ކުޅިވަރު ޑީސެންޓްރަލައިޒްކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް

ކުޅިވަރާއި ގުޅުންހުރި ކަންކަން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކޮށް، ޑީސެންޓްރަލައިޒްކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާކަމަށް ޒުވާނުން ބާރުވެރިކުރުވުމާ ކުޅިވަރާ ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އަންނަމަހު ކ. ތުލުސްދޫގައި ފެށުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ޕްރޯ 2026 ލޯންޗްކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކައިގައެވެ. ވަޒީރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ކުޅިވަރާއި ގުޅުންހުރި އެންމެހާ ކަންކަން ވަކި ސަރަހައްދަކަށް ޚާއްސަކުރުމުގެ ބަދަލުގައި މުޅި ރާއްޖެ ޝާމިލްވާހެން އިންތިޒާމުތައް ހަމަޖެއްސުންކަމަށެވެ.
އެގޮތުން މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނާއި ކުޅިވަރު ވުޒާރާ ގުޅިގެން ބޭއްވުމަށް ރާވަމުންދާ މޯލްޑިވްސް ޕްރޯ 2026 ތުލުސްދޫގައި ބޭއްވުމަށް ހަމަޖެއްސީ ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް ކުޅިވަރު ޑީސެންޓްރަލައިޒްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
"އަޅުގަނޑުމެން ކުޅިވަރު ޑީސެންޓްރަލައިޒްކުރުމުގައި ލާ އެފޮޓް، އިރާދަކުރެއްވިއްޔާ އެކަމުގައި ކުރެވިގެންދާ ވަރަށް މުހިންމު މަސައްކަތެއްކަމުގައި ދެކެން" ވަޒީރު ވިދާޅުވިއެވެ.
މޯލްޑިވްސް ޕްރޯ 2026 ތުލުސްދޫގައި ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، މިމުބާރާތުގައި ދުނިޔޭގެ އެންމެ މަތީ ލެވެލްގައި ފާހަގަކޮށްލެވޭ މޮޅެތި ބޮޑީބޯޑަރުން ވާދަކުރެއެވެ. އެހެންކަމުން މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ ރާއްޖެއަށް ލިބިގެންދާ ބޮޑު ކުރިއެރުމެއްކަމަށް ވަޒީރު ސިފަކުރެއްވިއެވެ. މިފަދަ ބޮޑެތި ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުން ދުނިޔެއަށް ރާއްޖެ ހުޅުވިގެންދާނެކަމަށް ކުޅިވަރު ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖެއަކީވެސް ކުޅިވަރާއި ގުޅުންހުރި ކަންކަމުގައި ދުނިޔެއިން ފާހަގަކޮށްލެވޭނެ މަންޒިލަކަށް މިފަދަ މުބާރާތްތަކުގެ ސަބަބުންވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ސަރުކާރުން މިފަދަ އިންޓަނޭޝަނަލް މުބާރާތްތައް ރާއްޖޭގެ ރަށްރަށުގައި ބާއްވާ ރާއްޖެއަކީ ކުޅިވަރުގެ ކަންތައްތަކުގައި ދުނިޔޭގަ ވަކި ފަހަތަށް ނުޖެހޭނެ ގައުމެއްކަމާއި، އަދި ބައެއް ކަންކަމުގައި އެއީ އެންމެ ރަނގަޅު އެއް ޑެސްޓިނޭޝަން ކަމުގައި ދުނިޔެއަށް ދެއްކުން ވަރަށް މުހިންމު. އެކަން އިރާދަކުރެއްވިއްޔާ މިމުބާރާތުން އެޗީވްވެގެންދާނެކަމަށް އަޅުގަނޑު ޔަގީންކުރަން" ކުޅިވަރު ވަޒީރު ވިދާޅުވިއެވެ.
ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖެއިން ކުޅިވަރުގައި ހޯދަމުންދާ ކާމިޔާބީތަކުގައި ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދާކުރައްވާ ދައުރު ބޮޑުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ބައިނަލްއަގްވާމީ ބޮޑެތި މުބާރާތްތައް ރާއްޖޭގައި ބާއްވަމުން އަންނައިރު، އެފަދަ މުބާރާތްތައް ކާމިޔާބުކަމާއެކު ނިންމާލެވެނީ ރައީސުލްޖުމްހޫރިއްޔާ އެކަމަށްޓަކައި ދެއްވާ ޚާއްސަ އަހަންމިއްޔަތުކަމުގެ ސަބަބުންނެވެ. އެކަމަށްޓަކައި ވަޒީރުވަނީ ރައީސްކަން ޚާއްސަ ޝުކުރެއްވެސް ދަންނަވާފައެވެ.
"މިކަން އަޅުގަނޑުމެންނަށް މިވަނީ ސަރުކާރުން ވަކިން ޚާއްސަކޮށް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޒުވާނުންނާއި ކުޅިވަރާއި ގުޅުންހުރި ކަންކަމަށް ދެއްވާ އަހަންމިއްތުކަން ފާހަގަވެގެންދާކަމެއް. އަދި މިމުބާރާތްތައް ބޭއްވުމަށްޓަކައި ވެދެއްވާ އެހީތެރިކަމަށްޓަކައި އެމަނިކުފާނަށް އަޅުގަނޑުމެން ކުޅިވަރު ޢާއިލާގެ ނަމުގައި ވަރަށް ޚާއްސަ ޝުކުރެއް މިފުރުސަތުގައި ރައްދުކުރަން" ވަޒީރު ވިދާޅުވިއެވެ.
މޯލްޑިވްސް ޕްރޯ 2026 އަކީ ކުޅިވަރު ވުޒާރާއާއި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓަމަހުގެ 11 އިން 21 ގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ