ކުރާ ކޮންމެ ކަމަކުންވެސް ﷲ ތައާލާގެ ރުހިވޮޑިގަތުން ލިބުމަށް އެދިގެން ކަންކަންކުރާނަމަ ބައިވެރިޔާ ދީފާނެ ދެރައަކަށް ކަންބޮޑުވާކަށް ނުޖެހޭނެ!

ބައެއް މީހުންނަށް އެބަ ބުނެވެއެވެ. ރަނގަޅަށް ދިރިއުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ކިތަންމެ ރަނގަޅަށް ދިރިއުޅުނު ނަމަވެސް ވަނީ ކޮންކަމެއް ހެއްޔެވެ؟ ކުރާ ފައިދާއަކީ ކޮބައިހެއްޔެވެ؟ 
މިފަދަ ޝަކުވާތައްވެސް ކުރެވިގެން ނުވާނެއެވެ! ދިރިއުޅުމުގައި ތިމާ އަދާކުރަންޖެހޭ ދައުރު އެންމެ ރަނގަޅު ގޮތުގައި އަދާކުރަންވީ އެކަމަށް ﷲ ތަޢާލާ އަންގަވާފައިވާތީއެވެ. ﷲ ތައާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ޘަވާބު ހޯދުމަށެވެ. ތިމާ އަމަލުކުރާ ރަނގަޅުގޮތުގެ ބަދަލުގައި އަނެކާ ތިމާއާއިމެދު ރަނގަޅަށް ކަންކަން ކުރާނެކަމަށް ބަލައިގެނެއް ނޫނެވެ. 
ހިތާމައަކީ މިކަންކަމާއިމެދު ވިސްނާ ނުލައި ބައިވެރިޔާއަށް ރަނގަޅަށް ކަންކަން ކުރަނިކޮށް ތިމާއާއިމެދު ނުބައިކޮށް ކަންކަން ކުރުމުން ލިބޭ މާޔޫސްކަމުގައި ޙަޔާތުގައި ދެން ބާކީ އޮންނަ ދުވަސްތައް ތިމާއަކީ ނުރަނގަޅު މީހެއްގެ ގޮތުގައި ހޭދަކުރަން ވިސްނޭކަމެވެ. އަދި ޢަމަލުވެސްކުރެވޭ ކަމެވެ. 
އެއިރުން ކަންކަން މެދުވެރިވާނެ ގޮތް އެނގޭ ހެއްޔެވެ؟ ތިބާ ކުރިން ކުރި ރަނގަޅުކަންކަމުން ނުވަތަ ޢަމަލުކުރި ރަނގަޅު ގޮތުން ތިބާއަށް ލިބެން ހުރި ޘަވާބުވެސް ގެއްލުނީއެވެ. އަދި ކުރެވޭ ނުބައި އަމަލުތަކުގެ ސަބަބުން ފާފަވެރިވެސްވަނީއެވެ. ހުރިހާ ގެއްލުމެއް ހަމަ އެމީހަކަށެވެ. 
ތިމާ ކުރާ ކޮންމެ ޢަމަލެއް ތެދުވެރިކަމާއިއެކު އަދި ކުރެވެން އެންމެ ރަނގަޅަކަށް ކުރަންވީ އެހެން މީހަކު ތިބާއަށް ރަނގަޅަށް ކަންކަން ކުރާނެ ކަމަކަށް ނޫނެވެ. ހަމައެކަނި އެކަމުގެ ބަދަލު ﷲ ތަޢާލާގެ ޙަޟްރަތުން އެދިގެންނެވެ. އެކަލާނގެ ތިމާ އާއިމެދު ޛައްރެއްގެ މިންވަރުވެސް ބޭއިންޞާފުން އެއްވެސް ކަމެއް ނުކުރައްވަވާނެ ކަމުގެ ޔަޤީންކަމުގައެވެ. ތިބާ ޢަމަލުކުރި ހެޔޮގޮތަށް ޙައްޤު ޘަވާބާއި އަނެކާ އަމަލުކުރި ނުބައި ގޮތުން ތިބާއަށް ލިބެންވާ ޘަވާބާއި ދެބައިވެސް ތިބާއަށް ދެއްވަވާނެ ކަމުގެ ޔަޤީންކަމުގައެވެ. އެއިރުން އެމީހަކަށް ދުނިޔޭގައިވެސް ހެޔޮގޮތްތައް މިންވަރުކުރައްވަވާނެތެވެ! އަދި ސުވަރުގެވެސް ދެއްވަވާނެތެވެ! އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ