ނ. ހޮޅުދޫގައި މިދިޔަ ސެޕްޓެމްބަރު މަހު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ ހަގީގަތް އަދިވެސް ހޯދިފައި ނުވާތީ، ރަށުގެ ގިނަ ބަޔަކު ނުކުމެ ޕޮލިސް ސްޓޭޝަން ކުރިމަތީގައި މިއަދު އިހްތިޖާޖް ކޮށްފި އެވެ.
ވީ ކިހިނެއް؟- ގޭގެ ގުދަނުގެ ތެރެއިން، ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާގެ މަރުގައި އެހެން މީހެއްގެ ބައިވެރިވުން އޮތް ކަމަކަށް މިހާތަނަށް ފުލުހުންނަށް ފާހަގަވެފައެއް ނުވެ އެވެ. އެކަމަކު އެ ވާހަކަ އެ ރަށުގެ ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ. އެ މީހުން ދެކޭގޮތުގައި އަމިއްލަ ކަރުގައި ވަޅި އަޅައިގެން، ޒަކިއްޔާ ފުރާނަ ދުއްވާލާނެ ފަދަ އެއްވެސް ހެއްކެއް ނެތެވެ.
ތަފްސީލު- ރައްޔިތުން މިކަމާ ދެބަސްވެ، މީގެ ކުރިން ވެސް ވަނީ ހޮޅުދޫގައި ބޮޑު މުޒާހަރާއެއް ބާއްވައިފަ އެވެ. މިއަދު މި ކުރީ، އެ ފަދަ ދެވަނަ އިހްތިޖާޖެވެ.
މި އިހްތިޖާޖުގައި:
ރަށުގެ ގިނަ ބަޔަކު ޕޮލިސް ސްޓޭޝަން ދޮށަށް އެއްވި
އެ މީހުން އަޑުއުފުލަމުން ދިޔައީ، އިންސާފުވެރިކަމާ އެކު އެ މައްސަލަ ތަހުގީގު ކުރުމަށް
ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް، ފިޔަވަޅު އަޅައިދިނުމަށް
އިހްތިޖާޖުގައި ބައިވެރިވި އެންމެން ވެސް ތިބީ ކަޅު ހެދުމުގަ އެވެ. އެ މީހުންގެ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފަހައްޓައިގެން ތިބި އިރު، ނިތްމަތީގައި ހުރީ ފޮތި އައްސާފަ އެވެ.
ޕޮލިސް ސްޓޭޝަން ކުރިމަތީގައި މީހުން އިހްތިޖާޖް ކުރަނިކޮށް، ލޯންޗެއްގައި އެ ރަށަށް އިތުރު ފުލުހުންތަކެއް އެރި އެވެ. އޭރު އެ ސަރަހައްދަށް ގިނަ ބަޔަކު އެއްވެ، އަޑުއުފުލަމުން ދިޔައިރު ފުލުހުން ރަށުތެރެއަށް އެރީ ޕެޕާ ސްޕްރޭ ޖެހުމަށް ފަހު އެވެ. އޭގެ އަސަރު އެތަނުގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް ވެސް ކުރާތަން، ސޯޝަލް މީޑިއާގައި ހުރި ވީޑިއޯތަކުން ފެނެ އެވެ.
އެ ފުލުހުން އުނދަގުލުން ރަށުތެރެއަށް އެރުމަށް ފަހު ވަނީ، ޕޮލިސް ސްޓޭޝަން ތެރެއަށް ވަދެފަ އެވެ. އޭރު ވެސް އިހްތިޖާޖް ކުރާ މީހުން ބޭރުގައި ތިބެ އަޑުއުފުލަމުން ދިޔަ އެވެ.
އެނގުން މުހިންމު - ޒަކިއްޔާގެ މަރު މައްސަލާގައި ފުލުހުން ކުރި ތަހުގީގަށް ފަހު ބުނެފައިވަނީ މީހަކު ނުވަތަ ބަޔަކު އޭނާ މަރާލީ ކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށެވެ. އޭގެ އިތުރުން:
ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސް، ޕެތޮލޮޖިސްޓް ޑޮކްޓަރަކަށް ވަނީ ދައްކާފައި
ޑޮކްޓަރު ބެލި ބެލުމުން އެހެން މީހެއްގެ ފުށުން ލިބޭ ޒާތުގެ އަނިޔާއެއް ނުފެންނަ ކަމަށް ޑޮކްޓަރު ބުނި
ހަށިގަނޑުން ހެސިޓޭޝަން މާކްސް ނުވަތަ އަޅަން ނުކެރިގެން ވަޅި އަޅާފައި ހުންނަ ޒާތުގެ ނިޝާންތަކެއް ފެނުނު
އެކަން ހިނގި ތަނުގައި އިތުރު މީހެއް އުޅެފައިވާކަން ފާހަގަވާ ފަދަ ކަމެއް ނުވަތަ ނިޝާނެއް ނުފެނޭ
ޒަކިއްޔާގެ ކަރުގެ ދެ ފަރާތުގައި ގިނަ ޒަހަމްތަކެއް ހުރި؛ ވާތު ފަޅީގައި ފުން ތިން ޒަހަމެއް، ކަނާތު ފަޅީގައި ފުން ދެ ޒަހަމެއް
މޭ މަތީ ވަތްކެއްގެ ނިޝާން ފާހަގަވި؛ ނަމަވެސް ޑޮކްޓަރު ލަފާ ދިނީ އެއީ މީހެއްގެ ފުށުން ލިބޭ އަނިޔާއަކާ އެއްވަރުގެ ވަތްކެއް ނޫން ކަމަށް
ޒަކިއްޔާގެ މަރުގެ މައްސަލަ: ޕޮލިސް ސްޓޭޝަން ދޮށުގައި ގިނަ ބަޔަކު އިިހްތިޖާޖްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ