ލިސާން 36
"މީ އެ ރަށެއް ނޫން." އަދިވެސް އެއްފަހަރު ވަށައިގެން ބަލައިލުމާއެކު، ރައާބިލްއަށް ބުނެވުނެވެ. ކިތަންމެ ދުވަހެއްވިޔަސް ސަމްރާ އުޅޭ ރަށް އޭނައަށް ވަކިކުރަން އެނގޭނެއެވެ. "ކަލޭ އަނެއްކާ އަހަންނަށް ދޮގު ހަދަނީތަ؟" "ނޫން. އަހަރެެން ދޮގެއް ނުހަދަން. ހިނގާ އަހަންނާއެކު... އޭރުން ހުރިހާކަމެއްވެސް ޔަޤީންވާނެ. " ނާވީ ކުޑަކޮށް ހައިރާންވިއެވެ. ލަސްނުކޮށް އޭނަ ރައާބިލް ގޮވައިގެން ދިޔައީ، ރަނީމްމެން ގެ ކައިރިއަށެވެ. އެގެ ދައްކައިލުމާއެކު ނާވީ އެއީ ސަމްރާމެން ގެ ކަމުގައި ބުންޏެވެ. "އެހެން ކިހިނެއްވާނީ؟" ރައާބިލް އަދިވެސް ހުރީ ހައިރާންވެފައެވެ. އޭނައަށް ނާވީ ދައްކާ ވާހަކަ ޤަބޫލުކުރަން އުނދަގޫވިއެވެ. "ނާވީ..." ދެމީހުން ސިހުނީ ފަހަތުން އިވުނު އަޑާއެކުގައެވެ. އެއީ ދައިސަމްގެ އަޑެވެ. ނާވީއާއި، ރައާބިލްއާ ދެމީހުން، ފަސްއެނބުރުނެވެ. އޭރު ވައިގެތެރޭގައި ހުރެފައި ދައިސަމް ބިންމަތީގައި ފައި ޖައްސައިލަނީއެވެ. ނާވީ އެއްޗެއް ނުބުނި ނަމަވެސް، ކައިރީގައި ހުރި ރައާބިލް ފެނުމާއެކު، އެއީ ކާކުކަން ދައިސަމްއަށް ފަހުމްވިއެވެ. އެހެންނަމަވެސް އިތުރަށް ޔަޤީންކޮށްދޭށޭ ބުނާފަދައަކުން އޭނައަށް ބަލައިލެވުނީ ނާވީއަށެވެ. ނާވީ އެއްވެސް ބިރެއްނެތި އެކުރާ ކަންތަކުން ނުކުންނާނެ ނަތީޖާއަކާ ދޭތެރޭ މިހާރުން ފެށިގެންވެސް ދައިސަމް ކަންބޮޑުވެއެވެ. އެކުވެރިޔާއަށް ދެރައެއް ލިބެން ނޭދޭތީއެވެ. އެހެންނަމަވެސް ދެން އިތުރަށް ވިސްނައިދިނުމުގެ ބޭނުމެއް ނެތެވެ. ނާވީ އެހުރީ އޭނާގެ ގޮތުގައެވެ. ކުރަން ބޭނުން ކަމެއް އެގޮތަށް ކޮށްފައިނޫނީ އޭނަ ނުހުއްޓާނެކަން ދައިސަމްއަށް އެނގެއެވެ. "މީ އަހަރެންގެ އެކުވެރިޔާ ދައިސަމް." ނާވީ ދައިސަމް ތަޢާރަފް ކޮށްދިނެވެ. ރައާބިލް ބޯ ޖަހައިލިއެވެ. "އަހަރެން ނެތް ވަގުތުތަކުގައި ރަނީމްއަށް ކުރިމަތިވާ ނުރައްކާތަކުން ރަނީމް ސަލާމަތްކުރުމަށް އަހަންނަށް އެހީވެދޭ އެކުވެރިޔަކީ މީ. ރަނީމްއަށް ނުރައްކާ ކުރިމަތިވަނީ އަހަރެންގެ ބައްޕަގެ ފަރާތުން ކަން އެނގިހުރެ، އަހަންނަށް އެހީތެރިވަނީ ދައިސަމް." ނާވީ އޮޅުން ފިލުވައިދިނެވެ. އެއާއެކު ރައާބިލްއަށް ދައިސަމްއަށް ބަލައިލެވުނީ ޝުކުރުން ފުރިގެންވާ ނަޒަރަކުންނެވެ. "ހިނގާ އެތެރެއަށް." އެހެން ބުނެލުމަށްފަހު، ނާވީ ރައާބިލް ގޮވައިގެން އެތެރެއަށް ވަންނަން އަވަސްވެގަތެވެ. ***** ނިދިފައި އޮތް ސަމްރާއަށް ކުއްލިއަކަށް ހޭލެވުނެވެ. ދެލޯ ބޮޑުކޮށްލުމާއެކު، އޭނާއަށް ވަށައިގެން ކަޅި ހިންގައިލެވުނެވެ. ކޮޓަރީގެ ފަނޑުއަލިކަމުގެ ތެރެއިން އޭނަ ބޯ އަރިކޮށްލާފައި ނިދާފައި އޮތް ރަނީމްއަށް ބަލައިލިއެވެ. ދެފަހަރަކު ކުކުރައިލެވުނީ ވަމުންދިޔަ އުނދަގުލަކުންނެވެ. އެހެންނަމަވެސް، ރަނީމް ހެޔެއް ނުލިއެވެ. އޭނަ އޮތީ އަރާމުކޮށް ނިދާލާފައެވެ. ހިންދިރުވައިލުމާއެކު، ސަމްރާ ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނައަށް ފާޑެއްގެ ގޮތެއް ވަނީއެވެ. ދެން އިވުނީ ވާރޭ ކުއްލިއަކަށް އޮއްސައިލުމުން ފުރާޅުން އިވޭފަދަ ބާރު އަޑެކެވެ. ހަމައެއާއެކު، ކޮޓަރީގެ ދޮރު ވެސް ހުޅުވިއްޖެއެވެ. ސަމްރާގެ ނަޒަރު އެ ދިމާލަށް ހުއްޓިގެން ދިޔައެވެ. ފާޅުވެގެން ދިޔަ ނޫއަލިކަމުގެ ތެރެއަށް ބަލަހައްޓައިގެން ހުރުމަކީ އޭނައަށް ފަސޭހަކަމަކަށް ނުވުމާއެކު، ދެލޯ މަރައިލެވުނެވެ. ހިތް ބާރުބާރަށް ތެޅިލިއެވެ. އެހިނދު ސިކުނޑީގެ ކަނެއްގައި އޭނަ ޤައިދުކޮށްފައިވާ ޚިޔާލުތަކެއް ހޭލިގަތުމާއެކު، ދުލުން ނުކުތީ އެންމެ ނަމެކެވެ. "ރަ.... ރަ...އާ... ބިލް..." އުނދަގުލުން ސަމްރާއަށް ބުނެވުނެވެ. މާޒީގައި ކުރިމަތިލާން ޖެހުނު ހާދިސާގެ ފަހުން ރައާބިލްގެ ނަން ސަމްރާގެ ދުލުން އެ ބޭރުވީ އަލަށެވެ. މީގެ ކުރިން އެ ނަން ނުކިޔެއްކަމަކު، އެހިތުން ދުވަހަކުވެސް އެނަމެއް ނުފުހެވުނެވެ. ރައާބިލްއަށްޓަކައި މިއަދުވެސް އެންމެ ފުރަތަމަ ދުވަހެކޭ އެއްގޮތަށް އޭނާގެ ހިތުގައި ލޯބިވެއެވެ. އިންތިހާ ލޯބިވެއެވެ. އެ ނޫއަލިކަމަކީ ރައާބިލްއަށް ޚާއްސަ އެއްޗެއްކަމުގައި ސަމްރާގެ ސިކުނޑި ބުނަމުން ދިޔަ ސަބަބަކީ މީގެ ކުރިންވެސް ރައާބިލްގެ ފުށުން އޭނައަށް އެ ފަދަ އަލިކަމެއް ފެނިފައިވާތީއެވެ. އެ އަލިކަން ފަނޑުވަމުންދިޔަ ވަރަކަށް ބިޔަ ސޫރައެއް ފާޅުވަމުން ދިޔައެވެ. ސަމްރާ މަޑުމަޑުން ލޯ ހުޅުވައިލާފައި އެ ދިމާލަށް ބަލައިލިއެވެ. އޭނައަށް އަނެއްކާވެސް ކުކުރައިލެވުނެވެ. ދެންވެސް ދުލުން ބޭރުވީ ހަމައެކަނި ރައާބިލްގެ ނަމެވެ. ރައާބިލްގެ ލޮލުގައި އެނދުގައި އޮތް ސަމްރާ އަޅައިގަތުމާއެކު، އޭނަގެ ޙާލަތު ވަޒަންކޮށްލާކަށް އުނދަގުލެއް ނުވިއެވެ. ސަމްރާ ބަލި އެނދުގައި އޮތްތަން ފެނި އޭނައަށް ނާވީއަށްއަށް ބަލައިލެވުނެވެ. ރައާބިލް ހަމަ ބަލައިލުމާއެކު ނާވީ އިސްޖަހައިލިއެވެ. "އަހަރެން ބުނަން ވަރަށް މަސައްކަތްކުރިން. އެކަމަކު އެ ހިތްވަރެއް ނުލިބުނު." ނާވީ ބުނެލިއެވެ. އޭނަގެ އަޑުގައިވެސް ހިތާމަވެރިކަން ވިއެވެ. ރައާބިލްގެ ދެލޮލުން ކަރުނަ ނީރައިލިއެވެ. އޭނައަށް ދެން ބަލައިލެވުނީ، ނިދާފައި އޮތް ރަނީމްއަށެވެ. އަރާމުކޮށް ނިދާލާފައި އޮތްއިރު ރަނީމްގެ ވާއަތުގައި އޭނަ ދިން ރަން އުޅާ އަޅާފައި އޮތެވެ. އެހިނދު އޭނާގެ ހިތުގައި ލޯބި އުތުރިއަރައިގަތެވެ. އެ ދަރިފުޅު އޭނާއަށް ފެނިފައިވަނީ ނުހަނު ތުއްތު އިރުގައެވެ. އޭގެ ފަހުން އޭނައަށް މިއަދު އެ ދަރިފުޅު އެ ފެނުނީ ފުރާ ފުރިހަމަވީ ފަހުންނެވެ. ނިދީގައި ރަނީމް ފުރޮޅިލުމަށްފަހު، ލޯ ހުޅުވައިލަންވެގެން އެސްފިޔަތައް ތަޅުވައިލިތަން ފެނި ނާވީ ރައާބިލްއަށް އެ މަންޒަރު ދައްކައިލިއެވެ. "އަހަރެން ބޭނުމެއް ނޫން ރަނީމްއަށް މިއިން އެއްވެސް ކަމެއް އަދި އެނގޭކަށް." ރައާބިލް ބުންޏެވެ. އޭނަ ނާވީއަށް ބަލައިލިއެވެ. ދުލުން ނުބުނި ނަމަވެސް ރައާބިލްގެ އެދުން ނާވީއަށް ފަހުމްވިއެވެ. އޭނަ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައިލިއެވެ. ނާވީ ނޫނެކޭ ބުނި ސަބަބުވެސް ރައާބިލްއަށް އެނގުނެވެ. ރައާބިލްގެ ތުންފަތް މައްޗަށް ލުއިލުއި ހިނިތުންވުމެއްވެރިވެގެން ދިޔުމާއެކު، ނާވީގެ ކޮނޑުގައި އޭނަ އަތް ޖައްސައިލިއެވެ. ނާވީ އޭނާގެ ބާރު ރަނީމްގެ މައްޗަށް ފޯރުވަން ބޭނުންނުވަނީއެވެ. ރައާބިލް އޭނަގެ އަތުން ކޮށްލި އިޝާރާތާއެކު، ރަނީމްގެ ކައިރީގައި ނޫއަލިކޮޅުތަކެއް ހަރަކާތްތެރިވާން ފެށިއެވެ. އެއާއެކު، ލޯ ހުޅުވައިލެވުނުހެން ހީނުވެ ރަނީމް ހުވަފެނީ އާލަމަކަށް އަނެއްކާވެސް ގެބިގެން ދިޔައީއެވެ. އެހެންނަމަވެސް އެކީ ނިދި ހަރުވުމުގެ ކުރިން، އޭނައަށް އެތަނުގައި ތިބި ބިޔަ ދެމީހުން ފެނުނެވެ. ރަނީމް ދެން ނުހޭލާނެކަން ރައާބިލްގެ އިތުރުން ނާވީ ވެސް އެނގުނެވެ. އެ މަންޒަރު ބަލަން އޮތް ސަމްރާގެ ދެލޮލުން ކަރުނަތައް ފައިބައިގެން ދިޔައީ ބޭއިޚްތިޔާރުގައެވެ. އޭނައަށް މިހާރު ކުރިމަތީގައި ހުރި ރައާބިލް ސާފުކޮށް އެބަ ފެނެއެވެ. ރައާބިލްއާއެކު އިތުރު މީހަކު ހުރިކަންވެސް އެނގެއެވެ. އެހެންނަމަވެސް، އެމީހަކު އޭނައަކަށް ނުފެނެއެވެ. ސަމްރާއަށް ރައާބިލްއާ ދިމާލަށް އަތް ދިއްކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. ހިތުގައި އެތަކެއް އަހަރުތަކެއް ވަންދެން ރައްކާކޮށްފައި ހުރި ހުރިހާ އިޙްސާސްއެއް އެއްފަހަރާ ހޭލައިގަތްފިއެވެ. މާޒީގެ ހުރިހާ ޞަފުހާއެއް ލޯ ކުރިމަތީގައި ނިއުޅިގެން ދާން ނެގީ މަދު ސިކުންތުކޮޅެކެވެ. އޭނަ ހީކުރީ ދެން ދުވަހަކުވެސް ރައާބިލް ދުށުމުގެ ނަސީބެއް ނުލިބޭނެކަމެވެ. އޭނަ މިދުނިޔެ ދޫކޮށްދާން ޖެހޭނީވެސް ރައާބިލްގެ ސޫރަ ދެކިނުލާކަމަށެވެ. ރައާބިލް ފެންނާނެކަމަށް ކުރީކޮޅު ކުރި އުންމީދުގެ ހުޅުކޮޅު ކަނިވެގެން ގޮސް އެންމެފަހުން ނިވުނީ ނާއުންމީދުން އޭނަގެ ހިތަށް އިތުރު ސަޒާއެއް ދެމުންނެވެ. އެހިތަށް އިތުރު ވޭނަކާ ގިލަންވެރިކަމެއް ދެމުންނެވެ. "ރަ.އާ.ބިލް." ކިތަންމެ އުނދަގޫވިޔަސް ސަމްރާއަށް އޭނަގެ ދުލުން ކިޔެނީ ހަމަ އެންމެ ނަމެކެވެ. އާއެކެވެ. ހަމައެކަނި ރައާބިލްގެ ނަމެވެ. އޭނާގެ ލޯބިވާ ރައާބިލްގެ ނަމެވެ. "ސަމްރާ.... ސަމްރާ...." ރައާބިލްއަށް ސަމްރާގެ އަތުގައި ހިފައްޓައިލެވުނެވެ. އޭރު އޭނަގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ. ރައާބިލް ލޯތްބާއެކު، ސަމްރާގެ ކަރުނަތައް ފުހެދިނެވެ. އޭނަ ސަމްރާގެ ފައިން ފެށިގެން ބޮލަށް ބަލައިލިއެވެ. ސަމްރާގެ އަނަރޫފަ ވެފައިވާ ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތެވެ. ކުޑަކޮށް ވެސް ހިއްލައިލެވެނީ ހަމައެކަނި ކަނާއަތެވެ. އާއެކެވެ. އެ ޙާލަތު ސަމްރާއަށް ކުރިމަތިވީ މީގެ ފަންސަވީސް އަހަރު ކުރިންނެވެ. ރައާބިލްއަށް އެކަން މިހާރު ޔަޤީންވެސް ވެއްޖެއެވެ. އެއާއެކު، ހިތުގައި އިންތިހާއަށް ރިހެން ފެށިއެވެ. "މިހުރިހާކަމެއްގެ ޒިންމާ ނަގަން ޖެހޭނީ އަހަރެން." ރައާބިލްއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. ސަމްރާ ދެފަރާތަށް ބޯ ހޫރައިލިއެވެ. އޭނަ އިޝާރާތުން ދައްކައިލީ ރަނީމްއެވެ. "އެނގޭ... އަހަންނަށް އެނގޭ އެއީ އަހަރެމެން ދެމީހުންގެ ދަރިފުޅުކަން." ރައާބިލް ރަނީމްއަށް ބަލައިލިއެވެ. "ރަ... ރަނީމް..." ސަމްރާ އަނެއްކާވެސް އުނދަގުލުން ވާހަކަ ދެއްކިއެވެ. އޭނަ ރަނީމްއާ ބެހޭގޮތުން ރައާބިލްއާ ހިއްސާކުރަން ބޭނުންވާ ބައިވަރު ވާހަކަތައް އެބަ ހުއްޓެވެ. އެހެންނަމަވެސް، އެ ވާހަކަތައް ދައްކަން އޭނާގެ ބަލިކަށިވެފައިވާ ހަށިގަނޑު ތަނެއް ނުދިނެވެ. ކަރުނަތައް ހުއްޓުމެއް ނެތި އޮހޮރެމުން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ ވެސް އެއީއެވެ. "އަހަރެމެންގެ ދަރިފުޅު ރަނީމް...." ރައާބިލް ބުންޏެވެ. "އުޅާ... އަހަރެން.... ރަނީމް...." ސަމްރާއަށް ވާހަކަ ދެއްކުންވީ ނުހަނު އުނދަގޫކަމަކަށެވެ. އޭނަ ރައާބިލްއަށް ދައްކައިލީ ރަނީމްގެ އަތުގައި އަޅާފައިވާ އުޅާއެވެ. "އެ... އަމާނާތް... ރައްކާތެރިވީން...." ރައާބިލް ފެނުމުން އުފާވިނަމަވެސް، ސަމްރާއަށް ވަނީ އިންތިހާ ވޭން ވެސް ލިބިފައެވެ. "އަހަރެން... ހީކުރީ... ދެން... ދުވަހަކުވެސް... ނުފެންނާނެކަމަށް... އަހަރެން ނިޔާވާ ދުވަހަކުން... އަހަރެމެންގެ... ދަރިފުޅު...." ސަމްރާ ބުނަން އުޅެނީ ކީކޭކަން ރައާބިލްއަށް އެނގުނެވެ. އޭނަ ސަމްރާގެ އަތަށް ބާރުކޮށްލަމުން ދެފަރާތަށް ބޯ ހޫރައިލިއެވެ. އިތުރަށް ވާހަކަ ނުދައްކާށޭ ބުނުމުގެ ގޮތުންނެވެ. "އަހަރެމެންގެ ދަރިފުޅަށް އިރާދުކުރެއްވިއްޔާ ދެރަ ގޮތެއް ނުވާނެ. އެ އުޅާ އެ އަތުން ނުނަގާހާ ހިނދަކު އިރާދުކުރެއްވިއްޔާ ރަނީމް ހުންނާނީ ރައްކާތެރިކަމުގައި..." ރައާބިލް ބުނެލިއެވެ. ސަމްރާއާއި ރައާބިލްއަށް ބަލަން ހުރުމަށްފަހު، ނާވީ ރަނީމްއަށް ބަލައިލިއެވެ. ނިދާލާފައި އޮތްއިރު އެ މޫނުމަތީން މައުސޫމުކަން ފެންނަމުން ދިޔައެވެ. އޭނައަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. ރަނީމްއަށް ބަލަހައްޓައިގެން ނާވީއަށް ހުރެވުނީ އެހެން ދިމާލަކަށް ނަޒަރު ވަކިކޮށްލަން ނުކުޅެދިފައިވާ ފަދައަކުންނެވެ. ރައާބިލް އޭނައަށް ބަލައިލުމުން ނާވީ ހިނިތުންވެލިއެވެ. ރައާބިލްގެ މޫނުމަތީން އޭނައަށް ފެނުނީ، ޝުކުރުވެރިކަމުގެ އަސަރުތަކެވެ. ނާވީ ބޯ ޖަހައިލުމަށްފަހު، އޭނަ ދަނީކަމުގައި ބުނެ އެތަނުން ދާންވެގެން އަވަސްވެގަތެވެ. އޭނަ ބޭނުންވީ، ރައާބިލްއާ ސަމްރާއަށް އެކަނި ވަގުތުކޮޅެއް ދޭށެވެ. "އަހަރެން ބޭނުން ސަމްރާއާ އިތުރު މީހަކާ ބައްދަލުކޮށްދޭން..." ރައާބިލް ބުނެލިއެވެ. އޭނަ ނާވީއަށް ބަލައިލުމާއެކު ނާވީގެ ހަރާކާތްތައް މަޑުޖެހުނެވެ. "މީ އެންމެ އެކަށޭނެ ވަގުތެއް ނޫން..." ނާވީއަށް ބުނެވުނެވެ. މީގެ ކުރިންވެސް އޭނާ ސަމްރާއާ ބައްދަލުކުރިއެވެ. ރަނީމްގެ އެދުމަކަށެވެ. އެފަހަރު ސަމްރާއަށް ވީގޮތާ އޭގެ ސަބަބުވެސް ނާވީއަށް އެނގެއެވެ. "އަހަރެން ބުނީމެއްނު ރަނީމް ބުނެގެން އަހަރެން ރަނީމްގެ މަންމައާ ބައްދަލުކުރި ވާހަކަ. އެ ދުވަހުގެ ފަހުން ރަނީމްގެ މަންމަ އިތުރަށް ބަލިވީ. އަހަންނަށް ސަބަބު ވެސް އެނގޭ. އެއީ އަހަރެންގެ ދެލޯ ފެނުމުން ރަނީމްގެ މަންމަ އަހަރެންގެ ބައްޕަމަތިން ހަނދާންވާތީ. ބައްޕައާ ކާފަގެ އަނިޔާވެރިކަން މަތިން ހަނދާންވާތީ..." ނާވީ ބުނެލިއެވެ. އޭނަ ސަމްރާއާ ބައްދަލުކުރަން ޖެހިލުންވާ ސަބަބު ނާވީ ހާމަކުރީ ހަޤީޤަތަށެވެ. "ސަމްރާ... ބޭނުންތަ އަހަންނަށް މިހުރިހާކަމަކަށް މަގުފަހިކޮށްދިނީ ކާކުކަން އެނގެން؟" މަޑުކުރުމަށް ނަވީއަށް އިޝާރާތްކޮށްލުމަށްފަހު، ރައާބިލް ބަލައިލީ ސަމްރާއަށެވެ. ސަމްރާ ބޯ ޖަހައިލިއެވެ. އާއެކޭ ބުނުމުގެ ގޮތުންނެވެ. "މީގެ ކުރިންވެސް އޭނައާ ސަމްރާއާ ބައްދަލުވެފަ ހުރީ..." ރައާބިލް އަނެއްކާވެސް ބުނެލިއެވެ. އެއާއެކު ސަމްރާ ހައިރާންކަމާއެކު، ބުމަ އަރުވައިލިއެވެ. އޭނައާ ބައްދަލުވީ ކާކުކަން ހަނދާންކުރަން މަސައްކަތްކުރިނަމަވެސް، ސިކުނޑިއަކަށް އެކަކުވެސް ނައެވެ. "ނާވީ...." ރައާބިލްގެ ދުލުން ހާމަކޮށްލި ނަމާއެކު ސަމްރާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެއީ ރަނީމްގެ ފަރާތުން އޭނާއަށް އަޑު އިވޭ ނަމެކެވެ. އާއެކެވެ. އެއީ ރަނީމްގެ އެންމެ ޚާއްސަ ފަރާތެވެ. ރަނީމްގެ ލޯބިވެރިޔާއެވެ. ވީއިރު ނާވީއަކީ ޖިންނިއެއް ހެއްޔެވެ؟ ރައާބިލްއާއެކު އެތަނަށް އައި ދެވަނަ މީހަކީ ނާވީހެއްޔެވެ؟ ސަމްރާއަށް ނާވީ ފެނުނީ ރައާބިލްއާ ގާތަށް ޖެހިލުމަށްފަހު އޭނަގެ ފަހަތުގައި މަޑުކޮށްލުމުންނެވެ. ކުރިއެކޭ އެއްގޮތަށް މިފަހަރުވެސް އޭނައަށް އެންމެ އަޅައިގަތް ސިފައަކަށްވީ ނާވީދެ ފެހިނޫ ދެލޮލެވެ. އޭނައަށް އެ ދެލޮލަށް ބަލަހައްޓައިގެން އޮވެވުނު ސަބަބަކީ އެއީއެވެ. އެ ނޫފެހި ދެލޯ ފެންނަ ކޮންމެ ފަހަރަކު ހަނދާންވަނީ ނަމީރު މަތިންނެވެ. އެ ދުވަހުގެ ހާދިސާ މަތިންނެވެ. ސަމްރާއަށް އުނދަގޫވާން ފެށިކަން ރައާބިލްއަށް އެނގުމުން އޭނަ ސަމްރާގެ އަތަށް ބާރުކޮށްލިއެވެ. "އޭނަ އެއްވެސް ކަމެއް ނުކުރާނެ. ސަމްރާއަށް ނޭނގުނު ނަމަވެސް، އޭނަ ދިޔައީ އަހަރެމެންގެ ދަރިފުޅު ރައްކާތެރިކޮށްދެމުން..." ރައާބިލް ހާމަކޮށްލިއެވެ. ސަމްރާއަށް ހިންދިރުވައިލެވުނެވެ. ނާވީގެ ފުށުން އޭނައަށް އޯގާތެރިކަން ފެނުނު ނަމަވެސް، އެ ދެލޯ ފެނުމުން ހިތަށް ބިރުވެރިކަން ވެރިވަނީއެވެ. ސަމްރާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލަމުން ނާވީއަށް ބަލައިލިއެވެ. ސަމްރާއަށް ބަލައިލުމަށްފަހު، ނާވީ ލުއިކޮށް ހީނލިއެވެ. އޭނަގެ ފަރާތުން ނުރައްކަލެއް ނެތްކަން ޔަޤީންކޮށްދޭން ކިތަންމެ ބޭނުންވި ނަމަވެސް އެއްޗެއް ބުނާނެ ހިތްވަރު ނާވީއަށް ނުލިބުނީ އޭނާގެ ބައްޕަގެ މަތީން ހަނދާންވެފައެވެ. އެހެންކަމުން އޭނަ އެކަންތައް ދޫކޮށްލީ ރައާބިލްގެ އަތް މައްޗަށެވެ. ***** ފަތިހު ފާރަވެރިންނާ ސިފައިން، ބިންގަރާހުގެ އެތެރޭގައި ހައްޔަރުކޮށްފައި ތިބި ޤައިދީންތަކުގެ ހާލު ބަލަންވެގެން ހުރިހާ ގޮޅިތަކަކަށް ޒިޔާޔަރްކުރަން ފެށިއެވެ. ރައާބިލްގެ ޒިންމާ ހަވާލުކުރެވިފައިވާ ފާރަވެރި ޖިންނި ރައާބިލްގެ ގޮޅި ކައިރިއަށް ގޮސް ހުއްޓުމަށްފަހު، އެ ގޮޅިއަށް ނަޒަރު ހިންގައިލިއެވެ. އެއާއެކު އޭނަގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހަލާކުކޮށްލެވިފައިވާ ތަޅާއި ނައްޓާލެވިފައިވާ ހިލަހިލާގަނޑު އެތަނުގައި އޮތެވެ. އެހެންނަމަވެސް ރައާބިލް އެއް ނެތެވެ. ހާސްކަމާއެކު އޭނަ ގޮޅީ ތެރެއަށް ވަދެ ހިލަ ހިލާތައް އުފުއްލާލާފައި މުޅިތަން ހޯދާ ބެލިއެވެ. އެހެންނަމަވެސް ރައާބިލްއެއް ނުފެނުނެވެ. ރައާބިލް ފިލީކަން ޔަޤީންކުރެވުނު ހިނދު، ހާސްކަމާއެކު ނުކުމެ އެހެން އެންމެންނަށް އޭނަ ގޮވައިފިއެވެ. "މިކަންތައް ރަސްގެފާނަށް އެނގިލައްވައިފިއްޔާ އަހަރެމެންގެ ދުވަސްދާނެ." އެތަނުން އެކަކު ހާސްކަމާއެކު ވާހަކަ ދެއްކިއެވެ. "ދެން ކިހިނެއް ހަދާނީ..." އެންމެން ތިބީ ހާސްވެގެން ގޮސް، ގޮތް ހުސްވެފައެވެ. ރައާބިލް ފިލައިގެން ދިޔަތަނެއް ހޯދުމަށްޓަކައި އެންމެ އިސްކޮށް ހުރި ވެރިޔާގެ އަމުރަށް، ބައެއް ފާރަވެރިންތައް ބިންގަރާހުން ބޭރަށް ފޮނުވުނެވެ. ބާކީ ތިބި މީހުންގެ މެދުގައި މަޝްވަރާކުރުމަށްފަހު، އެމީހުން ނިންމީ އެ ޚަބަރު އެންމެ ފުރަތަމަ ނަމީރާ ހިސާބަށް ގެންދިޔުމަށެވެ. އިސްކޮށް ހުރި މީހާ ނަމީރާ ބައްދަލުކުރަން ގަނޑުވަރާ ދިމާލަށް މިސްރާބު ޖެހިއިރުވެސް އޭނާ ހުރީ ހާސްވެފައެވެ. ***** ބަތީލާ އޭނާ ބޭސް ތައްޔާރުކުރާ ކޮޓަރިއަށް ވަނުމަށްފަހު، ލަކުނޑި ބޮޑު ތައްޓެއްގައި ހުރި ފަތްޕިލާވެލީގެ ބާވަތްތަކަށް ބަލައިލިއެވެ. އޭގެތެރެއިން އޭނާ ބޭނުންވާ، ބައެއް އެއްޗެހި ވަކިކޮށްލަން އޭނަ އަވަސްވެގަތެވެ. އެ އެއްޗެހި ވަކީން ތައްޓަކަށް އެޅުމަށްފަހު، އިތުރަށް ބޭނުންވާ އެއްޗެއް މަދުވުމުން އެ ބަލާ ދާންވެގެން އޭނަ ނުކުމެލިއެވެ. ފެންޑާއިން ބަޔަކު ވާހަކަ ދައްކާހެން ހީވެގެން އޭނަ އެ ދިމާލަށް ދިޔައެވެ. އެއީ ނަމީރުގެ އަޑުކަމާމެދު އޭނައަށް ޝައްކުވީތީއެވެ. އެވަގުތު ނަމީރު އެ ވާހަކަ ދައްކަނީ ކާކާބާއޭ އޭނާގެ ހިތަށް އެރިއެވެ. ކައިރިވީވަރަކަށް އެ އަޑުގައި ހުރި ހާސްކަން ވެސް ބަތީލާއަށް ފަހުމްވަމުން ދިޔައެވެ. "ކީކޭ؟ ރައާބިލް ފިލީއޭ؟ ކިހިނެއް؟" ކުރިމަތީގައި ހުރި ފާރަވެރިޔާއަށް ބަލައިލަމުން ނަމީރަށް ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ. "އެއްގޮތަކަށްވެސް ނޭނގެ. މިއޮތީ އެތަން ހުޅުވަން ބޭނުންކުރާ ތަޅުދަނޑި. ރޭ ހަތަރުދަމުން ފެށިގެން މި އޮތީ އަޅުގަނޑުގެ އަތުގައި. ވީއިރު އެތަން ހުޅުވުނު ގޮތެއް އެއްގޮތަކަށްވެސް ނޭނގެ. ހުރިހާ ހިލިހިލާތަކެއްވެސް ވަނީ ނައްޓާލެވިފައި...." ސިފައިންގެ މީހާ ބުނެލިއެވެ. "އެކަކަށް އެއްކަމެއްވެސް ނުފެނޭތަ؟" ނަމީރު ސުވާލުކޮށްލިއިރު ހީވީ އޭނަ އެ މަންޒަރު އިތުރު މީހަކަށް ފެނުނުތޯ ޔަޤީންކުރަން ބޭނުންވެގެން އުޅުނު ހެންނެވެ. އޭނައަށް ވީގޮތް އެނގޭތީއެވެ. އެއީ ނާވީ ނޫން ދެވަނަ މީހެއްގެ ކަމެއް ނޫނެވެ. ނަމީރަށް އޭނާގެ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނެވެ. "އިތުރު އެއްވެސް މީހަކަށް ނުފެނޭ. ތަންތަން ބަލާ ފާސްކުރަން ވެސް މިހާރު ފޮނުވައިފިން..." ފާރަވެރިޔާ ބުނެލިއެވެ. "ކިހިނެއްތޯ ދެން ހަދާނީ؟" "ކަލޭ ދޭ. އަހަރެން އިރުކޮޅަކުން އެބަ ދަން." ނަމީރު ބޭނުންވީ، ސިފައިންގެ މީހާ އެތަނުން ފޮނުވާލަށެވެ. އޭނާގެ ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ. ޖަޒުބާތުގައި ޖެހިގެން ނަމަވެސް، ނާވީ އެފަދަ ބޮޑު ގޯހެއް ހަދާފާނެކަމަކަށް ނަމީރަށް ފަހަރެއްގައިވެސް ހީކުރެވިފައެއް ނެތެވެ. ރައާބިލް ނެތްކަން އެނގިއްޖެނަމަ ބައްޕަ ރުޅިއަންނާނެ ވަރު އޭނާއަށް އަންދާޒާކޮށްލެވެއެވެ. ނަމީރަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ދެން ކަންތައްކުރާނެ ގޮތަކާ މެދު ވިސްނައިލެވުމުން މީހާ ތުރުތުރު އަޅައިގެން ދިޔައެވެ. "އެކަމަކު ނާވީ އެކަން އެކުރީ ކިހިނެއް؟ އޭނައަށް އަނެއްކާ... އެނގުނީބާ؟ ނާވީ.... " ނަމީރަށް އަމިއްލަ ނަފްސަށް ބުނެވުނެވެ. ގަނޑުވަރުގެ ތިރީގައި ހެދިފައިވާ ކުޑަ ބިންގަރާހެއް ފަދަ ތަނުގައިވާ ސިއްރު ކޮޓަރީގެ މަތިން ހަނދާންވުމާއެކު، ނަމީރު އެނބުރިލީ އެތަނަށް ދިޔުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް އޭނައާ އެންމެ ފުރަތަމަ ކުރިމަތިލާން ޖެހުނީ ބަތީލާއެވެ. ބަތީލާގެ މޫނުމަތީން ފެންނަނީ ހައިރާންކަމެކެވެ. ދެންމެ ނަމީރާ ބިންގަރާހުގެ ފާރަވެރިޔާއާ ދެކެވުނު ވަހަކަތައް އޭނައަށް ރަނގަޅަށް އަޑު އިވުނެވެ. ހަމައެއާއެކު، ނަމީރު ނާވީއޭ ކިޔައިގެން ބުނެލި ޖުމްލަތައްވެސް މެއެވެ. "މަންމާ...." ނަމީރަށް ހައިރާންކަމާއެކު، ބުނެވުނެވެ. "ކީކޭ ދަރިފުޅު ދެންމެ ތިބުނީ؟ ރައާބިލް ފިލީ އޭ... އެކަމާ ނާވީއާ އޮތް ގުޅުމަކީ ކޮބާ؟" ބަތީލާ ސުވާލުކޮށްލިއެވެ. އެ ސުވާލާއެކު ނަމީރު ހިމޭންވިއެވެ. އޭނާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ބަތީލާގެ އެ ސުވާލުގެ ޖަވާބު އޭނާ ދެނީ ކިހިނަކުން ބާއޭ ނަމީރުގެ ހިތަށް އަރަމުން ދިޔައެވެ. "ބުނެބަލަ... ކިހިނެއް މިވަނީ؟" (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ