ރައީސްގެ ދަރިކަލުންގެ ވާހަކަ ދެއްކި މައްސަލައިގައި އެމްޑީޕީ އާއި ރާއްޖެ ޓީވީ ކުށްވެރިކޮށް އޮމްބަޑްސްޕާސަންގެ ބަޔާނެއް ރައީސްގެ ދަރިކަލުންގެ ވާހަކަ ދެއްކި މައްސަލައިގައި އެމްޑީޕީ އާއި ރާއްޖެ ޓީވީ ކުށްވެރިކޮށް އޮމްބަޑްސްޕާސަންގެ ބަޔާނެއް

ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުން އުމެއިރު މުހައްމަދުގެ ވާހަކަ އިދިކޮޅު އެމްޑީޕީއިން ކުރިއަށްގެންދިޔަ މުޒާހަރާއެއްގައި ދެއްކުމުން އެ ޕާޓީ އާއި މުޒާހަރާ ލައިވް ކުރި ރާއްޖެ ޓީވީ ކުށްވެރިކޮށް ކުޑަކުދިންގެ އޮމްބަޑްސްޕާސަން ނިއުމާތު ޝަފީގުގެ އޮފީހުން ބަޔާނެއް ނެރެފި އެވެ.
އެ އޮފީހުން ބަޔާނެއް ނެރުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ. އެމްޑީޕީ ކުށްވެރިކޮށް އިލެކްޝަންސް ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ބަޔާނެއް ނެރުނެވެ. އެ މައްސަލައިގައި ނިއުމާތު ވަނީ އެމްޑީޕީގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ގެ މައްސަލައެއް ފުލުސް އޮފީހަށް ވެސް ހުށަހަޅައިފަ އެވެ.
ނިއުމާތުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ އެމްޑީޕީގެ މުޒާހަރާގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަމެއް ލިބިދާނެފަދަ ގޮތަކަށް ވާހަކަ ދައްކާފައިވާ ކަމަށެވެ. އެ ބަޔާނުގައި އެމްޑީޕީގެ ނަމެއް ސީދާ ނުބުނެ އެވެ. އެ ވާހަކަތައް ބްރޯޑްކާސްޓް ކުރުން ވެސް ނިއުމާތުގެ އޮފީހުން ވަނީ ކުށްވެރިކޮށްފަ އެވެ. އެ މުޒާހަރާ ލައިވް ކުރީ ރާއްޖެ ޓީވީއިންނެވެ.
"ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީއަކުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އެއްވުމެއްގެ ތެރެއިން ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ ގޮތަކަށް ވާހަކަ ދެއްކުމާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއަކުން އެ މަންޒަރާއި އަޑު ދައްކާފައިވާތީ ކުޑަކުއްޖަކާމެދު ހިންގާފައިވާ މި އަމަލު ކުށްވެރި ކުރަން،" ނިއުމާތުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ވޭޕްގެ މައްސަލަ އާއި ރައީސްގެ އަނބިކަނބަލުންނާ ގުޅުވައި އެންމެ ފުރަތަމަ ވާހަކަ ދެއްކީ އެމްޑީޕީގގެ މެންބަރު މަރިޔަމް ޒުބައިރު (މަންދީ) އެވެ. މަންދީ ބުނީ ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާ ކުރީ ރައީސްގެ ދަރިކަލަކު ވޭޕް ބޭނުން ކުރައްވާތީ ކަމަށެވެ. ވަކި ބޭފުޅެއްގެ ނަމެއް މަންދީ ނުބުނެ އެވެ.
އެ މައްސަލަައިގައި މަންދީގެ އިތުރުން އެމްޑީޕީ އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ މައްޗަށް މަދަނީ ދައުވާއެއް ކުރުމަށް ފަސްޓް ލޭޑީ ސާޖިދާ ވަނީ ނިންމަވައިފަ އެވެ. ދައުވާ ކުރަނީ ދެއްކި ކޮން ވާހަކައެއްގެ މައްޗަށް ބިނާކޮށް ކަމެއް ސާޖިދާގެ ވަކީލު އާޒިމާ ޝަކޫރު ވިދާޅެއްނުވެ އެވެ.
އެ މައްސަލައިގައި ސާޖިދާގެ ފަރާތުން ވަނީ ބަޔާނެއް ވެސް އާންމުކޮށްފަ އެވެ. އޭގައި ވިދާޅުވެފައި ވަނީ އުމެއިރަކީ ވޭޕް ކުރައްވާ އަދި ދުންފަތުގެ އިސްތިއުމާލު ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ.
"މި ފުރުސަތުގައި އުމައިރަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިއުމާލު ވެސް އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއް ނޫން ކަމުގައި، ތިޔަ އެންމެ ބޭފުޅުންގެ މައުލޫމާތަށްޓަކައި ވަރަށް ސާބިތުކަމާއެކު ދަންނަވަން،" ސާޖިދާގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ