އެއް މަހުގެ ހުކުމެއް އަންނަ ދައުވާއެއް ރައުދުގެ މައްޗަށް ކޮށްފި
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއާ އެއްކޮށް ހާދިސާ ހިނގި ވަގުތު ހުރި، ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން، އެއް މަހުގެ ޖަލު ހުކުމެއް އަންނަ ދައުވާއެއްކޮށްފިއެވެ. ރައުދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީއަށް ފޮނުވީ މިދިޔަ މަހުގެ 23ގައެވެ. އޭގެފަހުން މިއަދު ޕީޖީން ބުނީ، އޭނާގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ރައުދުގެ މައްޗަށް ކޮށްފައިވަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދަޢުވާއެވެ. އޭގެއިތުރުން، ރައުދުގެ މައްޗަށް ދައުވާކުރާ ސަބަބެއް ކަމަށް ބުނެފައި ވަނީ، ޔުމްނު ފެންޓެނޯއީ ގެއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނުކަން އެނގިހުރެ އޭނާއަށް އެހީތެރިވެދީފައިވާ ނުވާތީއާއި ޔުމްނުއަށް އެހީތެރިކަން ހޯދުމަށް ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ ކަމަށް ޕީޖީން ބުންޏެވެ. އެ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. މި މައްސަލައިގެ ތަހުގީގަށް ޚާއްސަ ކޮމިޝަނެއް އެކުލަވައިލީ އޭޕްރީލް 27، 2025ގައި ރައީސްގެ ގަރާރަކުންނެވެ. https://sun.mv/206741 މި ނިމުނު މޭ މަހުގެ 11ވަނަ ދުވަހު 'އެކްސް'ގައި ކުރި ޕޯސްޓެއްގައި އެ ކޮމިޝަނުން ބުނީ, އެ ކޮމިޝަންގެ މެންބަރުން ވަނީ، އެ ދުވަހާ ހަމައަށް، މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކުރައްވައި، ގުޅުންހުރި އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކުރައްވާފައި ކަމަށެވެ. އަދި އެ މައްސަލައާ ގުޅުންހުރި މީހުންގެ މައުލޫމާތު ސާފުކުރަން ފަށާފައިވާ ކަމަށް އެ ކޮމިޝަނުން އެ ދުވަހު ބުންޏެވެ. އޭގެފަހުން، މި މަހު އެކެއްގައި އެ ކޮމިޝަނުން ވަނީ ތަހުގީގު ނިންމައި، ދެ ހަފުތާ ތެރޭ ރައީސަށް ރިޕޯޓު އަރުވާނެ ކަމަށް ބުނެފައެވެ. ފުލުހުން ބުނީ، ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށެވެ. ނަމަވެސް، އާއިލާއިން ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ނޫން ކަމަށާއި ޔުމްނު ވެއްޓުނު ރޭ އިތުރު މީހުން ވެސް އުޅުނު ކަމަށް ޔުމްނުއާ ހަވާލާދީ ބުނެފައެވެ. އަދި ފުލުހުުންގެ ތަހުގީގަށް އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ، ގިނަ ޒުވާނުންތަކެއް ވަނީ މާލޭގައި ސިލްސިލާކޮށް މުޒާހަރާތަކެއް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ