ކޮރަޕްޝަން މައްސަލައިގައި ޓިއުނީޝިއާގެ ކުރީގެ ފުޓްބޯޅަ ރައީސް އަށް ޖަލު ހުކުމެއް ކޮރަޕްޝަން މައްސަލައިގައި ޓިއުނީޝިއާގެ ކުރީގެ ފުޓްބޯޅަ ރައީސް އަށް ޖަލު ހުކުމެއް

ތޫނިސް، ޓިއުނީޝިއާ (ފެބްރުއަރީ 22) - ޓިއުނީޝިއާ ފުޓްބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް، ވާދީ ޖެރީއާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއްގައި އޭނާ ހަތަރު އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައި.
ޓިއުނީޝިއާ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސްކަމަށް 2012 ވަނަ އަހަރު އެންމެ ފުރަތަމަ އިންތިހާބުވި، ޖެރީ ހުރީ 2023 ވަނަ އަހަރުގެ އޮކްޓޫބަރުން ފެށިގެން ކަމާބެހޭ ފަރާތްތަކުގެ ހައްޔަރުގަ އެވެ. އެއީ، މަގާމުގައި ހުރެގެން އޭނާ ހިންގި ކޮރަޕްޝަންގެ އަމަލުތަކެއްގެ ތަހުގީގަށް ހައްޔަރުކުރުމުންނެވެ.
ޖެރީ، 52، އާއި އޭނާގެ ލީޑަޝިޕްގައި ޓިއުނީޝިއާ ފުޓްބޯޅަ ފެޑެރޭޝަނުގައި މަސައްކަތްކުރި ޓެކްނިކަލް ޑިރެކްޓަރު ގުޅިގެން އެ ގައުމުގެ ފުޓްބޯޅަ އިދާރާ އަށް ލިބޭ ފަންޑްގެ ބޭނުން އަމިއްލަ ކަންކަމަށް ކުރުމުގެ މައްސަލަތައް އެންމެ ފުރަަތަމަ ފެންމަތިވި އެވެ. އޭގެ ފަހުން، އެކި ކަންކަން ބެލިއިރު، މެޗު ފިކްސްކުރުމުގެ އަމަލުތަކެއް ހިންގުމާއި އެކިއެކި މާލީ މައްސަލަތައް ވެސް ތަހުގީގަށް ފާހަގަކުރެވުނެވެ.
ޓިއުނީޝިއާގެ ސްޕޯޓްސް މިނިސްޓްރީން، ޖެރީގެ ކަންކަން ބަލަން ފަށާފައިވަނިކޮށް، 2021 ވަނަ އަހަރު ޖެނުއަރީ މަހު، ޓިއުނީޝިއާ އޮލިމްޕިކް ކޮމިޓީން ވަނީ ޖެރީ، ހަތަރު އަހަރަށް ސަސްޕެންޑްކޮށްފަ އެވެ.
އެކަމަކު، އޭގެ ދެ މަސް ފަހުން، ޖެރީ އަށް ވަނީ އެފްރިކާ ފުޓްބޯޅަ ފެޑެރޭޝަނުގެ ހިންގާ ކޮމިޓީ އަށް އިންތިހާބުވެފަ އެވެ. އެ ފެޑެރޭޝަނުގެ ތަރުޖަމާނު ވަނީ، ޖެރީއާ މެދު ޓިއުނީޝިއާގެ ގާނޫނީ ނިޒާމުގެ ތެރެއިން، ފިޔަވަޅެއް އެޅުމާ އެކު، އެފްރިކާ ފުޓްބޯޅަ ފެޑެރޭޝަނުން ވެސް ގޮތެއް ނިންމާނެ ކަމަށެެވެ.
ޖެރީގެ ވަކީލުންގެ ޓީމުން ވަނީ، އޭނާގެ ޖަލުގެ ހުކުމާ ދެކޮޅަށް އެޕީލް ކުރަން ނިންމައިފަ އެވެ.
ޖެރީގެ ލީޑަޝިޕުން ހިންގި ކޮރަޕްޝަން މައްސަލަތަކާ ހެދި، ފީފާ އިން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި، ޓިއުނީޝިއާ ފުޓްބޯޅަ ފެޑެރޭޝަން ވަނީ ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކޮށްފަ އެވެ. އެ ކޮމިޓީގެ މެންޑޭޓަކަށް އަސާސީ ގަވާއިދު އިސްލާހު ކުރުމާއި ދަރަނި ރިސްޓްރަކްޗާ ކުރުމުގެ އިތުރުން އިންތިހާބެއް ބޭއްވުން ހިމެނިއިރު، އެ ބައި ނިންމައި، މިދިޔަ މަހުގެ ފަހުކޮޅު ވަނީ އާ ރައީސަކު އިންތިހާބުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ