ލޭނު އެޅުމުން މަސްވެރިކަމާއި ޓޫރިޒަމަށް ގެއްލުން ވާނެ: ނަޝީދު

ރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމާ ދެކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.ނަޝީދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ތެރޭގައި މަޑިއާއި ކޯމަހާއި މިޔަރު އަދި ކަނޑުމަތީ ދޫނިތައް ގިނަ އަދަދަކަށް ހިފޭ ކަމަށެވެ. އެކަމުގެ ސަބަބުން މަސްވެރިކަމާއި ފަތުރުވެރިކަމަށް ގެއްލުންވާނެ ކަމަށެވެ.އެފަދައިން ވިދާޅުވެ ނަޝީދު އެކްސްގައި ޕޯސްޓެއް ކުރައްވާފައިމިވަނީ ލޭނުގެ މަސްވެރިކަން ރާއްޖޭގައި ކުރެވޭ ގޮތަށް ފިޝަރީޒް މިނިސްޓްރީން ގަވާއިދު ހަދައި، އާންމުންގެ ހިޔާލަށް ހުޅުވާލާފައިވާ ދަނޑިވަޅެއްގައެވެ. ގިނަ ބަޔަކު ދަނީ ލޭނުގެ މަސްވެރިކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރަމުންނެވެ. އަދި ދަނީ ލޭނުގެ މަސްވެރިކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް އޮންލައިންކޮށް ކުރަމުންނެވެ.ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބޮޑުކަންނެލި އަދި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ މިދިޔަ މާޗު މަހު އެވެ.ފިޝަރީޒް މިނިސްޓްރީން މިހާރު ވަނީ ލޭނުމަސްވެރިކަން ކުރުމާ ބެހޭ ގަވާއިދެއް އެކުލަވާލައި އާންމުންގެ ހިޔާލަށް ވެސް ހުޅުވާލާފަ އެވެ.ސަރުކާރުގެ އެ ނިންމުމާ ދެކޮޅު ހަދައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އިންޓަނޭޝަނަލް ޔޫނިއަން އޮފް ފުޑް، އެގްރިކަލްޗަރަލް، ހޮޓެލް، ރެސްޓޯރެންޓު، ކޭޓަރިން، ޓޮބޭކޯ އެންޑް އެލައިޑް ވޯކާސް އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައިވެ އެވެ.ނަމަވެސް ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ގެންނާކަށް އަދި ނުނިންމަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ