ޢިބްރަތްތެރި ވާހަކަ: ލޯބީގަ ތެދުވެރިވުމަކީ އާދަފޫއަޅުވާލަނިވި ގޮތަކުން ނަމަވެސް އުފާވެރި ދިރިއުޅުމެއް ލިބޭނެކަމެއްކަން ތަޖުރިބާކުރެވުނު ދެލޯބިވެރިންގެ ވާހަކަ-

ދެމީހުންވެސް ލޯބީގައި ތެދުވެރިވެއްޖެނަމަ ނުލިބޭނެ އުފަލެއް ނުއޮންނާނެކަމަށް ބުނެފިނަމަ ގިނަ ބައަކު ޤަބޫލުވެސް ނުކުރާނެއެވެ. ނަމަވެސް އެއީ އެކަން އޮތްގޮތެވެ. ކަމުގެ ޙަޤީޤަތެވެ. ތިރީގައިވާ ޙާދިށާގެ ވާހަކައިން އެކަން އިތުރަށް ޔަޤީންކޮށްލައްވާށެވެ!  
އަޅުގަނޑަކީ ފުވައްމުލަކަށް ނިޞްބަތްވާ އަންހެން ކުއްޖަކީމެވެ. އެއިރު އަޅުގަނޑުގެ އުމުރުން ވާނީ 18 އަހަރެވެ. ސޯޝަލް މީޑިއާއިން ބައްދަލުވި މާލޭ ފިރިހެން ކުއްޖަކާ ޗެޓްކުރަމުން ގޮސް ދެމީހުންގެ މެދުގައި ލޯބީގެ ގުޅުން އުފެދުނެވެ. އެގުޅުން ވަރަށް ބޮޑަށް ކުރިއަރައިގެންވެސް ދިއައެވެ.  
އަޅުގަނޑުމެން ފޮޓޯ ބަދަލެއް ނުކުރަމެވެ،. ވީޑިއޯ ކޯލެއްވެސް ނުކުރަމެވެ. އެހެންކަމުން ތިބޭ ސިފައެއް ނުވެސް އެނގެއެވެ. ލޯބިވެވުނީ ހަމައެކަނި ދެކެވުނު ވާހަކަތަކުގެ މައްޗަށެވެ.  
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑު ވަރަށް ބޮޑަށް ބަލިވިއެވެ. އަދި ބަލން ގަދަވިއިރު ހަނދާނުންވަނީ ގިނަ ކަންތައްތަކެއް ފުހެވިފައެވެ. އެދުވަސްވަރު އަޅުގަނޑުގެ ފޯނު މަންމަމެން ބަދަލުކުރުމުން ނަންބަރުތައްވެސް ވަނީ ގެއްލިފައެވެ.  
ހަނދާނުން ނުފުހެވުނު އެއް ކަމަކީ ލޯބިވެރިޔާއެވެ. ނަމަވެސް އޭނާ ހޯދޭނެ ގޮތެއް ނެތެވެ. ނަންބަރުވެސް ބަދަލުވެފައިވުމުން އޭނާއަށް އަޅުގަނޑާއި ގުޅޭނެ ގޮތެއް ނެތްކަން އެނގުމުން ވަރަށް ދެރަވެސް ވެއެވެ.  
އަޅުގަނޑު އެކަނި ހުންނާތީ ވަރަށް ގިނަ ޒުވާނުން އަޅުގަނޑުގެ ކައިވެންޏަށް އެދުނެވެ. ނަމަވެސް ހިތް އޮތީ މީހަކަށް ހަދިޔާކުރެވިފައެވެ. އެހެން ފިރިހެނަކަށް ހިތް ހަދިޔާކުރުން އެއީ ކުރަން ފަސޭހަކަމަކަށް ނުވިއެވެ.  
އެހެން ހުއްޓާއި އަޅުގަނޑުގެ އުމުރުން 27 އަހަރުގައި މަންމަމެންނާއިއެކު މާލެއައިމެވެ. މަގެއްގެ މައްޗަށް ނުކުމެވިއްޖެނަމަ ލޯބިވެރިޔާ ފެނޭތޯ ހޯދެއެވެ. ފެންނަ ޒުވާނުންނަށް ބެލެއެވެ. ބައެއް ޒުވާނުން ފެނުމުން ބަލަހައްޓައިގެން ހުރެވެއެވެ. އެއީ ކުރެވޭ ކުށެއްކަންވެސް އެނގެއެވެ. ނަމަވެސް އެކުށް ކުރެވުން އޮތީ އަޅުގަނޑުގެ ކޮންޓްރޯލަކު ނޫނެވެ.
މަންމަ ގޮވައިގެން އައިޖީއެމްއެޗަށް ދިއަ ދުވަހަކު ފެނުނު ޒުވާނަކަށް ވަރަށް ގިނައިން ބެލުނެވެ. ކަޅިޖަހާ ނުލައި ބަލަހައްޓައިގެން އެތައް އިރަކު ހުރެވުނެވެ. އަނގައިން ބުނަން ވަރަށް ބޮޑަށް ބޭނުންވެސް ވިއެވެ. ކެތް ނުކުރެވިގެން އެންމެފަހުން ކައިރިއަށް ޖެހިލާފައި އޭނާއަށް ކިޔަނީ ޖާވިދުތޯ ސުވާލުކުރުމުން އޭނާ ދިއައީ ސިއްސައިގެންނެވެ.  
"އަހަރެންގެ ނަމަކީ ޖާވިދުއެވެ. ނަމަވެސް ތިއަ ހޯދާ ޖާވިދުކަމަށް ނުވެދާނެއެވެ. އަހަރެންނަކީވެސް ފެނުނު ނަމަވެސް ނުއެނގޭނެ އަންހެން ކުއްޖަކު ހޯދާ މީހަކީމެވެ." އޭނާ ބުންޏެވެ.  
"ބުނެވެން އޮތް ނަމަ ތިއަ ހޯދާ ކުއްޖާގެ ނަން ބުނެފާނަންތޯ؟" ސުވާލުކުރުމުން ވޮލެޓް ހުޅުވާލައި ދައްކައިލީ ކަރުދާސްކޮޅެއްގައި ލިޔެފައި އޮތް ނަމެކެވެ. "ޢަޒީމާ" އެއީ ކޮން ރަށެއްގެ ކުއްޖެތޯ ސުވާލުކުރުމުން ބުނީ ފުވައްމުލަކު ކުއްޖެއްކަމަށެވެ.  
ނަމާއި ރަށް ދިމާވުމުން މޭތެޅެން ފެށިއެވެ. ހިތުގަ ވިންދުޖެހުން ބާރުވިއެވެ. އޭނާއަށްވެސް އެއިރު ކޮންމެވެސ އިޙްޞާޞްތަކެއް ކުރެވޭކަން އަޅުގަނޑަށް ޤަބޫލުކުރެވުނެވެ.  
ދެމީހުންގެ މެދުގައި ދެކެވުނު ވާހަކަތަކުން 9 ވަރަކަށް އަހަރަށް ފަހުގައި ބައްދަލުމިވީ ހަމަ އަހަރެމެން ދެމީހުންކަން އެނގުނެވެ. އެއީ ލަދުވެތިކަމެއް ނަމަވެސް ދެމީހުންނަށްވެސް އަތުގައި ވަރަށް ބާރަށް ހިފައިލެވުނެވެ. އޮޅުލައިގަންނަން ވެސް ބޭނުންވިއެވެ. ނަމަވެސް ޙާލަތާއި ތަން އަހަރެމެން ހުއްޓުވީއެވެ.  
ކޮންމެއަކަސް އެހިސާބުން ދެން ފެށުނީ ލޯބީގެ ވާހަކަތަކެއް ނޫނެވެ. ކައިވެނިކުރުމުގެ ވާހަކަތަކެވެ. ބައްދަލުވިތާ މަހެއްހައި ދުވަހުގެ ތެރޭގައި ތިބީ ކައިވެނިކޮށްގެންނެވެ. މިހާރު ކައިވެންޏަށް 13 އަހަރެވެ. 3 ދަރިންވެސް އެބަތިއްބެވެ. އިރާދަފުޅާއިއެކު ދިރިއުޅެމުން މިދަނީ ހަމަ އުފަލުގައެވެ.  
މއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން އޮތީ އަޅުގަނޑުމެންގެ ކާމިޔާބީގެ އަޞްލަކީ ދެމީހުން ނުފެނި ތިބެ ނަމަވެސް ވީވައުދުތަކަށް އިޙްތިރާމްކުރުން ކަމަށެވެ. ބައްދަލުވާނެ ގޮތެއް މެދުވެރިކޮށްދެއްވެވުން އެދި ކުރި ދުޢާތައް ކަމުގައެވެ. ތެދުވެރިކަމާއިއެކު ކެތްތެރިވުމުން އަދި ދުޢާކުރުމުގައި ސާބިތުވުމުން ހިންމަވައިދެއްވަވާނެކަން އަޅުގަނޑުމެން މިތިބީ ވަރަށް ރަނގަޅަށް ތަޖުރިބާކޮށްގެންކަމުގައި ދަންނަވާލަން ބޭނުންވެއެވެ.
 
- ޢަޒީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ