އިސްރާއީލުގެ ސިފައިންގެ ފަހުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާ ސިޓީގެ އިރުމަތީ ސަރަހައްދުތަކުން މެދު އަދި ހުޅަނގު ސަރަހައްދުތަކަށް 350،000 އަށްވުރެ ގިނަ ރައްޔިތުން ތަން ދޫކޮށް ދާން ޖެހިފައިވާކަން ޣައްޒާގެ ސަރުކާރުން ހޮނިހިރު ދުވަހު ބުނެފިއެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، 11 އޯގަސްޓް 2025 ގައި އިސްރާއީލުގެ އެއްގަމު ހަމަލާތައް ފެށުނީއްސުރެ ޣައްޒާ ސިޓީގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް އަންނަނީ މެދުނުކެނޑި ހަމަލާތައް ދެމުންނެވެ.
މި ހަމަލާތައް ފެށުމުގެ ކުރިން އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ''ޣައްޒާގައި ނަރަކައިގެ ދޮރުތައް ހުޅުވިފަވާކަމަށް'' ބުނެފައިވީ ނަމަވެސް، ޙަޤީޤަތުގައި އިސްރާއީލުން އަމާޒުކުރަމުންދަނީ ހަތިޔާރު ނެތް އާންމު ރައްޔިތުންނަށެވެ.
ޣައްޒާގެ ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މީހުން ދިރިއުޅޭ އެޕާޓްމަންޓްތައް ހުންނަ މަލްޓި-ސްޓޯރީ ރެސިޑެންޓަލް 1،600 އަށްވުރެ ގިނަ އިމާރާތް މުޅިން ހަލާކުވެ، 2،000 އަށްވުރެ ގިނަ ރެސިޑެންޓަލް އިމާރާތްތަކަށް ބޮޑެތި ގެއްލުން ލިބި، އަދި 13،000 އަށްވުރެ ގިނަ ޓެންޓު ހަލާކުކޮށްލާފައި ވެއެވެ. މީގެ އިތުރުން، ސެޕްޓެމްބަރު މަހުގެ ފެށުނީއްސުރެ، ޣައްޒާގައި މީހުން ދިރިއުޅެމުން ދިޔަ 70 އަށްވުރެ ގިނަ ބޮޑެތި ރެސިޑެންޓަލް ޓަވަރުތައް މުޅިން ހަލާކުކޮށްލައި، 120 ރެސިޑެންޓަލް ޓަވަރަށް ބޮޑެތި ގެއްލުން ދީ، އަދި 3،500 އަށް ވުރެ ގިނަ ޓެންޓު ނައްތާލާފައިވެއެވެ.
މި ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލުނު މީހުންގެ އަދަދު ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. ޣައްޒާ ސަރުކާރުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހަލާކުވި އިމާރާތްތަކުގައި 50،000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން ދިޔައިރު، ގެދޮރު ސުންނާފަތިކޮށްލުމުން މަޖުބޫރުވެގެން ގޮސް ދިރިއުޅެންޖެހުނު 52،000 އަށްވުރެ ގިނަ މީހުން އިސްރާއީލުން ނައްތާލި ޓެންޓްތަކުގައި ދިރިއުޅެމުން ދިޔައެވެ.
ޣާއްޒާ ސަރުކާރުން ބުނާ ގޮތުގައި މަޖުބޫރުން ތަން ދޫކުރުވުމަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާއި ޖެނީވާ ކޮންވެންޝަންތަކާ ޚިލާފު ކަމެކެވެ. އަދި ހިނގަމުންދާ ހަމަލާތައް ހުއްޓުވުމަށާއި، އާންމު ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ވަގުތުން އަމަލުކުރުމަށް ގޮވާލާފައިވެއެވެ.
2023 އޮކްޓޯބަރުން ފެށިގެން އިސްރާއީލުން ޣައްޒާގައި ކުރަމުން އަންނަ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 64،803 މީހުން ޝަހީދުވެ، 164،264 މީހުންނަށް ޒަޚަމްވެފައިވެއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
ޣައްޒާ އަށް އިސްރާއީލުން އެންމެ ފަހުން ދިން ހަމަލާތަކުގައި 350،000 އާންމު ރައްޔިތުން މަޖުބޫރުން ގެދޮރު ދޫކޮށް ދާންޖެހުނު: ރިޕޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ