ގޯލްޑަން ފުޓްސަލް ޗެލެންޖް: ކުޑަހުވަދޫ އަތުން މޮޅުވެ މަތިވެރި ކުއާޓާގައި ވާދޫއާ ދެކޮޅަށް ގޯލްޑަން ފުޓްސަލް ޗެލެންޖް: ކުޑަހުވަދޫ އަތުން މޮޅުވެ މަތިވެރި ކުއާޓާގައި ވާދޫއާ ދެކޮޅަށް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ގަދަ 16 ބުރުގައި ޕެނަލްޓީ ޖަހައިގެން، ދ. އަތޮޅުގެ ޗެމްޕިއަން، ކުޑަހުވަދޫ އަތުން 8-7 އިން މޮޅުވެ، އއ. މަތިވެރިން ކުއާޓާ ފައިނަލުގައި، ގދ. އަތޮޅުގެ ޗެމްޕިއަން، ވާދޫއާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.
ވާދޫން ކުއާޓާ އަށް ދަތުރުކުރީ، ޕެނަލްޓީ ޖަހައިގެން، 5-4 އިން ހއ. ދިއްދޫ ކަޓުވާލުމަށް ފަހު އެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން ޕެނަލްޓީ ޖަހައިގެން، ކެޓި މަތިވެރި އާއި ކުޑަހުވަދޫ މި ފަހަރުގެ މުބާރާތުގެ ގަދަ 16 ބުރުގައި، ޕެނަލްޓީ ޖަހަން ޖެހުނީ މެޗު 3-3 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ ކުޑަހުވަދޫންނެވެ. އެ ޓީމުގެ ލަނޑު ޖެހީ ޖުމައިލް ޖަމީލް (ޖުމްބެ) އެވެ. މަތިވެރިން އެއްވަރުކުރީ، އަހުމަދު ފިރާޝް (ކަހޫ) ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ކުޑަހުވަދޫގެ އަޔާޒް އަތުން ބައިކޮޅަށް ގޯލެއް ވަނުމުންނެވެ.
އޭގެ ފަހުން، ކުޑަހުވަދޫން ދެ ވަނަ ހާފުގައި ނުކުމެ، ދެ ގޯލުގެ ލީޑެއް ނެގި އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ، އޭރިއާތެރެއިން ލިބުނު ބޯޅައަކުން މުހައްމަދު އަރީޝް އާއި ގޯލްކީޕަރު، އަބްދުލް މާނިއު އެވެ. އަބްދުލް މާނިއު ޖެހި ސައްޕެއް ގޯލަށް އޮއްސުނީ، މަތިވެރި ގޯލު ބަލަހައްޓަމުން އައި ކީޕަރު، ހުސެއިން ސަބީލް ބޯމަތިންނެވެ.
މަތިވެރިން އޭގެ ފަހުން، ވަނީ ޕަވާޕްލޭ ކުޅުމުގެ ގޮތުން، މުހައްމަދު އިމްރާން ގޯލަށް އަރުވައިފަ އެވެ. އޭނާ ވަނީ އެ ޓީމުގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މަތިވެރިން އެއްވަރުކުރީ، އޭރިއާތެރެއިން އެކްރަބެޓިކް ކިކަކުން މުހައްމަދު ސަފުރާޒް ޖެހި ގޯލުންނެވެ.
ޕެނަލްޓީގައި މަތިވެރިން މޮޅުވި ޕެނަލްޓީ ޖެހީ، ކުޑަހުވަދޫގެ ދެ ޕެނަލްޓީ ދިފާއުކުރި ކީޕަރު އިމްރާން އެވެ. މަތިވެރިން ފަސް ޕެނަލްޓީ ކާމިޔާބުކުރިއިރު، ކުޑަހުވަދޫ އަށް ވައްދާލެވުނީ ހަތަރު ޕެނަލްޓީ އެވެ.
ވާދޫ އާއި ދިއްދޫ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 އިންނެވެ. މި މެޗުގައި، ވާދޫން ލީޑުނެގީ، މުހައްމަދު ނާއިލް ޖެހި ގޯލުންނެވެ. މި މެޗުގައި، ދިއްދޫ އަށް އެއްވަރުކޮށްދިނީ ހިލޭ ޖެހުމަކުން، ހައިޝަމް ރަޝީދު (ހައި) އެވެ.
ޕެނަލްޓީގައި، ވާދޫން ހަތަރު ޕެނަލްޓީ ކާމިޔާބުކުރި އެވެ. އެ ގޮތުން، އެ ޓީމުގެ މުހައްމަދު އިޔާދު އަލީ، ނާއިލް، އަބްދުﷲ އާހިލް އަލީ އަދި ޔަޒްދާން އިބްރާހިމް ޕެނަލްޓީ ކާމިޔާބުކުރި އެވެ. ދިއްދޫން ޕެނަލްޓީ ވައްދާލެވުނީ، ހައި އާއި އަހުޒަމް ރަޝީދު (އަހު) އަދި އަލީ އައިހަމް ރަޝީދު ޖެހި ޕެނަލްޓީ އެވެ. ވާދޫގެ އެއް ޕެނަލްޓީ ނާކާމިޔާބުވިއިރު، ދިއްދޫގެ ދެ ޕެނަލްޓީއެއް ވާދޫގެ ކީޕަރު މުހައްމަދު ޒައިދާން ވަނީ މަތަކޮށްފަ އެވެ.
އަންގާރަ ދުވަހުގެރޭ 21:40 ގައި މަތިވެރިން ކުއާޓާ ފައިނަލުގައި، ވާދޫއާ ކުޅޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ