މަޖިލިސް ކުރާގެ ހުންނަ ސަރަހައްދުގައި ބައެއް ނޫސްވެރިން އިހުތިޖާޖު ކުރަން ފަށައިފި

އެމްއެމްސީއާއި ބްރޯޑްކޮމް އެއްކޮށްލައި ބިލު ފާސްކުުރުމާ ދެކޮޅަށް ބައެއް ނޫސްވެރިން މަޖިލިސް ކުރާ ގެ ހުންނަ ސަރަހައްދަށް އެއްވެ އިހުތިޖާޖު ކުރަން ފަށައިފިއެވެ.
މަޖިލިސް ޗުއްޓީގައި އޮއްވާ މިއަދު ބާއްވާ ޖަލްސާއާ ގުޅިގެން މަޖިލިސް ސަރަހައްދަށް އެއްވެ، އަޑުއުފުލަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނިންމާފައިވާ އިރު މިއަދު ހެނދުނު 8:30 އިން ފެށިގެން ބައެއް ނޫސްވެރިން ވަނީ އެ ސަރަހައްދަށް އެއްވެފައެވެ.
މިހާރު އިހުތިޖާޖު ކުރަމުންދާ ނޫސްވެރިން ގޮވާލަމުން އަންނަނީ އެ ބިލު ބޭރު ކުރުމަށާއި އެ ބިލަށް ހުށަހެޅި އިސްލާހުތައް ދިރާސާ ކުރަން ވަގުތު ބޭނުންވާ ކަމަށެވެ. އަދި މީޑިއާ ކޮންޓްރޯލް ނުކުރެވޭނެ ކަމަށާއި މި ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރަން މަސައްކަތް ކުރާ ކަމަށް ބުނެ ނޫސްވެރިން އަންނަނީ ފާޑުކިޔަމުންނެވެ.
މި އިހުތިޖާޖުގައި ޝުއޫރުތައް ފާޅު ކުރުމަށް ލިޔުންތައް ލިޔެފައިވާ ބޯޑުތަކެއް ނޫސްވެރިން ތިބީ ހިފައިގެންނެވެ.
މިއަދު ނޫސްވެރިން އިހުތިޖާޖު ކުރަނީ މަޖިލިސް ޗުއްޓީގައި އޮއްވާ އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އަވަސް އަރުވާލައިގެން މީޑިއާ ރެގިއުލޭޓް ކުރާ ބިލު ފާސްކުރުމާ ގުޅިގެންނެވެ. ބިލަށް އާ އިސްލާހުތަކެއް ހުށަހަޅައި އެ ބިލު ފާސްކުރީ ނޫސްވެރިން އަޑުއުފުލައި ދެކޮޅު ހަދަމުން ދަނިކޮށެވެ.
މީޑިއާ ބިލު ދިރާސާކުރާ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި އެ ބިލަށް ގިނަ އާ އިސްލާހުތަކެއް ހުށަހަޅާފައިވާތީ އެ އިސްލާހުތައް ދިރާސާކުރަން އަންނަ މަހުގެ ނިޔަލަށް ވަގުތު އިތުރުކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވިއެވެ. އަދި އެ އިސްލާހުތަކަށް މަޖިލީހުގެ ކައުންސިލް ޖެނެރަލް ފާތިމަތު ފިލްޒާގެ ލަފައެއް ހޯދަން ވެސް މީކާއިލް ހުށަހެޅުއްވިއެވެ. ނަމަވެސް ޕީއެންސީގެ މެޖޯރިޓީ އޮތް އެ ކޮމިޓީގެ އެއްވެސް މެންބަރަކު އެ ހުށަހެޅުމަށް ތާއީދެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ