ނަޝީދުގެ އާދޭސް: ވިލިމާލޭ ނިކަ ގަހުގެ 100 އަހަރުވީ ތާރީޚެއް އޮވޭ، ކަނޑާ ނުލައްވާ!
މާލޭގެ ފަސްވަނަ އަވަށް, ވިލިމާލޭގައި ހުރި ބޮޑު ނިކަ ގަހެއް ނަގަން މި ސަރުކާރުން ނިންމައިފައިވަނިކޮށް، އެ ގަސް ނުކެނޑުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އާދޭހާއެކު އެދިވަޑައިގެންފިއެވެ. ވިލިމާލޭގައި ބޮޑު ދެ ނިކަ ގަސް ހުރެއެވެ. އޭގެ ތެރެއިން އެއް ގަސް ހުންނަނީ ފުލުހުންގެ ސްޓޭޝަން ކައިރިއެވެ. އަނެއް ގަސް ހުންނަނީ އެ ރަށުގެ "ވޯޓާ ސްޕޯޓްސް ބީޗް" ސަރަހައްދުގައެވެ. އޭގެ ތެރެއިން އެ ވޯޓާ ސްޕޯޓްސް ބީޗާ ދިމާލުގައި ހުންނަ ގަހުގެ މުލާއި ގޮފިތަކުގެ ސަބަބުން އެ ސަރަހައްދުގެ ގޭގެއަށް ދަތިވާކަމުގެ ޝަކުވާ ރައްޔިތުން ކުރެއެވެ. ރައީސް ހޯމަ ދުވަހުގެ ރޭ، ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ޝުއޫރު ފާޅުކުރި މީހަކު ވަނީ އެ ރަށުގައި ހުރި ނިކަގަހުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫވާތީ އެ ކަމަށް ރައީސްގެ ޖަވާބެއް ބޭނުންވާ ކަމަށް ބުނެފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް، އެ ގަސް އެ ތަނުން ނަގަން ބޭނުންވާ މީހުން އަތްމައްޗަށް ނެގުމަށް އެދިވަޑައިގަތެވެ. ގިނަ ބަޔަކު އަތްމައްޗަށް ނެގުމުން ރައީސް ވިދާޅުވީ "އެހެންވީމަ, ގާތްގަނޑަކަށް އިއްތިފާގުން ފާސްވީ" ކަމަށާއި އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އެ ނިންމެވުމާ ގުޅޭ ގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ތިމާވެށި ހިމާޔަތް ކުރުމާއި ތާރީޚު ދިރާސާ ކުރެއްވުމުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ނަޝީދު ވަނީ އެ ނިކަގަހުގެ ތާރީޚަށް އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން 1902އިން 1934އަށް ތަޚުތުގައި ރެދަލި ކުރެއްވި ޝަމްސުއްދީން ރަދުންގެ ދުވަސްވަރު ވެސް އެ ގަސް ހުރީ ބިޔަކޮށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. https://x.com/MohamedNasheed/status/1993671894684389752 މީގެ އިތުރުން، ވިލިނގިލީ ޖަލު ހުރި ދުވަސްވަރު ސިޔާސީ ކުށްވެރިން ލައްވައި މަސައްކަތް ކުރުވުމަށް ފަހު، އަރާމުކުރަން ބައިތިއްބަނީ އެ ގަސް ހުރި ސަރަހައްދުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ. ވިލިމާލޭގައި ޖަލެއް ހަދައި ކުށްވެރިން ބަންދު ކުރަން ފެށީ ރައީސް އިބްރާހިމް ނާސިރުގެ ވަޒީރުލް އައުޒަމް ކަމުގައި 17 އެޕްރީލް 1962ގަ އެވެ. އޭގެ ކުރިން އެ ރަށުގައި، ސިޔާސީ ހައްޔަރީންގެ ގޮތުގައި ޝަމްސުއްދީން ރަދުންނާއި މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚު އަބްދުއްރަހުމާން ޙާޖީ އެކަހެރި ކޮށްފައި ބަހައްޓައިފައިވެއެވެ. "ސަތޭކަ އަހަރަށް ދާ ތާރީޚެއް! މި ގަސް ކަނޑާ ނުލައްވާ!" ނަޝީދު ލިޔުއްވާފައިވެއެވެ. ވިލިމާލޭގެ ދެ ނިކަގަސް ކަނޑާލާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، އެ ނިންމުމާ ގުޅިގެން ސޯޝަލް މީޑިއާގައި އިތުރު މީހުން ވެސް ކަންބޮޑުވުން ފާޅުކުރިއެވެ. https://sun.mv/214435 އެހެންވެ، ރައީސް ވަނީ ގަސް ކެނޑުން ފަދަ ކަންކަމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި ނަމަވެސް، އިންސާނީ ދިރިއުޅުމަށް އުނދަގޫވާނަމަ ގަސް ނެގުމަކީ ގަސް އިންދުމާ ދެކޮޅުވުން ނޫން ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ވިލިމާލެއިން ނަގާ ދެ ނިކަގަހުގެ ބަދަލުގައި، އެ އަވަށުގައި މަދުވެގެން 300 ގަސް އިންދަން އެންވަޔަރަމެންޓް މިނިސްޓްރީއަށް އަންގަވައިފައިވާ ކަމަށް ވިދާޅުވެފައެވެ. ނަޝީދު، 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު، ސިޔާސީ މަސައްކަތާ ދުރަށް ޖެހިވަޑައިގަންނަވަން ނިންމެވިކަން އިއުލާން ކުރެއްވުމަށް ފަހު ގެންދަވަނީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް މަސައްކަތްކުރާ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ