ރައުދަށް އިއްވީ 27 ދުވަހުގެ ޖަލު ހުކުމެއް

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއާ އެއްކޮށް ހާދިސާ ހިނގި ވަގުތު ހުރި، ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލު އިތުރު ހުކުމެއް ތަންފީޒުކުރަން ނުޖެހޭ ގޮތަށް މައްސަލަ މިއަދު ނިމިއްޖެ އެވެ.މިދިޔަ އޭޕްރީލް މަހު ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުގެ މައްޗަށް ކުރީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީ ނުވުމުގެ ދައުވާ އެވެ. އެއީ ޔުމްނު ވެއްޓުނުކަން އެނގިހުރެ، އެހީ ނުވެ އެތަނުން ގޮސްފައިވާތީ އެވެ.އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް، ރައުދުގެ މައްޗަށް 27 ދުވަހުގެ ޖަލު ހުކުމެއް އިއްވީ އޭނާ ކޯޓުގައި އެ ކުށަށް އެއްބަސްވެފައިވާތީ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. އަދި އަދަބުގެ މިންވަރު މަތިކުރަން ދައުލަތުން އެދިފައިނުވާ ކަމަށް ވެސް ކޯޓުން ބުންޏެވެ.ކްރިމިނަލް ކޯޓުން ބުނީ ރައުދުގެ މައްޗަށް 27 ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ތަހުގީގު މަރުހަލާގައި އޭނާ ބަންދުގައި އެ މުއްދަތު ހޭދަ ކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލާގައި އޭނާ ދެން ތަންފީޒު ކުރަންޖެހޭ އަދަބެއް ނެތެވެ.އެ ހާދިސާއަށް ޔުމްނުއަށް ބޮޑެތި އަނިޔާތަކެއް ލިބުނުއިރު، ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި މާލޭގައި ކުރި ސިލްސިލާ މުޒާހަރާތަކާ ގުޅިގެން ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ހާއްސަ ރިޔާސީ ކޮމިޝަނެއް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި އެވެ.ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ވަނީ، އަނިޔާ ލިބިފައިވާ ޒުވާން އަންހެނަކު ފެނުމުން، އެ މީހާއަށް ކުއްލި ފަރުވާ ފޯރުކޮށްދިނުމަށް އައިޖީއެމްއެޗްއަށް ގެންދެވުމުން، ފުރަތަމަ އެހީގެ ގޮތުގައި ފަރުވާދެވޭ ވަގުތުގައި ވެސް އެ މީހާއަކީ އަނިޔާތަކެއް ލިބިފައިވާ މީހެއްކަމަށް ބަލައި، އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން ފެންނަންހުރި އަނިޔާތައް ދެނެގަންނަން ޖެހޭކަމަށެވެ. އަދި, އެއްވެސް ނިޝާނެއް ފެންނަން ހުރި ނަމަ އެ ނިޝާންތަކުގެ ފޮޓޯނަގައި، ޖިންސީ އަނިޔާއެއް ކޮށްފައިވާކަމަށް ބަލައި "ވަޖައިނަލް ސްވޮބް"، "އޭނަލް ސްވޮބް" ،"ބަކަލް ސްވޮބް" އަދި އެހެނިހެން ކަންކަމަށް ވެސް ތަހުލީލުތައް ހެދުމަށް ބޭނުންވާނޭ އެންމެހައި ސާމްޕަލްތައް ނަގައި ހެއްކާއި ޤަރީނާ ނުގެއްލޭގޮތަށް އެ މަޢުލޫމާތު އެއްކޮށް ތައްޔާރުކުރަން ޖެހޭ ކަމަށް އެ ރިޕޯޓުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ