އެޕަލްގެ އޭއައި ފީޗާތައް ލަސްވުމުގެ ފައިދާ ޗައިނާއިން ނަގަނީ
ދުނިޔޭގެ އެންމެ ވަރުގަދަ ޓެކް ކުންފުނި އެޕަލްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފީޗާތައް ދޫކުރުން ލަސްވުމުގެ ފުރުސަތުގެ ބޭނުން ހިފައި، ޗައިނާގެ ކުންފުނިތަކުން އައިފޯން ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށް ކެމްޕޭނެއް ފަށައި ދަނޑިވަޅުގެ ފައިދާ ނަގަން ފަށައިފިއެވެ. ޗައިނާގެ ސްމާޓްފޯން އުފައްދާ ކުންފުނިތަކުން ވަނީ އެޕަލްއަށްވުރެ ކުރިއަރާފައިވާ އޭއައި ފީޗާތަކާ އެކު އައިފޯން ބޭނުންކުރާ ފަރާތްތަކުގެ ސަމާލުކަން ހޯދުމުގެ މަސައްކަތް ފަށައިފައެވެ. އެޕަލްގެ އޭއައި ފީޗާތައް ބާޒާރަށް ނެރުން ލަސްވުމުގެ ސަބަބުން، އޮނާ، ވާވޭ، އޮޕޯ، ވީވޯ އަދި ޝިއޯމީ ފަދަ ބްރޭންޑްތަކުން ދަނީ އައިއޯއެސްއިން އެ ފަރާތްތަކުގެ ޑިވައިސްތަކަށް ބަދަލުވުމަށް ނުވަތަ އެޕަލް ފޯނާއެކު އެ ފަރާތްތަކުގެ ސްމާޓްފޯނެއް ބޭނުންކުރުމަށް ބާރުއަޅަމުންނެވެ. މި ކެމްޕޭން ފަށާފައިވަނީ އެޕަލްގެ އޭއައި ފީޗާތައް ޗައިނާގައި ތައާރަފުކުރުމަށް ރެގިއުލޭޓަރީ ހުއްދަ ލިބުން ލަސްވުމާ ގުޅިގެންނެވެ. ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިކަމުގެ ސަބަބަކީ އެމެރިކާއާއި ޗައިނާއާ ދެމެދު އޮތް ސިޔާސީ ނުތަނަވަސްކަމެވެ. މީގެ އިތުރުން، ޗައިނާގެ ބާޒާރުގައި އެޕަލްއަށް ކުރިއެރުމެއް ނެތި، ފަސްޖެހުންތަކެއް ދިމާވެފައިވުމުން ޗައިނާގެ ބްރޭންޑްތަކަށް ބާޒާރުގައި ބޮޑު ހިއްސާއެއް ހޯދުމުގެ ފުރުސަތު ލިބިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. https://sun.mv/214741 ކައުންޓާޕޮއިންޓް ރިސާޗްގެ ރިޕޯޓެއްގައިވާ ގޮތުން، ޗައިނާގެ ފޯން އުފައްދާ އެއްވެސް ކުންފުންޏެއްގެ ބާޒާރު ހިއްސާ 20 އިންސައްތައަށްވުރެ ބޮޑެއް ނޫނެވެ. ނަމަވެސް، މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެޕަލް އޮތީ ބާޒާރުގެ އެއްވަނައިގައި ކަމަށްވިޔަސް، ވީވޯއިން 18.5 އިންސައްތައިގެ ހިއްސާއަކާއެކު އެޕަލްއަށްވުރެ ކުރި ހޯދިއެވެ. އެޕަލްގެ ޝިޕްމެންޓްތައް ކުރީ އަހަރާ އަޅާބަލާއިރު ދެ އިންސައްތަ ދަށްވެ، އެންމެ ފަހުގެ ކުއާޓަރުގައި ބާޒާރު ހިއްސާ އުޅެނީ 13.6 އިންސައްތައިގައެވެ. ޗައިނާގެ އުފައްދުންތެރިން ވަނީ ސޮފްޓްވެއާ އަދި އޭއައިއަށް ބޮޑެތި އިންވެސްޓްމެންޓްތަކެއްކޮށް، ޚާއްސަކޮށް އައިއޯއެސް އިން އެ ފަރާތްތަކުގެ ޑިވައިސްތަކަށް ބަދަލުވާ ފަރާތްތަކަށް ފަސޭހަތަކެއް ގެނެސްފައެވެ. މިސާލަކަށް، އޮނާއިން އެ ފަރާތްތަކުގެ ޑިވައިސް ކްލޯން އެޕުން، ކިޔޫއާރު ކޯޑެއް ސްކޭންކޮށްގެން ފޮޓޯ، ކޮންޓެކްޓްސް އަދި މެސެޖް އޮނާ ފޯނުތަކަށް ބަދަލުކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވެއެވެ. އޮޕޯއިން ވަނީ އައިފޯން ބޭނުންކުރާ ފަރާތްތަކަށް އެފަރާތްތަކުގެ އާ ފޯނުތަކުން ނޮޓިފިކޭޝަން ބެލުމާއި، ކޯލް ނެގުމާއި، މެސެޖްތަކަށް ރިޕްލައި ކުރުމުގެ ގާބިލިއްޔަތު ތައާރަފުކޮށްފައެވެ. މިފަދަ ސިންކްރޮނައިޒޭޝަން ފީޗާތައް ޝިއޯމީގެ އާ ފްލެގްޝިޕް ފޯނުތަކުގައި ވެސް "ހައިޕާއޯއެސް 3"އާ އެކު ތައާރަފުވާނެކަމަށް ރިޕޯޓްތައް ބުނެއެވެ. ބަދަލުވުމުގެ ފަސޭހަތަކުގެ އިތުރުން، ޗައިނާގެ އޯއީއެމްތަކުން ދަނީ އޭއައި ބާރުލިބިފައިވާ ފީޗާތަކުގެ މައްޗަށް ބިނާކޮށް އެ ފަރާތްތަކުގެ ޑިވައިސްތައް ފާހަގަކުރުމަށް މަސައްކަތްކުރަމުންނެވެ. އޮޕޯގެ އާ ފޯނުތަކުގައިވާ އޭއައި އެސިސްޓެންޓްތަކުން ސްކްރީންޝޮޓް ބޭނުންކޮށްގެން ޚަރަދުތައް ޓްރެކްކުރުމާއި، ކެމެރާ ބޭނުންކޮށްގެން ރިއަލް ޓައިމް ޖިމް އެސިސްޓެންސް ދިނުމުގެ ގާބިލިއްޔަތު ހުރެއެވެ. އޮނާ ފޯނުތަކުގައި އެކި ޕްލެޓްފޯމްތަކުގައި ހުރި ކޫޕަންތައް އަޅާބެލުމާއި، ރައިޑް-ހެއިލިން އެޕްތަކުން އަވަހަށް ބުކިން ހެދުމާއި، ކުރު ވީޑިއޯތައް އުފެއްދުމުގެ ގާބިލިއްޔަތު ވެސް ހުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ