ދިރާގުން ސީ-މީ-ވީ 6 ގްލޯބަލް ކޮންސޯޓިއަމް މީޓިން ރާއްޖޭގައި ބާއްވައިފި

ސީ-މީ-ވީ 6 ގްލޯބަލް ކޮންސޯޓިއަމް ބައްދަލުވުން ދިރާގުން އިންތިޒާމު ކޮށްގެން ރާއްޖޭގައި ބާއްވައިފި އެވެ.މި ބައްދަލުވުން އޮތީ މިމަހުގެ ހަތްވަނަ ދުވަހުން 11 ވަނަ ދުވަހަށެވެ. މާލޭގައި ކުރިއަށްދިޔަ މި ބައްދަލުވުންތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މުހިންމު ސްޓޭކްހޯލްޑަރުން ބައިވެރިވެ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމްގެ ކުރިމަގާއި ރާވައިފައިވާ ކަންކަމާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމަކީ ދެކުނު އިރުމަތީ އޭޝިއާ، މެދު އިރުމަތި އަދި ހުޅަނގު ޔޫރަޕް ގުޅުވައިދޭ ބައިނަލްއަގުވާމީ ގުޅުންތައް ހަރުދަނާ ކުރުމަށް ފަރުމާކޮށްފައިވާ މުހިންމު އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓެކެވެ. މި ޒަމާނީ ކޭބަލް ސިސްޓަމްގެ ސަބަބުން ހައި ސްޕީޑް އިންޓަނެޓް އަދި ފެންވަރު ރަނގަޅު މުވާސަލާތީ ހިދުމަތްތައް އެތައް މިލިއަން ބަޔަކަށް ލިބިގެންދާނެ އެވެ.މި ގޮތުން، ދިރާގުގެ މި ބޮޑު އިންވެސްޓްމެންޓްގެ ސަބަބުން ދެކުނު އޭޝިއާ، މެދު އިރުމަތި އަދި ޔޫރަޕްގެ މުހިންމު އިންޓަނެޓް އެކްސްޗޭންޖް ޕޮއިންޓްތަކާއި ޑޭޓާ ސެންޓަރުތަކުގެ ހިދުމަތްތައް ރާއްޖެއަށް ލިބި ޑިޖިޓަލް އިގްތިސާދައް ބޭނުންވާ މުހިންމު ހިދުމަތްތައް ލިބިގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.ސީ-މީ-ވީ 6 ކޮންސޯޓިއަމްގެ ބައިވެރިންނަށް މަރުހަބާ ކިއުމަށް ބޭއްވި ހާއްސަ ހަފްލާގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވަނީ މި ކޮންސޯޓިއަމްގެ ބައިވެރިންގެ އަގުހުރި މަސައްކަތް ފާހަގަކުރައްވާ އެ ފަރާތްތަކުން ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފަ އެވެ.މީގެ އިތުރުން މި ޕްރޮޖެކްޓަކީ ދިރާގުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ޕްރޮޖެކްޓެއްކަން ފާހަގަކުރައްވާ މި ޕްރޮޖެކްޓްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކުރިއަރައި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި އިގްތިސޯދު އިތުރަށް ތަރައްގީކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވި އެވެ. ސީ-މީ-ވީ 6 ކޮންސޯޓިއަމްގައި ދުނިޔޭގެ އެންމެ ވަރުގަދަ ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތައް ހިމެނެއެވެ. މި ކޮންސޯޓިއަމްގެ ތެރޭގައި ހިމެނޭ ކުންފުނިތަކުގެ ތެރޭގައި، ބިޔޯން ބީއެސްސީ (ބަޓެލްކޯ، ބަހްރެއިން)، ބަންގްލަދޭޝް ސަބްމެރިން ކޭބަލްސް ޕްރައިވެޓް ލިމިޓެޑް (ބީއެސްސީސީއެލް، ބަންގްލަދޭޝް)، ބާރްތީ އެއަރޓެލް ލިމިޓެޑް (އިންޑިއާ)، ޗައިނާ ޔުނައިޓެޑް ނެޓްވޯކް ކޮމިއުނިކޭޝަންސް ގްރޫޕް ކޮމްޕެނީ ލިމިޓެޑް (ޗައިނާ ޔުނިކޮމް)، ޖިބޫޓީ ޓެލެކޮމް، މައިކްރޮސޮފްޓް (އެމެރިކާ)، މޮބިލީ (ސައޫދީ އަރަބިއްޔާ)، އޮރެންޖް (ފްރާންސް)، ޕީސީސީޑަބްލިއު ގްލޯބަލް، ސިންޓެލް (ސިންގަޕޫރު)، ސްރީލަންކާ ޓެލެކޮމް، ޓެލެކޮމް އިޖިޕްޓް، ޓެލެކޮމް މެލޭޝިއާ، ޓެލިން (އިންޑޮނޭޝިއާ) އަދި ޓްރާންސް ވޯލްޑް އެސޯސިއޭޓްސް (ޕާކިސްތާން) ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ