ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު، ވޯލްޑް ކަޕްގެ ފޯރި ގަދަވެ، ދަނޑުމަތިން ފެންނަ މޮޅު ކުޅުމުގެ ވާހަކަތަކުން މީޑިއާތައް ފުރިފައިވާއިރު، މުޅިން ތަފާތު ތަރިއަކު މިވަނީ އެންމެންގެ ސަމާލުކަން އަތުލާފަ އެވެ. އެއީ ސްޕެއިންގެ ޒުވާން ސުޕަރސްޓާ ލަމީން ޔަމާލްގެ ދަނޑުމަތީގެ ޖާދޫއެއް ނޫނެވެ. ދަނޑުން ބޭރުން، ސަޕޯޓަރުންގެ ތެރޭގައި އިނދެ އެންމެންގެ ސަމާލުކަން ދަމައިގަތީ އޭނާގެ އުމުރުން އެންމެ 3 އަހަރުގެ ކޮއްކޮ ކޭން އެވެ.
ސްޕެއިންއިން ޖަހާ ކޮންމެ ލަނޑަކާއެކު ތުއްތުތުއްތު ކޭން ދައްކާލާ ލާނެތް ހަރަކާތްތަކާއި، ކެމެރާގެ ކުރިމަތީގައި ޖައްސާ މަޖާ ވައްތަރުތަކުން އޭނާ ވެގެން ގޮސްފައިވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި އެންމެންގެ ހިތްތައް އަތުލި އެންމެ މަގުބޫލު ސަޕޯޓަރައަށެވެ.
ކޭންއަކީ ޔަމާލްގެ އެއްބަނޑު، ކޮއްކޮއެކެވެ. ޔަމާލްގެ ކުޑައިރު އޭނާގެ މަންމައާއި ބައްޕަ ވަކިވުމުން، މަންމަ ޝީލާ އެބާނާ ދެވަނަ ކައިވެންޏެއްކޮށް ލިބުނު ދެ ކުދިންގެ ތެރެއިން އެކަކީ ކޭން އެވެ. ސެޕްޓެމްބަރު 2022 ގައި އުފަންވި ކޭން ވަނީ ވޯލްޑް ކަޕްގެ ކުރިންވެސް ބޮޑެތި އިވެންޓުތަކުން ފެނިފަ އެވެ. އެގޮތުން 2024 ވަނަ އަހަރު ޔަމާލް 'ކޮޕާ ޓްރޮފީ' ހާސިލްކުރި ބެލޮންޑިއޯ ރަސްމިއްޔާތުގައިވެސް ކޭން ބައިވެރިވިއިރު، ބާސެލޯނާގެ މެޗުތައް ބަލަންވެސް އޭނާ އަބަދު ދެއެވެ.
މިހާރު ސޯޝަލް މީޑިއާގައި ކޭންއަށް ލިބެމުންދާ ބޮޑު ސަމާލުކަމާ ބެހޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ޔަމާލް ބުނީ، އޭނާ އަށް އެކަން ރޭޔަކާލާހެން ހީނުވާ ކަމަށެވެ.
"އޭނާ ގޭގައިވެސް އުޅޭގޮތަށް އުޅެނިކޮށް ކެމެރާ ދިމާވީމާ ކޮންމެވެސް މަޖާ ކަމެއް ކޮށްލަނީ. ބޮޑުވީމާ އޭނާ އަށް އެ މަންޒަރުތައް ފެންނާނެ،" ޔަމާލް ބުންޏެވެ.
"މީހުން ކޮއްކޮދެކެ އެހާ ބޮޑަށް ލޯބިދޭތީ ވަރަށް އުފާވޭ. ސްކްރީނުން އޭނާ ފެނުމުން އަހަރެންނަށް ވަރަށް މަޖާވޭ."
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުގައި ކުޑަކުޑަ ކޭން ޖައްސާ ލާނަތް ވައްތަރުތަކާއި، ނެށުންތަކާއި ސަކަ ހަރަކާތްތަކަށް ދަނީ މިލިއަނުން ލައިކްސް ލިމެނުންނެވެ.
ދެން ކުރިއަށް އޮތީ ވޯލްޑް ކަޕްގެ ފައިނަލް މެޗެވެ. ސްޕެއިން އާއި އާޖެންޓީނާ ބައްދަލުކުރާ މި މެޗަކީ 20 އަހަރު ފަހުން ޔަމާލް އާއި މެސީގެ ދެ ވަނަ "ކުރިމަތިލުމެވެ." އަދި ދަނޑުމަތީގެ ފުރަތަމަ ކުރިމަތިލުމެވެ. ޔަމާލު އާއި މެސީ އިއްތިފާގުން ބައްދަލުވީ ޔަމާލްގެ އުމުރުން އެންމެ ފަސް މަހުގަ އެވެ.
ޔަމާލްގެ ތިން އަހަރުގެ ކޮއްކޮ އެންމެންގެ ސަމާލުކަން އަތުލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ