ޓައިގާއަށް މިލަޕް ޒަވޭރީގެ ފިލްމެއް

މި އަހަރުގެ ސެޕްޓެންބަރު މަހު ސިނަމާތަކަށް ގެނައި ފިލްމު "ބާޣީ 4"ގެ އެކްޓަރު ޓައިގާ ޝްރޮފްއަށް މަޝްހޫރު ފިލްމު ޑައިރެކްޓަރު މިލަޕް ޒަވޭރީގެ ފިލްމަކުން ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ފިލްމާ ގުޅޭ މަޝްވަރާތައް ޓައިގާއާ އެކު ކުރިއަށްދާ ކަމަށާއި ފިލްމަށް ސޮއިކުރާނެކަމުގެ ފެހި ސިގްނަލް އެކްޓަރު ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ވަރަށް ވަރުގަދަ އެކްޝަން ތީމަކަށް އުފައްދަން މިލަޕް ބޭނުންވާ މި ފިލްމުގެ މަސައްކަތް އަންނަ އަހަރު ތެރޭ ފަށަން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ޕިންކްވިލާގައި ބުނެފައިވާ ގޮތުން ޓައިގާ ފިލްމަށް ސޮއިކުރިހާ އަވަހަކަށް އަންނަ އަހަރުގެ ކުރީކޮޅު ފިލްމުގެ މަސައްކަތް ފަށާނެއެވެ. ފިލްމު ޑައިރެކްޓަރު މިލަޕް ޒަވޭރީ--ފޮޓޯ/އެންޑީޓީވީ މިލަޕް ޒަވޭރީއަކީ ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ ފިލްމު "މަސްތީ 4"ގެ އިތުރުން ދާދިފަހުން ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "އޭކް ދީވާނޭ ކީ ދިވާނިއްޔަތު"ގެ ވެސް ޑައިރެކްޓަރެވެ. މީގެ އިތުރުން، ބޮލީވުޑްގެ އެކްޓަރު ޖޯން އަބްރަހަމްގެ 2018 ވަނަ ފިލްމު "ސަތްޔަމޭވް ޖަޔަތޭ" އަކީ ވެސް މިލަޕްގެ ފިލްމެކެވެ. ޓައިގާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން އެކްޝަން ފިލްމުތަކުގެ ތެރެއިން "ގަނަޕަތު" އަދި "ބަޅޭ މިޔާ ޗޯޓޭ މިޔާ"އަށް ބެލުންތެރިންގެ ފަރާތުން ލިބުނު ފިނި ތަރުހީބާ އެކު ދެ ފިލްމު ވެސްވީ ފްލޮޕެވެ. އެ ދެ ފިލްމަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ޓައިގާގެ ކުރިމަގާ މެދު ސުވާލުތަކެއް ވެސް ގިނަ ޕްރޮޑިއުސަރުން އުފެއްދިއެވެ. ނަމަވެސް، ފިލްމު "ބާޣީ 4"އަށް ބެލުންތެރިންގެ ފަރާތުން ލިބުނު ހޫނު ތަރުހީބާ އެކު އެކްޓަރަށް އަންނަނީ ފިލްމު ޕްރޮޑިއުސަރުންގެ ހުށަހެޅުންތައް ލިބެމުންނެވެ. މިލަޕްއާ އެކު ޓައިގާ ފުރަތަމަ ފަހަރަށް މަސައްކަތްކުރާނެ ކަމަށް ބެލެވޭ މި ފިލްމުގެ އިތުރުން އިތުރު ދެ ފިލްމެއް އެކްޓަރުގެ އަތުގައި އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ