ހާލަތުގެ ފައިދާނަގަން އަލް ހިލާލުން ސަލާހަށް ފާރަލަނީ ހާލަތުގެ ފައިދާނަގަން އަލް ހިލާލުން ސަލާހަށް ފާރަލަނީ

ރިޔާދު، ސައުދީ އަރަބިއްޔާ (ޑިސެމްބަރު 8) - ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓާއި އެ ޓީމުގެ ތަރި މުހައްމަދު ސަލާހާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ މި ދަނޑިވަޅުގައި ހާލަތުގެ ފައިދާ ނެގުމުގެ ގޮތުން، ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބް އަލް ހިލާލުން ސަލާހު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާގައޮ ލީޑްސްއާ ދެކޮޅަށް ކުޅެ، 3-3 އިން ލިވަޕޫލުން އެއްވަރުވި މެޗުގައި، އެ ޓީމުގެ ކޯޗު އާނާ ސްލޮޓް، އެ ޓީމުގެ ތަރި، ސަލާހަށް އެއްވެސް ވަރަކަށް ކުޅުމުގެ ފުރުސަތު ދީފައިނުވެ އެވެ. އަދި، މިއީ، ސަލާހު ބެންޗުން ފެށި ޖެހިޖެހިގެން ތިން ވަނަ މެޗެވެ. މިއީ، 2017 ވަނަ އަހަރު ލިވަޕޫލަށް ސޮއިކުރި ފަހުން ސަލާހު މި ގޮތަށް ބޭނުންކުރާ ފުރަތަމަ ފަހަރެވެ.
އެ މެޗަށް ފަހު ދިން އިންޓަވިއުއެއްގައި ސަލާހު ވަނީ ސްލޮޓަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
ސްލޮޓާ ދެމެދު މިހާރު ގުޅުމެއް ނެތް ކަމަށް ބުނެ، ސަލާހު ވަނީ، އަންނަ މަހުގެ ޓްރާންސްފާ މާކެޓްގައި އެ ކްލަބް ދޫކޮށްލަފާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. އަދި، ލިވަޕޫލްގައި މައްސަލަ އަކީ އޭނާ ކަމަށް ހަދައި، އެ ކްލަބުން އޭނާ ބޭރުކުރަން ބޭނުންވާ ބަޔަކު ތިބި ކަމަށް ބުނެ، އެ ކަހަލަ މޭރުމަކުން ސަލާހު ވަނީ ވާހަކަ ދައްކައިފަ އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ސަލާހާއި ސްލޮޓް ޖެހިފައިވާ މި މައްސަލައިގެ ތެރޭގައި، ކްލަބްގެ ސީނިއާ މެނޭޖްމަންޓުން ވަނީ ސްލޮޓަށް ދެމުން އަންނަ އެއްބާރުލުން ދަމަހައްޓަން ނިންމައިފަ އެވެ. މިއާ އެކު، މި މަހު 15 ވަަނަ ދުވަހު އެފްރިކަން ކަޕް އޮފް ނޭޝަންސް ކުޅެން، މިސްރު ޓީމާ ގުޅޭނެ ސަލާހު، އަންނަ މަހުގެ ޓްރާންސްފާގައި އެ ކްލަބް ދޫކޮށްލުމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.
މިދިޔަ އަހަރު އަލް ހިލާލް އިން ވަނީ ސަލާހަށް 160 މިލިއަން ޑޮލަރުގެ ބިޑެއް ކޮށްފަ އެވެ. އެކަމަކު، އޭނާ ވަނީ މިދިޔަ ސީޒަނުގައި ލިވަޕޫލަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދޭން ބޮޑު ހިއްސާއެއް އަދާކޮށް އެ ޓީމާ އެކު، ހަދާފައިވާ އެއްބަސްވުން ދެ އަހަރަށް އާ ކޮށްފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، އަލް ހިލާލުން އަންނަނީ ޖެނުއަރީގައި 50 މިލިއަން ޑޮލަރުގެ ޑީލެއްގައި ސަލާހުގެ ސޮއި ހޯދަން މަސައްކަތް ކުރަމުންނެވެ. އަދި، އެ ކްލަބުން ސަލާހުގެ އެޖެންޓް، ރެމީ އައްބާސްއާ އެކު ކުރިއަށް އޮތް ދުވަސްތަކުގައި ބައްދަލުވުންތަކެއް ބާއްވާނެ ކަމަށް ވެސް ސައުދީގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ