ކްރިމިނަލް ކޯޓުގެ ގާޒީ، ހުސެއިން ފާއިޒް ރަޝާދު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ފާއިޒު ވަކިކުރަން ޖޭއެސްސީން ނިންމީ އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި ކަމަށް ތުހުމަތު ކުރެވޭ ހަލީމަތު ލަމްހާ ދެ ފަހަރެއްގެ މަތިން ބަންދުން ދޫކޮށްލުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތު ކުރާ ސ. ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު، 41، ބަންދުން ދޫކޮށްލަން އަމުރުކުރި މައްސަލައިގައި ކަމަށް އެނގިފައިވެ އެވެ.
އަލީ އަންވަރު އެންމެ ފުރަތަމަ ހައްޔަރުކުރީ އޮކްޓޯބަރު 11، ގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާގެ ބަންދާމެދު ގޮތެެއް ނިންމަން ފުރަތަމަ ގެންދިޔުމުން ފަސް ދުވަސް ޖެހި ނަމަވެސް، ދެވަނަ ފަހަރަށް ބަންދުގެ މުއްދަތު އިތުރުކުރަން އޮކްޓޯބަރު 18، ގައި ގެންދިޔުމުން ވަނީ ދޫކޮށްލާފަ އެވެ.
އޭނާ ދޫކޮށްލީ ހައްޔަރުކޮށް ހައްޔަރާމެދު ގޮތް ކަނޑައަޅާފައިވަނީ ކޮން އަސާސެއްގެ މައްޗަށް ކަމަށް ފުލުހުންނަށް ބުނެދެވިފައިނުވާތީ، ހައްޔަރުކުރުމަށްފަހު އަމަލުކުރަންޖެހޭ އިޖުރާއަތުގައި އުނިކަން ހުރި ކަމަށް ބެލެވޭތީ ކަމަށް ބުނެ އެވެ.
އަންވަރާއި، އިތުރު ބަޔަކު ހިމެނޭ މައްސަލައިގައި ޑްރަގުތައް އަތުލައިގަތީ މީގެ ހަ އަހަރު ކުރިން، އޮކްޓޫބަރު 7، 2019 ގައި ފުލުހުންނާއި ސިފައިން ގުޅިގެން ކަނޑުމަތީގައި ހިންގި އޮޕަރޭޝަނެއްގަ އެވެ. މި އޮޕަރޭޝަނުގައި އިރާނުގެ ބޯޓު ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައި ހއ. ތުރާކުނު ބޭރުންނެވެ.
އަންވަރު ނޫން އެންމެންގެ މައްޗަށް އެ މައްސަލައިގައި އުފުލި ދައުވާތައް ޕީޖީން ވަނީ މީގެ ކުރިން އަނބުރާ ގެނެސްފަ އެވެ.
ހަލީމަތު ލަމްހާ ދެ ފަހަރެއްގެ މަތިން ބަންދުން ދޫކޮށްލީ ކޮންމެހެން ގެއިން ބޭރަށް ނުކުންނަން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުނިކުތުމާއި ރާއްޖެއިން ބޭރަށް ފުރައިގެން ނުދިޔުން ފަދަ ޝަރުތުތަކެއް ކުރުމަށްފަހު އެވެ. އެހެންނަމަވެސް އެ ދެ ފަހަރު ވެސް ދައުލަތުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރި ދެ ފަހަރު ވެސް ހައި ކޯޓުން އަމުރުކޮށްފައި ވަނީ ބަންދުގެ މައްސަލަ އަލުން މުރާޖައާ ކުރުމަށެވެ. އެގޮތުން ފާއިޒު ސަސްޕެންޑުކުރި ފަހުން، ކްރިމިނަލް ކޯޓުން ވަނީ ލަމްހާ އަލުން ބަންދުކުރަން އަމުރުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީކަމުން ފާއިޒު ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމިއިރު، ފާއިޒު މިވަގުތު ވެސް ހުންނެވީ ސަސްޕެންޝަނުގަ އެވެ. ޖޭއެސްސީން ފާއިޒު ސަސްޕެންޑު ކުރީ އޮކްޓޫބަރު 22، ގަ އެވެ.
މީގެ ކުރިން، ނޮވެމްބަރު، 2021، ގައި ވެސް ޖޭއެސްސީ އިން ވަނީ ފާއިޒް ސަސްޕެންޑުކޮށްފަ އެވެ. އެ ފަހަރު އޭނާ ސަސްޕެންޑު ކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މައްސަލަ ބެއްލެވި ގާޒީން "ރަހީނު" ކޮށްގެން ކަމަށް އޭނާ ވިދާޅުވާ އޯޑިއޯއެއް ލީކުވުމުންނެވެ.
ޔާމީންއަށް ހުކުމް ކުރެއްވި ތިން ފަނޑިޔާރުންގެ ބެންޗުގައި ވެސް ފާއިޒް ހިމެނިވަޑައިގަންނަވަ އެވެ. އެ އިރު ޖޭއެސްސީ އިން އޭނާ ސަސްޕެންޑު ކުރީ 60 ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް އޭގެ މަހެއްހާ ދުވަސް ފަހުން ޖޭއެސްސީ އިން ވަނީ ފާއިޒްގެ ސަސްޕެންޝަން އުވާލައިފަ އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒު ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމައިފި ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒު ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ