އާޖެންޓީނާ ބަލިކޮށް ސްޕެއިނުން ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދައިފި

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 20) - އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން، 1-0 އިން އާޖެންޓީނާ ބަލިކޮށް ސްޕެއިނުން ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ. 
މިއީ، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ފަހުން ސްޕެއިނުން މި މުބާރާތް ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. 
ސްޕެއިނުން ފުރަތަަމަ އެގާރަ އަށް ބަދަލެއް ނުގެނެސް މި މެޗަށް ނުކުތްއިރު، އާޖެންޓީނާ އިން ނުކުތީ ފުރަަތަމަ އެގާރަ އަށް ތިން ބަދަލެއް ގެނެސްގެންނެވެ. 
މެޗުގެ ފުރަތަަމަ ފަސް މިނިޓް ތެރޭ ސްޕެއިނުގެ ލަމީން ޔަމާލަށް ދެ ފުރުސަތެއް ލިބުނުއިރު، ފޮނުވާލި ބޯޅަތައް އާޖެންޓީނާގެ ކީޕަރު، އެމިލިއާނޯ މާޓިނޭޒް ވަނީ މަތަކޮށްފަ އެެވެ. އަނެއްކޮޅުން، ކައުންޓާގައި އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ އަށް ސްޕެއިން ޑިފެންސް ފަހަތުން ލިބުނު ބޯޅައެއް، އެ ޓީމުގެ ކީޕަރު، އުނާއި ސިމޯން ވަނީ ސަލާމަތްކޮށްފަ އެެވެ.
ފުރަތަމަ ހާފުގައި ސްޕެއިނަށް ލީޑުނަގައިދޭން އެ ޓީމުގެ ފޯވާޑް، މިކޭލް އޮޔާޒަބާލް ޖެހި ޝޮޓެއް އާޖެންޓީނާގެ ކީޕަރު، އެމިލިއާނޯ މާޓީނޭޒް ވަނީ މަތަކޮށްފަ އެވެ. 
އާޖެންޓީނާ އަށް ސްޕެއިނުގެ ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވޭގޮތެއްނުވިއިރު، ސްޕެއިނުން ވަނީ ގިނަ ޝޮޓްތަކެއް ދެ ވަނަ ހާފުގައި ފޮނުވާލައިފަ އެވެ. އެ ގޮތުން، ފަބިއަން ރުއީޒް އާއި ޕައު ކުބަރްސީ ޖެހި ޝޮޓްތައް ކީޕަރު މާޓީނޭޒް މަތަކުރި އެވެ. 
މެޗުގެ 90 ވަނަ މިނިޓްގައި އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދައްކައިފަ އެވެ. ފުރަތަމަ ރީނދޫ ކާޑު ދެއްކީ ރެފްރީގެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުންނެވެ. ދެ ވަނަ ރީނދޫ ކާޑު ދެއްކީ ކުބަރްސީ އަށް ކުރި ނުރައްކާތެރި ފައުލަކަށެވެ. 
އިތުރު ވަގުތުގެ ތެރޭގައި، ސްޕެއިނުގެ ނިކޯ ވިލިއަމްސް ޖެހި ޝޮޓެއް ކީޕަރު މާޓީނޭޒް މަތަކުރިއިރު، ފަހު ސިކުންތުގެ ތެރޭގައި ހިލޭ ޖެހުމަކުން ޔަމާލް ފޮނުވާލު ބޯޅަ ވެސް ހުއްޓުވީ ކީޕަރު މާޓީނޭޒް އެވެ. 
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ލަނޑެއް ނުޖެހި އެއްވަރުވިއިރު، ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ. އިތުރު ވަގުުތުގެ ފުރަތަަމަ ހާފުގައި ސްޕެއިނުގެ ނީކޯ ވިލިއަމްސް ލަނޑެއް ޖެހި އެވެ. އެކަމަކު، އޭގެ ކުރިން، ސްޕެއިނުގެ މިކޭލް މެރީނޯ، އޭރިއާތެރެއިން އާޖެންޓީނާގެ ނިކޮލަސް އޮޓަމެންޑީ އަށް ކުރި ފައުލެއް ވަނީ ދަަައްކައިފަ އެވެ. 
އޭގެ ފަހުން، އޭރިއާތެރެއިން މެރީނޯ ބޮލުން ފޮނުވާލި ބޯޅައެއް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. 
އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން މާ ލަސްތަކެއް ނުވެ ސްޕެއިނުން ވަނީ ލަނޑު ޖަހައިފަ އެވެ. މިއީ، އޭރިއާތެރެއަށް ނެގި ހުރަހަކުން ނިކޯ ވިލިއަމްސް ބޮލުން ޖައްސާލި ބޯޅައަކުން ފެރާން ޓޮރޭޒް ޖެހި ގޯލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ