މުސްލިމް އަޚުންނޭވެ! އީމާންވުމަށް ފަހު، އަޅާގެ މައްޗަށް އެންމެ މުހިންމު އަޅުކަމަކީ ނަމާދެވެ. ނަމާދަކީ ދީނުގެ ތަނބެވެ. ޤިޔާމަތްދުވަހު ހިސާބުބެއްލެވޭ ހިނދު، ޚުޝޫޢަތްތެރިކަމާއެކު ފުރިހަމައަށް ނަމާދު އަދާކޮށްފައި ހުރުން ނުހަނު މުހިންމެވެ. އެއީ އެއާނުލައި، އެހެނިހެން ޢަމަލުތައް ޤަބޫލުވެވިގެންނުވާނޭ އަޅުކަމަކަށް ވާތީއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ أَوَّلَ مَا يُـحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلَاتُهُ، فَإِنْ صَلُحَتْ فَقَدْ أَفْلَحَ وَأَنْـجَحَ، وَإِنْ فَسَدَتْ فَقَدْ خَابَ وَخَسِرَ)[1] މާނައީ: "ހަމަކަށަވަރުން ޤިޔާމަތްދުވަހު އެންމެފުރަތަމަ އަޅާގެ ޢަމަލުތަކުގެ ތެރެއިން ހިސާބު ބެއްލެވޭހުށީ އޭނާގެ ނަމާދާމެދުގައެވެ. އޭނާގެ ނަމާދުތައް ރަނގަޅުވެއްޖެ ނަމަ ހަމަކަށަވަރުން ނަޖާވެ ކާމިޔާބުވެއްޖެއެވެ. އޭނާގެ ނަމާދުތައް ގޯސްވެއްޖެ ނަމަ ހަމަކަށަވަރުން ގެއްލި ހަލާކުވެއްޖެއެވެ." ވީމާ މުސްލިމު އަޅާ، ފަރުޟު ފަސް ނަމާދު އަދާކޮށްފައި ހުންނާން ޖެހޭނީ، ތާހިރުކަންމަތީހުރެ، ދެއްކުންތެރިކަމެއް ނެތި، މަޑުމައިތިރިކަމާއި ޚުޝޫޢަތްތެރިކަމާއެކު މާތް ﷲއަށް ހިތްނިޔަތް ޚާލިޞްކޮށްގެންވާ ޙާލުގައެވެ. ފަރުވާކުޑަކޮށް، އާދަކާދައިގެ މަތީން ކޮށްލާކަމެއްގެ ގޮތުގައި ނަމާދުކޮށްގެން، މާތް ﷲ އެ ނަމާދު ޤަބޫލެއްނުކުރައްވާނެތެވެ. ކާމިޔާބުވާނޭ ބަޔަކީ، ނަމާދުގައި ޚުޝޫޢަތްތެރިވެ ބިރުވެތިވާ މީހުންނެވެ. އެ މީހުންނަށް ހުރި ދަރުމަ އަންގަވައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެ ތިބޭ މީހުންނެވެ." ހަމަ އެ ފަދައިން ނަމާދު ކުރިކަމުގައި ވިޔަސް ނަމާދުކުރުމުގައި ފަރުވާކުޑަކުރާ މީހުންނަށް ހުރީ ހަލާކުކަން އަންގަވައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---މާނައީ: "ފަހެ، އެއުރެންގެ ނަމާދާ މެދު ޣާފިލުވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކުހުށްޓެވެ." މި ދެ އާޔަތުގެ މާނައާ މެދު ވިސްނައިލާ އިރު، ނަމާދުކުރާންވީ ޚުޝޫޢަތްތެރިވެ ތިބެގެންކަމާއި، ފަރުވާކުޑަކޮށް، ޣާފިލުވެ ތިބެގެން ނަމާދުކުރާ މީހުންނަށް ދަރުމައެއް ނެތްކަން އެނގެއެވެ. އޭގެ ބަދަލުގައި އެ ފަދަ މީހުންނަށް ހުރީ ގެއްލުމާއި ހަލާކެވެ. އެހެންކަމުން ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ.
މުސްލިމް އަޚުންނޭވެ! ނަމާދުކުރާންވީ ގޮތަށް، ބިރުވެތިކަމާއި ޚުޝޫޢަތްތެރިކަމާ އެކު އެ އަޅުކަން އަދާކުރާ މީހުންނަށް، އުޚުރަވީ ޙަޔާތުގައި ލިބޭނޭ ސަވާބާއި ދަރުމައިގެ އިތުރަށް، އެ މީހުންގެ ދުންޔަވީ ޢަމަލުތައް ވެސް ހެއުވެ، ޞާލިޙުވެއެވެ. ނުބައި ކަންތަކާއި، މުންކަރާތްތަކާއި، ފާފަވެރިވާ ކަންކަމުން ނަމާދު، އެބައިމީހުން ރައްކާތެރިކޮށްދެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އަދި ކަލޭގެފާނު ނަމާދު ޤާއިމުކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި،މުންކަރާތްތައް ނަހީކުރާ ކަމެކެވެ."
މުސްލިމް އަޚުންނޭވެ! އިސްވެދިޔަ އާޔަތުގެ މާނައަށް ވިސްނައިލާއިރު، ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތަކާ ދުރުހެލިވާނޭކަން އެނގެއެވެ. ވައްކަމާއި، ރިޝްވަތާއި، މައިންބަފައިންނަށް އުރެދުމާއި، ބުހުތާނު ދޮގުހެދުން ފަދަ ފާޙިޝު ޢަމަލުތައް ނުކުރާނޭކަން އެނގެއެވެ. ނަމަވެސް ނަމާދުކޮށް އުޅޭ މުސްލިމުންގެ ތެރޭގައި، މި ފަދަ ޢަމަލުތައް ކުރާމީހުން މަދެއްނޫނެވެ. މިއީ އަހަރެމެންގެ އަމިއްލަ ނަފުސާ ސުވާލުކުރާން ޖެހޭނޭ ކަމެކެވެ. އެ ސުވާލަކީ، ނަމާދު ކުރެވެނީ ޚުޝޫޢަތްތެރިކޮށް ރަނގަޅަށްހެއްޔެވެ؟ މާތް اللّٰهއާއި އެ ކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންގެވި ގޮތަށްހެއްޔެވެ؟ ޖަވާބުގައި އާނއެކޭ ބުނާ ނަމަ، ދެން ފާޙިޝުކަންތަކާއި ފާފަތަކަށް އަރައިގަނެވެނީ ކީއްވެތޯ ތިމާގެ އަމިއްލަ ނަފުސާ ސުވާލުކުރާށެވެ!
މުސްލިމް އަޚުންނޭވެ! ނަމާދުގައި ޚުޝޫޢަތްތެރިކަމާއި މަޑުމޮޅިކަމާއި މަޑުމައިތިރިކަމެއް ނެތި، ހިތަށް އެރިހައި ޙަރަކާތެއްކުރަމުން، އެތަންމިތަން ބަލަމުން، ނަމާދުކުރާ މީހުންނަށް ލިބޭނީ، ނަމާދުގެ ސަވާބުން ކިހައި މިންވަރެއްހެއްޔެވެ؟ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ الرَّجُلَ لَيَنْصَرِفُ وَمَا كُتِبَ لَهُ إِلَّا عُشْرُ صَلَاتِهِ، تُسْعُهَا، ثُـمُنُهَا، سُبْعُهَا، سُدُسُهَا، خُـمُسُهَا، رُبُعُهَا، ثُلُثُهَا، نِصْفُهَا)[2] މާނައީ: "ބައެއް މީހުން ނަމާދުން ފައިބާ އިރު، އޭނާއަށް އެ ނަމާދުގެ ދިހަބައިކުޅައެއްބައި، ނުވަބައިކުޅައެއްބައި، އަށްބައިކުޅައެއްބައި، ހަތްބައިކުޅައެއްބައި، ހަބައިކުޅައެއްބައި، ފަސްބައިކުޅައެއްބައި، ހަތަރުބައިކުޅައެއްބައި، ތިންބައިކުޅައެއްބައި، ނުވަތަ ދެބައިކުޅައެއްބައި ވެސް ސަވާބުގެ ގޮތުގައި ނުލިޔުއްވެއެވެ."
މުސްލިމް އަޚުންނޭވެ! ތިޔަބައިމީހުން ނަމާދުގައި މަޑުމައިތިރިވެ ޚުޝޫޢަތްތެރިވާށެވެ! މާތް اللّٰهއަށް ބިރުވެތިވާށެވެ! އެ ކަމަށްޓަކައި ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ. ނަމާދަކީ ތިމާގެ ޙަޔާތުގައި އެންމެ އިސްކަންދޭ އަޅުކަންކަމުގައި ހަދާށެވެ! އެއީ ތިމާއަށް ވަގުތެއް ވީމާ ކޮށްލައި އުޅޭ ކަމަކަށްނަހަދާށެވެ! ނަމާދަކީ އެ އަޅުކަމަށް ވަގުތު ހުސްކޮށްގެން ކުރާހިތުން ގަޔާވެގެން އޭގެ ވަގުތުގައި އަދާކުރާ އަޅުކަމަކަށްހަދާށެވެ! ނަމާދަށް ހުންނަ އިރު، އެ ހުރެވެނީ ތިމާގެ ޚާލިޤުވަންތަ اللّٰهއާ މުނާޖާދަންނަވާންކަން ހަނދުމަކުރާށެވެ! ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ أَحَدَكُمْ إِذَا قَامَ فِيْ صَلَاتِهِ فَإِنَّـهُ يُنَـاجِيْ رَبَّهُ)[3] މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުން ކުރެ މީހަކު ނަމާދަށް ހުންނަ އިރު، ފަހެ އޭނާ އެ ހުންނަނީ އޭނާގެ ވެރި ރަސްކަލާނގެއާ މުނާޖާދަންނަވާންކަން ކަށަވަރެވެ." ވީމާ ނަމާދުގައި ޚުޝޫޢަތްތެރިވާށެވެ! މަޑުމޮޅިވާށެވެ! މަޑުމައިތިރިވާށެވެ! ފޭރާން ކޮށިކޮށް، އިސްތަށިގަނޑު ރީތިކޮށް، މާގިނައިން ތަންތަން ކަހައިނޫޅޭށެވެ! ނަމާދުކުރާން ތިބޭ އެހެން މީހުންނަށް އުނދަގޫވާ ވަރަށް، ނަމާދުގައި ކިޔާ ތަކެތި އަޑުހަރުކޮށް ނުކިޔާށެވެ! ޖަމާޢަތުގެ ނަމާދުގައި އިމާމާ ފިޔަވައި، އަދި އާމީން ކިޔުން ފިޔަވައި ދެން ތިބި މީހުން، ނަމާދުގައި ކިޔާތަކެތި ކިޔާނީ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފުސަށް އިވޭ ވަރަށް ސިއްރުންނެވެ. ނަމާދުގައި އިޙްސާންތެރިވާށެވެ! އެއީ ތިމާއަށް މާތް اللّٰه ފެންނާން ނެތަސް، އެ ކަލާނގެ ތިމާގެ ޢަމަލުތައް ދެކެދެނެވޮޑިގެންވާކަން ޤަބޫލުކުރާ ޙާލުގައި، ނަމާދުކުރުމެވެ. އޭރުން ބޭކާރު ޙަރަކާތްތަކާއި، ނަމާދުން ބޭރު ޚިޔާލުތައް، ހިތަށް ވަންނަ މިންވަރު ކުޑަވާނެއެވެ. ނަމާދުގައި ހިމޭންވެ ތިބުމަށާއި، ނަމާދުން ބޭރު ޙަރަކާތްތައް ނުކުރުމަށް އަމުރުކުރައްވައި މާތް اللّٰه ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ތިޔަބައިމީހުން ނަމާދުތަކާއި، އަދި، މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން اللّٰهއަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާ އެކު ނަމާދުގައި ޤާއިމުވެ ތިބޭށެވެ!"
މުސްލިމް އަޚުންނޭވެ! ނަމާދަށް ފެށުމުގެ ކުރީން، މޯބައިލް ފޯނުތައް ނިންވައިލާށެވެ! އެއީ ނަމާދުގައި ޚުޝޫޢަތްތެރިވުމަށް މިއަދު ކުރެވިދާނޭ ކަމެކެވެ. ނަމާދުގަޑީގައި މީހުންނާ ފޯނުން ނުގުޅުމަކީ ވެސް، ނަމާދަށް ތިބޭ މީހުން ޚުޝޫޢަތްތެރިވުމަށް ކޮށްދެވިދާނޭ ކަމެކެވެ. ނަމާދަށް ތިއްބައި، ފޯނު ރަނގަބީލުވާ އަޑު އިވުމަކީ، ނަމާދަށް ތިބޭ މީހުންނަށް އުނދަގޫވާނެ ކަމެކެވެ.
(ޢިލްމްވެރިން ވިދާޅުވަނީ ނަމާދަށް ހުއްޓައި ފޯން ރިންގްވާނަމަ ތަޅުމުގައި ފޯނު އޮތަސް ނަގައި ނިއްވައިލުމަށެވެ. އެއީ އެހެން މީހުންގެ ނަމާދަށް އެކަމުން ގެއްލުންވާނެތީއެވެ. އަދި އެކަމުން އެމީހެއްގެ ނަމާދަށް އުނިކަމެއް ނުލިބޭނެކަމަށްވެސް ބައެއް ޢިލްމްވެރިން ވިދާޅުވެއެވެ. މުހިންމީ ނަމާދަށް ފެށުމުގެ ކުރިން ފޯނު ނިއްވާލަން އާދަކުރުމެވެ.)
ނަމާދުގައި ކިޔާ ތަކެތީގެ މާނަ ދަސްކުރާށެވެ! ސޫރަތުލްފާތިޙާއާއި ކުރުސޫރަތްތަކުގެ މާނައާއި، ތަސްބީޙަތަކާއި ޛިކުރުތަކާއި ދުޢާތަކުގެ މާނައެވެ. ނަމާދަށް ހުންނައިރު، ކިޔަވާ ސޫރަތްތަކާއި ކިޔާ ތަކެތީގެ މާނަ ހިތަށް ގެންނާށެވެ!
މުސްލިމް އަޚުންނޭވެ! ނަމާދަށް ފަށާ އިރަށް ނަމާދުކުރާ މީހާގެ ހިތަށް ވަސްވާސްތައް ވައްދާ ޝައިޠާނަކު ވެއެވެ. އެއްފަހަރަކު عُثْمَانُ بْنُ أَبِي الْعَاص رَضِيَ اللّٰهُ عَنْهُ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިހަށް ވަޑައިގެން ދެންނެވިއެވެ. (يَا رَسُوْلَ اللهِ، إِنَّ الشَّيْطَانَ قَدْ حَالَ بَيْنِـيْ وَبَيْنَ صَلَاتِيْ وَقِرَاءَتِيْ؛ يَلْبِسُهَا عَلَيَّ. فَقَالَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: "ذَاكَ شَيْطَانٌ يُقَالُ لَهُ: خِنْزَبٌ، فَإِذَا أَحْسَسْتَهُ فَتَعَوَّذْ بِاللَّهِ مِنْهُ، وَاتْفِلْ عَلَى يَسَارِكَ ثَلَاثًا". قَالَ: فَفَعَلْتُ ذَلِكَ، فَأَذْهَبَهُ اللهُ عَنِّيْ.)[4] މާނައީ: "އޭ اللهގެ ރަސޫލާއެވެ! ހަމަކަށަވަރުން ޝައިޠާނާ ތިމަންކަލޭގެފާނުގެ ނަމާދާއި ޤުރްއާން ކިޔެވުމަށް ހުރަސްއަޅައި، ވަސްވާސް އުފައްދައިފިއެވެ. އެ ހިނދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. އެއީ ޚިންޒަބެވެ ކިޔާ ޝައިޠާނެކެވެ. ކަލޭގެފާނަށް އެސޮރުގެ ހިލަމެއް ވެއްޖެ ނަމަ، އޭގެ ވަސްވާހުން ރައްކައުތެރިވުމަށް އެދިވަޑައިގެން، މާތް اللّٰهގެ ޙަޟުރަތުގައި ދަންނަވާށެވެ! އަދި ވާތްފަރާތަށް ތިންފަހަރު ފުމެލައްވާށެވެ! އެ ކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު އެ ގޮތަށް ޢަމަލުކުރެއްވުމުން، اللّٰه تَعَالَى ތިމަންކަލޭފާނުގެ ކިބައިން އެ ވަސްވާސްތައް ދުރުކުރައްވައިފިއެވެ."
މުސްލިމް އަޚުންނޭވެ! ނަމާދުކުރާ ތަނުގައި، ޤިބުލައާވީ ފަޅީގައި، ތަޞްވީރުތަކާއި ކުރެހުންތައް ހުންނަ ތަކެތި ބެހެއްޓުމަކީ ވެސް ނަމާދަށް ޚަލަލު އަންނާނޭ ކަމެކެވެ. އެއްފަހަރަކު أُمُّ الْمُؤْمِنِيْنَ عَائِشَةَ رَضِيَ اللّٰهُ عَنْهَا، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ގަނޑުވަރުކޮޅުގައި، އެ ކަލޭގެފާނު ނަމާދަށް ހުންނަވާ ތަނުގައި، ކުރިފުޅުމައްޗަށް ވާގޮތަށް ރީތި ކުރެހުންތަކެއް ހުރި ފޮތިގަނޑެއް ދެންމެވިއެވެ. އޭގެ ސަބަބުން އެކަލޭގެފާނު ނަމާދުފުޅަށް ހުންނެވިއިރު އުނދަގޫފުޅުވިއެވެ. އެހެންވެ، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ ކަމަނާއަށް ޙަދީޘްކުރެއްވިއެވެ. (أَمِيْطِيْ عَنَّا قِرَامَكِ هَـٰذَا، فَإِنَّهُ لَا تَزَالُ تَصَاوِيْرُهُ تَعْرِضُ فِيْ صَلَاتِيْ)[5] މާނައީ: "ކަމަނާ ދަންމަވައިފައި އެހެރަ ފޮތިގަނޑު، އެއްފަރާތްކޮށްލައްވާށެވެ! ފަހެ ހަމަކަށަވަރުން، އޭގައި އެހުރި ތަޞްވީރުތަކުގެ ސަބަބުން ތިމަންކަލޭގެފާނު ނަމާދަށް ހުންނެވި އިރު އުނގަދޫފުޅުވިއެވެ."
ޚުޠުބާ: ނަމާދުކުރުމަށްވުރެ ފައިދާހުރި ކަމެއް ނެތް! ޚުޝޫޢަތްތެރިނުވާނަމަ ޘަވާބުން އުނިވަމުންގޮސް ލިބޭނީ ކުޑަކުޑަ މިންވަރެއް! އެކުގަ ބާޠިލްވެސް ވެދާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ