ލެވަކޫސަން މޮޅުވިއިރު، އަލޮންސޯ އަށް ރެކޯޑެއް ލެވަކޫސަން މޮޅުވިއިރު، އަލޮންސޯ އަށް ރެކޯޑެއް

ބާލިން (ފެބްރުއަރީ 22) - ޖަރުމަނު ލީގުގައި މިރޭ ކުޅުނު މެޗުން ހޯލްސްޓެން ކިއެލް ދަނޑުގައި 2-0 އިން ބަޔާ ލެވަކޫސަން މޮޅުވިއިރު، އެ ޓީމުގެ ކޯޗު ޒަބީ އަލޮންސޯ ޖަރުމަނު ލީގުގެ ރެކޯޑެއް ހަދައިފި އެވެ.
މި މެޗުން ލެވަކޫސަން މޮޅުވިއިރު، އަލޮންސޯ ވެގެން ގޮސްފައިވަނީ، ޖަރުމަނު ލީގުގެ ތާރީހުގައި ވެސް ބަލިނުވެ، ޖެހިޖެހިގެން ރަށުންބޭރުގައި އެންމެ ގިނަ މެޗު ހަމަކުރި ކޯޗަށެވެ. އެ ގޮތުން، ލެވަކޫސަން ރަށުންބޭރުގައި އެންމެ ފަހުން ކުޅުނު 28 މެޗުން ވެސް ބަލިވެފައިނުވެ އެވެ.
އަނެއްކޮޅުން، މިދިޔަ ސީޒަނުގެ ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދި ލެވަކޫސަން، މިދިޔަ ސީޒަން ފެށިގެން މިހާތަނަށް އައިއިރު ބަލިވީ އެންމެ މެޗަކުންނެވެ. އެއީ، މި ސީޒަނުގައި، މިދިޔަ އޮގަސްޓް މަހު އާރްބީ ލައިޕްޒިގު އަތުންނެވެ. އޭގެ ފަހުން، ލީގުގައި 21 މެޗުން އެ ޓީމު ބަލިވެފައިނުވާއިރު، އެންމެ ފަހުން ކުުޅުނު 334 މިނިޓް ތެރޭ އެ ޓީމު ކޮޅަށް ގޯލެއް ވެސް ވަދެފައިނުވެ އެވެ.
މެޗު ފަށައިގެން ނުވަ ވަނަ މިނިޓްގައި، ލެވަކޫސަނަށް ލީޑުނަގައިދިނީ ޗެކް ރިޕަބްލިކްގެ ފޯވާޑް، ޕެޓްރިކް ޝިކް އެވެ. އަދި މި މެޗުގައި ލެވަކޫސަނަށް ދެ ވަނަ ގޯލު ޖަހައިދިނީ، ފުރަތަަމަ ހާފުކޮޅުގައި، ފްލޯރިއަން ވާޓްޒް ދިން ބޯޅައަކުން، އަމީން އަދްލީ އެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާ އެކު، ލެވަކޫސަނުން ވަނީ ލީގުގެ އެއް ވަަނައިގައި އޮތް ބަޔާން މިއުނިކާ ފަސް ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. އެ ގޮތުން ބަޔާނަށް 22 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، ލެވަކޫސަނަށް ވަނީ 23 މެޗުން 50 ޕޮއިންޓް ލިބިފަ އެވެ.
ބަޔާނުން މި ހަފްތާގައި ކުޅޭ މެޗުގައި މާދަމާރޭ ބައްދަލުކުރާނީ، އައިންޓްރަކްޓް ފްރޭންކްފާޓާ އެވެ. ފްރޭންކްފާޓް މި ވަގުތު ލީގުގެ ތިން ވަނައިގައި އޮތީ 22 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ