151 ނޫސްވެރިންގެ ކަންބޮޑުވުމާއެކު ހުށަހެޅި ޕެޓިޝަން މަޖިލީހުން ބޭރުކޮށްލައިފި
މީޑިއާ ކޮންޓްރޯލް ބިލު ބޭރުކުރުމަށް ގޮވާލައި 151 ނޫސްވެރިންގެ ސޮޔާއެކު ހުށަހެޅި ޕެޓިޝަން، ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިއަދު ބޭރުކޮށްލައިފިއެވެ. ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭން އިސްވެ 41 މީޑިއާއެއްގައި މަސައްކަތްކުރާ 151 ނޫސްވެރިއެއްގެ ސޮޔާއެކު، ކޮންޓްރޯލް ބިލު ބޭރުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށާއި ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހެޅީ މިމަހުގެ ތިންވަނަ ދުވަހުގައެވެ. ބިލު ފާސްކުރުމަށްޓަކައި ދައުރުން ބޭރުން މިއަދު ޖަލްސާއެއް ބާއްވަން މަސައްކަތްކުރަމުން ދާތީ ނޫސްވެރިންނާއި ބައެއް އާންމުން ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ކައިރީގައި އިހުތިޖާޖުކުރަމުންނެވެ. އިހުތިޖާޖު ވެސް ކުރިއަށްދަނިކޮށް ބޭއްވި ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީން ނޫސްވެރިންގެ ޕެޓިޝަން ބޭރުކޮށްލީ އެކަން ކުރުމުގެ އިޚްތިޔާރެއް ކޮމިޓީއަށް ނުލިބޭ ކަމަށް ބުނެއެވެ. ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ޖަވާބު ލިބިފައިވާ ކަމަށް ވިދާޅުވެ، ޕެޓިޝަން ބޭރުކުރުމަށް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު އަބްދުއްރަހްމާނެވެ. އޭނާ ހުށަހެޅުއްވީ، ކަންބޮޑުވުންތަކަށް ޖަވާބު ލިބިފައިވުމުން ޕެޓިޝަން، ކޮމިޓީއިން ބޭރުކޮށްލުމަށެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ މަޑަވެލި ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ޝަމީޒެވެ. ކޮމިޓީއަށް އެވަގުތު ހާޒިރުވި ހަތް މެންބަރުންގެ ތެރެއިން ފަސް މެންބަރަކު ވޯޓުދެއްވީ ޕެޓިޝަން ބޭރުކޮށްލުމަށެވެ. ޕެޓިޝަން ބޭރުކޮށްލުމާ ދެކޮޅަށް ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު ވޯޓުދެއްވިއިރު، ވޯޓުގައި ބައިވެރިނުވާ މެންބަރަކުވެސް އިންނެވިއެވެ. ޕެޓިޝަން ކޮމިޓީން ނޫސްވެރިންގެ ޕެޓިޝަން ބޭރުކޮށްލީ މީޑިއާ ކޮންޓްރޯލް ބިލާ ގުޅޭގޮތުން އިތުރު ބައްދަލުވުމެއް މިއަދު 14:30 އަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ތާވަލުކޮށްފައިވަނިކޮށެވެ. އަދި ދައުރުން ބޭރުން ބާއްވާ ޖަލްސާއެއް ހަވީރު އޮންނާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވީ ނަމަވެސް، ޖަލްސާގެ އެޖެންޑާ އަދިވެސް އާންމު ނުކުރެއެވެ. ގަޑިއާއި އެޖެންޑާ ނޭނގުނު ނަމަވެސް މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީ ތަމުސީލުކުރާ ބައެއް މެންބަރުން ވަނީ އިއްޔެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރި ގޮތަށް މިއަދު އޮންނަ ދައުރުން ބޭރު ޖަލްސާގައި 'މީޑިއާ ކޮންޓްރޯލް ބިލު' ފާސްކުރާނެ ކަމަށް ވިދާޅުވެފައެވެ. އެ ބިލު އިއްޔެ ކޮމިޓީން ފާސްކުރި ފަހުން، ޕީއެންސީގެ ސީނިއާ މަޖިލިސް މެންބަރަކު "ސަން"އަށް ވިދާޅުވީ އެ ޕާޓީގެ ވިސްނުމަކީ އެ ބިލުވީ އެންމެ އަވަހަކަށް ފާސްކުރުން ކަމަށެވެ. އެހެންވެ، މިއަދު ދައުރުން ބޭރުން ބާއްވާ މަޖިލީހުގެ ޖަލްސާއަށް މި ބިލު ހުށަހަޅައި ފާސްކުރަން އެ ޕާޓީން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. "ބިލު އެ އޮތީ މައިގަނޑު ކަންބޮޑުވުންތަކަށް ހައްލު ގެނެސް ކޮމެޓީން ފާސްކޮށްފައި. މާދަމާ ބިލު ފާސްކުރުން ވިސްނުމަކީ،" މެންބަރު ވިދާޅުވިއެވެ. އެހެންވެ، މިއަދު ހެނދުނު 8:30 އިން ފެށިގެން ނޫސްވެރިން އަންނަނީ މަޖިލިސް ދޮށުގައި އިހުތިޖާޖުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ