މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިޔާ އެންޑް ރެގިއުލޭޝަން ބިލަށް، ރައްޔިތުންގެ މަޖިލީހުގެ ކައުންސިލާ ޖެނެރަލް ފާތިމަތު ފިލްޒާގެ ފަރާތުން ހުށަހެޅުއްވި ހުށަޅެއްވުންތަކާއެކު އެ ބިލު އަނެއްކާ ވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކޮށްފިއެވެ.
މިއަދު 3:30ގައި މަޖިލީހުގައި އެ ކޮމެޓީގެ ބައްދަލުވުމެއް ބާއްވާފައިވާއިރު، އެ ކޮމެޓީގައި މޯލްޑިވްސް މީޑިޔާ އެންޑް ރެގިއުލޭޝަން ބިލު ދިރާސާކުރުމަށް އެޖެންޑާ ކުރީ، މަޖިލީހުގެ ޤަވާއިދުގައިވާ ގޮތަށް، އެ ބިލާ ގުޅޭ ގޮތުން ކައުންސިލާ ޖެނެރަލްގެ ހުށަހެޅުންތައް އެ ކޮމެޓީއަށް ލިބުމުންނެވެ.
އެހެންކަމުން އެ ހުށަހަޅުއްވުން ކޮމެޓީއަށް ލިބިފައިވާކަން އިއުލާކުރެއްވުމަށްފަހު، އެ ކޮމެޓީގެ މުޤައްރިރު އަދި މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޟާ އާދަމް ވަނީ މެންބަރުންގެ ކޮބައިން އެ ބިލު ފާސްކުރަން ވޯޓަށް އަހާފައެވެ.
މުޤައްރިރު އެފަދައިން ވޯޓަށް އެހިއިރު ވެސް، އެ ކޮމެޓީގައި އިންނަވާ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަޙްމަދު ނަސީމް ވަނީ ކައުންސިލާ ޖެނެރަލްގެ ހުށަހެޅުން މެންބަރުންނަށް ލިބިފައިނުވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެ ބިލު ފާސްކުރުމަށް ވޯޓަށް އެހިއިރު ވެސް މީކާއިލް ގެންދެވީ އެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
މަޖިލީހުގެ ކޮމެޓީން އެ ބިލު ފާސްކޮށްފައިވާއިރު، އެ ބިލު ފާސްކުރުމަށް މަޖިލީހުގެ ތަޅުމުން ވޯޓަށް އަހާ ޖަލްސާ މިއަދު ހަވީރު ބޭއްވުމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިންމާފައެވެ. އެ ޖަލްސާ ފަށާނީ މިއަދު ހަވީރު 4 ޖަހާއިރުއެވެ.
މިއަދު ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް މަޖިލީހުން ނިންމާފައިވާއިރު، މީޑިޔާ ބިލަށް ބައެއް އިސްލާހްތައް ގެނައުމަށްފަހު ކޮމިޓީން އިއްޔެ ވެސް ވަނީ ފާސްކޮށްފައެވެ. އެހެންކަމުން މިއަދު އެ ބިލު ފާސްކުރާނެ ކަމަށް ބެލެވޭިއރު، އިއްޔެ ބޭއްވި ކޮމެޓީގައި ވޯޓަށް އެހިތަނުން މަޖިލީހުގެ ކޮމިޓީ ވަނީ ހޫނުވެފައެވެ. އެހެން ނަމަވެސް ކޮމެޓީން ވަނީ އެ ބިލު ފާސްކޮށްފައެވެ.
އެ ބިލު ކޮމެޓީން ކުރަން ވޯޓަށް އެހިއިރު އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނަށް ކޮމެޓީން ރިއާޔަތްނުކުރާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ ވަގުތު އެތަނުގައި ތިބި ނޫސްވެރިންނާއި ޢާންމުން ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ޙަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ މީޑީޔާގެ ރެގިއުލޭޓަރީ ބިލާ ދެކޮޅަށް ވަރަށް ގިނަ ނޫސްވެރިން ވަނީ ޚިޔާލު ފާޅުކޮށްފައެވެ. އެގޮތުން ނޫސްވެރިންގެ ޚިޔާލު ހޯދުމަށް އެ ކޮމެޓީން މި މަހުގެ ފުރަތަމަ ދުވަހު ބޭއްވި ކޮމެޓީގެ ޖަލްސާގައި ވެސް ހުރިހާ ނޫސްވެރިން ވަނީ އެ ބިލާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.
އަދި އެ ބިލު ބޭރުކުރުމަށް ގޮވާލައި 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު، ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭއިން ވަނީ މަޖިލީހަށާއި ރައީސް އޮފީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ.
އެ ޕެޓިޝަނާ ގުޅިގެން މިއަދު އެކެއް ޖެހިއިރު މަޖިލީހުގެ ޕެޓިޝަން ކޮމެޓީން ވަނީ ބައްދަލުވުމެއް ވެސް ބާއްވާފައެވެ.
ކައުންސިލާ ޖެނެރަލްގެ ހުށަހެޅުމާއެކު، މީޑިޔާ ބިލު އަނެއްކާ ވެސް ކޮމެޓީން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ