އެކްސްޕެޓް ސިސްޓަމެއް ހަދަން މެލޭޝިއާގެ ބެސްޓިނެޓްއާ އެކު އަލުން ހެދި އެއްބަސްވުމުގެ ސަބަބުން ސަރުކާރަށް އެއިން ގެއްލުމެއް ވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
އެނގުން މުހިއްމު- ރާއްޖެއަށް އެތެރެވާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް، މެލޭޝިއާގެ ކުންފުންޏާ އެކު ސޮއިކޮށްފައިވަނީ 2016 ވަނަ އަހަރު، އޭރު އޮތް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. ފަނަރަ އަހަރަށް ހެދި އެކްސްޕެޓް ސިސްޓަމް ބޭނުން ކުރުން ހުއްޓާލީ 2019 ވަނަ އަހަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖެ ގެނައުން ހުއްޓާލަން ނިންމުމުންނެވެ.
އޭގެ ފަހުން ބެސްޓިނެޓްއަށް ބަދަލު ދޭން ޖެހޭތީ، މި ސަރުކާރުން ނިންމީ، އަލުން އެ އެއްބަސްވުން އިއާދަކުރުމަށެވެ. އެކަމަކު އެމްޑީޕީގެ އިސްވެރިންނާއި މަޖިލީހުގެ އިދިކޮޅު މެމްބަރުން އެކަން ސިފަކުރައްވަނީ ބޮޑު ހިޔާނާތެއްގެ ގޮތުގަ އެވެ.
ވީ ކިހިނެއް؟- މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ، އެކަމާ ގުޅޭގޮތުން އެޓާނީ ޖެނެރަލް އުޝާމްއާ ސުވާލު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ދިވެހިން ބަލަހައްޓަމުން އައި ސިސްޓަމް ދޫކޮށްލާ، އަލުން ބެސްޓިނެޓްއާ އެކު ސޮއި ކުރުމުން ދައުލަތަށް 450 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުންވުން އެކަށީގެންވާ ކަމަށެވެ. އެހެންވެ، އެ އެއްބަސްވުމަށް އަމަލު ކުރެއްވުމަށް ސަރުކާރަށް ލަފާ ދެއްވިންތޯ ޝަމްހީދު އެއްސެވި އެވެ.
އޭގެ ޖަވާބުގައި އުޝާމް ވިދާޅުވީ:
އެ މައްސަލަ 2023 ވަނަ އަހަރު އޭޖީ އޮފީހަށް ހުށަހެޅިއިރު، އެއްބަސްވުމަށް ސަރުކާރުން އަމަލު ކުރުން ހުއްޓާލިތާ ފަސް އަހަރުވެފައިވާ ކަމަށް
އަދި އެ މުއްދަތުގެ ތެރޭގައި އެއްބަސްވުމާ ގުޅޭގޮތުން އެއްވެސް މުއާމަލާތެއް ސަރުކާރުން ބެސްޓިނެޓްއާ ކޮށްފައި ނުވާއިރު، އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް އެ ކުންފުންޏަށް ވެފައިވާ ކަމަށް ކުންފުނިން ބުނާކަމަށް
އަދި ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ބޮޑު އަދަދެއް އަރާއިރު، އެކަން ހައްލުކުރުމަށް، ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށް، އިކޮނޮމިކް ކައުންސިލަށް ހުށަހަަޅައިގެން ކުރިއަށް ގެންދިޔުމަށް ހޯމްލޭންޑް މިނިސްޓްރީއަށް ލަފާއަރުވާފައި ކަމަށް ވިދާޅުވި
ތަފްސީލު- އުޝާމް ވިދާޅުވީ ގުޅުން ހުރި ދާއިރާތައް މަޝްވަރާކޮށް، އަލުން އެއްބަސްވުން އެކުލަވާލުމަށް ނިންމީ އޭގެ ސަބަބުން ދައުލަތަށް އެއްވެސް ގެއްލުމެއް ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާތީ ކަމަށެވެ.
"އަޅުގަނޑު ލަފާ ދިނީ ގުޅުން ހުރި އިދާރާތައް މަޝްވަރާކުރުމަށް ފަހު ގޮތެއް ނިންމުމަށް. އެހެންވީމާ، އެ ބޭފުޅުން މަޝްވަރާކޮށް، އަލުން އެއްބަސްވުން އެކުލަވާލުމުން، އެއިން ގެއްލުމެއް ވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އުޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އެއްބަސްވުމާ ހިލާފުވެގެން، އެ ކުންފުންޏަށް ބޮޑު ބަަދަލެއް ދޭން ޖެހުމުގެ ފުރުސަތު އޮތް ކަމަށާއި އާބިޓްރޭޝަނަށް ދިޔަ ނަމަ އެކަމަށް ސަރުކާރަށް ބޮޑު ހަރަދެއް ކުރަން ޖެހޭނެ ކަމަށެވެ.
ބެސްޓިނެޓްއާ އެކު އާ އެއްބަސްވުމަކަށް ދާން ޖެހުނީ، ކުރީގެ ސަރުކާރުން އަމަލު ކުރިގޮތުން ބޮޑު އެ ކުންފުންޏަށް ބޮޑު ބަދަލެއް ދޭން ޖެހިދާނެތީ ލުއި ގޮތެއް ހޯދުމަށް ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ ވިދާޅުވެފަ އެވެ.
ރާއްޖެ އަންނަ ބިދޭސިންގެ އަތުން މިހާރު އަހަރަކު 6،200ރ. ނަގާއިރު އޭގެ ތެރޭ ހިމެނެނީ:
2000ރ.ގެ ކޯޓާފީ
މަހަކު 350ރ.ގެ ރޭޓުން ވޯކް ޕާމިޓްފީ
ބެސްޓިނެޓްއާ އެކު ހެދި އެއްބަސްވުމާ އެކު ބިދޭސީއެއްގެ އަތުން ސަރުކާރަށް ލިބޭ ފީގެ 1،542ރ. އެ ކުުންފުންޏަށް ދައްކަން ޖެހޭނެ އެވެ. އަދި ބާކީވާ 4،658ރ. އަކީ ދައުލަތަށް ވަންނާނެ ރުފިޔާ ކަމަށް އިހުސާން ވިދާޅުވި އެވެ.
ހޯމްލޭންޑް މިނިސްޓަރު ވިދާޅުވީ އެ އަދަދު ބެސްޓިނެޓަށް ދިން ނަމަވެސް އެއިން ގެއްލުމެއް ނުވާނެ ކަމަށެވެ. އެގޮތުން މިހާރު ހުރި ސިސްޓަމާ އެކު އޮފީސް ހިންގުމަށާއި މުވައްޒަފުންނަށް ކުރާ ހަރަދު މާ ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ބެސްޓިނެޓްގެ ސިސްޓަމާ އެކު އެ ހަރަދުތަކާ ހަވާލުވާނީ އެ ކުންފުނިން ކަމަށް ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ:
މިވަގުތު އެކްސްޕެޓް ސިސްޓަމްގައި އެކްޓިވް ވޯކްޕާމިޓްގެ އަދަކީ 221،231
އޭގެ ތެރެއިން ދައުލަތަށް ގަވައިދުން ފީ ދައްކަނީ %50
ދައުލަތަށް އެއިން އަހަރު 685 މިލިއަން ރުފިޔާ އާމްދަނީއެއް ލިބޭ
ފީ ނުދައްކާ މީހުންނަށް ފަސޭހައިން އެކަން އަންގައި ހެދޭކަށް މިހާރުގެ ސިސްޓަމަކު ނެތް
އަލަށް ހަދާ ސިސްޓަމް ހަދާނީ އެ ހުރިހާ ކަމެއް ހިމެނޭހެން
ފަސޭހައިން ބަޔޯމެޓްރިކް ނެގި ދައުލަތުގެ ސިސްޓަމްތަކަށް އިންޓަގްރޭޓު ކުރެވޭނެ
އަންނަ ފެބްރުއަރީ މަހު އާ ސިސްޓަމް ބޭނުން ކުރަން ފަށާނެ
އޭރުން %90 މީހުން އަތުން ބިދޭސިންނާ ގުޅޭ ފީތައް ނެގޭނެކަން ޔަގީންވޭ
"ކުރިން ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބެމުން އައި 685 މިލިއަން ރުފިޔާ. އޭގެ ބަދަލުގައި އަޅުގަނޑުމެންގެ އަންދާޒާ އަކީ ދައުލަތަށް ލިބޭނެޔޭ 927 މިލިއަން ރުފިޔާ." އިހުސާން ވިދާޅުވި އެވެ.
ބެސްޓިނެޓްގެ އާ އެއްބަސްވުމުން ސަރުކާރަށް ގެއްލުންވާނެ ކަމަށް ނުދެކެން: އުޝާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ