ހަމަހަމަ ގޮތެއްގައި އެކި ކަންކަމަށް ބަހައިލުމެވެ.
މީގެ މާނައަކީ ދުވާލުގެ ވަގުތުގައި ކުރަން ހުންނަ ކަންތައް – ކިޔެވުމާއި ކުޅިވަރު ކުޅުމާއި ޓީވީ ބެލުމާއި އަރާމު ކުރުން ފަދަ – ދުވާލުގެ އެކި ވަގުތުތަކަށް ބަހާލައި، ކޮންމެ ކަމަކަށް ވެސް އެކަށީގެންވާ ވަރަށް ވަގުތު ދިނުމެވެ. އެއް ކަމެއްގެ ތެރޭގައި މާ ގިނަ ވަގުތު ހޭދަކުރުމުން ފޫހިވާއިރު، ސްކްރީންގައި ގިނަ ވަގުތު ހޭދަކުރުމުން ފޫހި ނުވިޔަސް، ސިއްހީ ފޫހިކަމެއް ހަށިގަނޑަށް ވެރިވެއެވެ.
ގިނަ ވަގުތު ޓީވީ ބެލުމާއި ސްމާޓް ފޯން ފަދަ އިލެކްޓްރޯނިކް އާލާތްތަކުން ގޭމް ކުޅުމުގައި ގިނަ ވަގުތު ހޭދަކުރުމުން، އެ ކުދިންގެ ހިތުގެ ދުޅަހެޔޮކަމަށާއި، ކާނާ ހަކަތައަށް ބަދަލުކޮށްދޭ ނިޒާމުގެ ދުޅަހެޔޮކަމަށް ނުރަނގަޅު އަސަރުތަކެއް ކުރަން ފަށައެވެ. އޭގެ ތެރޭގައި ލޭގެ ޕްރެޝަރު މައްޗަށް ދިޔުމާއި، ލޭގައި ކޮލެސްޓެރޯލް އެކުލެވޭ ނިސްބަތް މަތިވުމާއި، އިންސުލީންގެ މަސައްކަތަށް ހުރަސްއެޅުން ފަދަ ކަންތައް ހިމެނެއެވެ.
ހާހަކަށް ވުރެ ގިނަ މީހުން ބައިވެރިކޮށްގެން ޑެންމާކްގެ ސައެންސްވެރިން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި، އިސްކިރީން ވަގުތު ގިނަ ކުދިންގެ ތެރެއިން ވެސް، ހިތުގެ މައްސަލަތަކާއި މެޓަބޮލިކް ނިޒާމުގެ މައްސަލަތައް އެންމެ ގިނައީ، ރޭގަނޑު މަދުން ނިދާ ޒުވާނުންގެ މެދުގައެވެ. އެހެންކަމުން، ޒުވާނުންނާއި ކުޑަކުދިންނަށް ކުރިމަތިވާ މިފަދަ މައްސަލަތައް ހައްލުކުރަން ބޭނުން ނަމަ، އެ ކުދިންގެ ސްކްރީން ވަގުތު މަދުކުރުމަކީ ކޮންމެހެން ކުރަންވެއްޖެ ކަމެއް ކަމަށް ދިރާސާ ޓީމުން ބުނެއެވެ.
ޖާނަލް އޮފް އެމެރިކަން ހާޓް އެސޭސިއޭޝަންގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ހިތުގެ މައްސަލަތަކާއި މެޓަބޮލިކް ބަލިތައް ކުރިމަތިވާ ޒުވާނުންގެ އުމުރު ދަނީ އަހަރުން އަހަރަށް ދަށްވަމުންނެވެ. މިހާރު ވަރަށް ހަގު ކުދިންގެ ކިބައިން ވެސް މިފަދަ މައްސަލަތައް ފާހަގަކުރެވެއެވެ.
އެ ދިރާސާގައި ބުނެފައިވާ ގޮތުން، އެމެރިކާގެ ޒުވާނުންގެ ތެރެއިން ދެ އަހަރާއި ނުވަ އަހަރާ ދެމެދުގެ ކުދިންނާއި ޒުވާނުންގެ ތެރެއިން، ހިތާއި މެޓަބޮލިކް ނިޒާމުގެ ދުޅަހެޔޮކަން، ރަނގަޅު މިންގަނޑުގައި ހުރީ އެންމެ 29 ޕަސެންޓް ކުދިންނާއި ޒުވާނުންގެއެވެ. މިއީ 2013 އާއި 2018 އާ ދެމެދު އެއްކުރި މައުލޫމާތުގެ ހޯދުންތަކެވެ.
ޑެންމާކްގެ ސައެންސްވެރިން ހަދާފައިވާ ތަފާތު ދެ ދިރާސާއަކުން ކަށަވަރުވި ގޮތުގައި، ކުޑަކުދިންނާއި ޒުވާނުން މުނިފޫހިވިލުވާ ވަސީލަތެއްގެ ގޮތުގައި، ގިނަ ވަގުތު އިލެކްޓްރޯނިކް ސްކްރީން ބޭނުންކުރުމުން، މުނިފޫހިފިލުމުގެ ވަސީލަތްތަކުން ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަމެއް ނުލިބެއެވެ. އޭގެ ބަދަލުގައި ނަފްސާނީ ގޮތުން ވެސް އެކުދިންނަށް ކުރިމަތިވަނީ އިތުރު ނުރައްކާތަކެވެ. އޭގެ އިތުރުން، ފުރާނައަށް ގެއްލުންވާ ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ވެސް ކުޑައެއް ނޫނެވެ.
މި ދިރާސާގައި ބުނެފައިވާ ގޮތުގައި މަދު ވަގުތުކޮޅަކަށް ސްކްރީން ބޭނުންކުރުމުން، ހަށިގަނޑަށް ލިބޭ ސިއްހީ ގެއްލުންތައް ފާހަގަކުރެވެނީ ވަރަށް ކުޑަކޮށެވެ. އެހެންކަމުން، ސްކްރީން ދޮށުގައި ހޭދަކުރާ ވަގުތު އިތުރުވާ ވަރަކަށް، ސިއްހީ ގޮތުން ލިބޭ ގެއްލުންތައް އިތުރުވާނެއެވެ.
ހިތުގެ މައްސަލަތައް ޖެހުމާއި މެޓަބޮލިކް ނިޒާމަށް ބުރޫ އެރުން އެންމެ ބޮޑަށް ގުޅިފައިވަނީ، ރޭގަނޑު އެކަށީގެންވާ މިންވަރަށް ނުނިދުމާއެވެ. އޭގެ އިތުރުން، ނިދަން އޮށޯންނަ ވަގުތު ފަސްވާ ވަރަކަށް، މި ނުރައްކާތަކުގެ ފުރުސަތު ބޮޑުވެއެވެ. އެހެންކަމުން، އެންމެ ބުއްދިވެރި ގޮތަކީ ރޭގަނޑު އަވަހަށް ނިދާފައި، އެކަށީގެންވާ މިންވަރަކަށް ނިދުމަށް ފަހު، އަވަހަށް ހޭލުމެވެ.
ސްކްރީން ވަގުތު ގިނަވުމުން ކުދިންގެ ސިއްހަތަށް އެތައް ގެއްލުމެއް ސްކްރީން ވަގުތު ގިނަވުމުން ކުދިންގެ ސިއްހަތަށް އެތައް ގެއްލުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ