އައްޑޫ ކަރަންޓު މައްސަލާގައި ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތް

އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ދިމާވަމުންދާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލުނުވާތީ، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ، ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ. 
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ ކުއްލި މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ނާޒިލް އެވެ.އެ ކުއްލި މައްސަލާގައި ނާޒިލް ވިދާޅުވީ، އައްޑޫއިން ކަރަންޓު ކެނޑި، އަސާސީ ބޭނުންތަކަށް ބުރޫ އަރާފައިވާ ކަމަށާއި ކަރަންޓު ފޯރުކޮށްދިނުމުގައި ސަރުކާރުން ތަކުރާރުކޮށް އިހުމާލުވެފައިވާ ކަމަށެވެ.އެކަމުގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް މި ހިނގާ ރޯދަ މަހުގައި ވެސް ބޮޑެތި ތަކުލީފުތައް އުފުލަންޖެހުމުގެ އިތުރުން، ގޭގޭގެ ކަރަންޓު ސާމާނު ހަލާކުވެ، މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ނާޒިލް ވިދާޅުވި އެވެ."އެއްވެސް ހައްލެއް ސަރުކާރުން ހޯދައި ދީފައި ނުވާތީ އާއި އައްޑޫ ސިޓީގެ ރައްޔިތުން ދިރިއުޅެމުން މިދާ ހާސްކަމާއި ދަތި އުނދަގުލަށް އެއްވެސް ހާލަތެއްގައި މި މަޖިލީހަށް ބަލައިގަނެވޭނެ ކަމެއް ނޫން،" ކުއްލި މައްސަލާގައި އޭނާ ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވި ގޮތުގައި، ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް ތިން މެގަވޮޓުގެ ދެ ޖެންސެޓު ބޭނުންވާއިރު، އައްޑޫއަށް ގެންގޮސްފައިވަނީ 1.8 މެގަވޯޓުގެ އެންމެ ޖެންސެޓެކެވެ. 
އެ މައްސަލައާ މެދު ބަހުސްކުރަން ފެނޭތޯ ނެގި ވޯޓުގައި 47 މެމްބަރުން ވޯޓު ދެއްވާފައިވަނީ ބަހުސް ކުރަން ނުފެންނަ ކަމަށެވެ. އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 11 މެމްބަރުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ