'ސީއައިޑީ' ސީޒަން 2 ނެޓްފްލިކްސްއަށް
ސޮނީ ޓެލެވިޒަންއިން ގެނެސްދެމުން އަންނަ މަޝްހޫރު ކްރައިމް އިންވެސްޓިގޭޝަން ސީރީސް "ސީއައިޑީ"ގެ ދެވަނަ ސީޒަން ނެޓްފްލިކްސްގައި ޕްރީމިއާކުރަން ހަމަޖައްސައިފިއެވެ. މި ސިލްސިލާގެ ދެވަނަ ސީޒަންގައި ގެނެސްދިން 18 އެޕިސޯޑު ވެސް މި މަހުގެ 21އިން ފެށިގެން ނެޓްފްލިކްސްއިން ބެލޭނެއިރު އާ އެޕިސޯޑުތައް ކޮންމެ ހަފުތާއެއްގެ ހޮނިހިރު އަދި އާދީއްތަ ދުވަހުގެރޭ 10:00އިން ފެށިގެން ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ނެޓްފްލިކްސްއިން ނެރުނު އިންސްޓަގްރާމް ޕޯސްޓުގައި ބުނެފައި ވަނީ އެންމެފަހުން "ސީއައިޑީ"ގެ އާ ސީޒަން ނެޓްފްލިކްސްއާ ހަމައަށް އައިސްފައިވާ ކަމަށެވެ. ގިނަ އަހަރުތަކެއް ވަންދެން ސޮނީ ޓީވީއިން ގެނެސްދެމުން އައި "ސީއައިޑީ"ގެ ދެވަނަ ސީޒަން ފަށާފައި މި ވަނީ މި ސިލްސިލާ ނުދައްކާތާ އަހަރުތަކެއް ވެފައި ވަނިކޮށެވެ. "ސީއައިޑީ"އަކީ އިންޑިއާގެ އިތުރުން ބޭރުގެ ވަރަށް ގިނަ ގައުމުތަކުގައި މަގުބޫލުވި ސީރީސްއެކެވެ. އޭގެތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނެއެވެ. ސޮނީގެ ސިލްސިލާ "ސީއައިޑީ 2"ގެ މަންޒަރެއް--ފޮޓޯ/އިންޑިއާފޯރަމްސް މި ސީރީސްގެ ދެވަނަ ސީޒަންގެ މައިގަނޑު ކާސްޓުންނަކީ ވެސް މިހާތަނަށް "ސީއައިޑީ"އިން ބެލުންތެރިންނަށް ފެނިފައިވާ ތަރިންނެވެ. އޭގެތެރޭގައި، ޝިވާޖީ ސަތަމް، ދަޔަނަންދު ޝެޓީ އަދި އަދިތިޔަ ސްރިވަސްތާވް ހިމެނެއެވެ. ނެޓްފްލިކްސް މެދުވެރިކޮށް "ސީއައިޑީ"ގެ އެޕިސޯޑުތައް ބެލޭނެ އިންތިޒާމް ހަމަޖެހުމާ ގުޅިގެން ބޭނުން ކޮންމެ ވަގުތަކު ވެސް މި ސީރީސްގެ އެޕިސޯޑުތައް ބަލާލުމުގެ ފުރުސަތު ހުޅުވި ބެލުންތެރިންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބޭނެ ކަމަށް ނެޓްފްލިކްސްއިން ވަނީ ބުނެފައެވެ. ނެޓްފްލިކްސް މެދުވެރިކޮށް މި ސީރީސްގެ އެންމެ ކުރީގެ އެޕިސޯޑުތައް ބަލާލުމުގެ ފުރުސަތު އޮތުމަކީ ވެސް ކުރިން "ސީއައިޑީ"ގެ އެޕިސޯޑުތައް ނުބެލި ތިބި މީހުންނަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް އެ ޕްލެޓްފޯމްއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ