މަޅަޔާލަމް ސިނަމާގައި 250 ކްރޯޑު ރުޕީސް ލިބުނު ފުރަތަމަ ފިލްމަކަށް 'އެލް 2: އެމްޕުރާން'

މަޅަޔާލަމް ސިނަމާގެ ފިލްމުތަކުގެ ތެރެއިން މިހާތަނަށް ބޮކްސް އޮފީހުގައި 250 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމަކަށް މިދިޔަ މަހު ރިލީޒްކުރި ފިލްމު "އެލް 2: އެމްޕުރާން" ވެއްޖެއެވެ. މި ފިލްމަކީ މަޅަޔާލަމް ސިނަމާގެ ކާމިޔާބު އެކްޓަރު ޕްރިތްވީރާޖް ސުކުމާރަން ޑައިރެކްޓްކޮށްފައިވާ ޕޮލިޓިކަލް އެކްޝަން ޑްރާމާއެކެވެ. މި ފިލްމަކީ އެކްޓަރު ޕްރިތްވީރާޖް 2019 ވަނަ އަހަރު ގެނެސްދިން "ލޫސިފާ"ގެ ސީކުއަލްއެކެވެ. އެކްޓަރު މޯހާންލާލް ލީޑް ރޯލް ކުޅެފައިވާ "އެލް 2: އެމްޕުރާން" އިންޑިއާގެ އިތުރުން ބޭރު ޤައުމުތަކުގައި ދައްކައިގެން ލިބުނު އާމްދަނީގެ އަދަދު 30 މިލިއަން އެމެރިކާ ޑޮލަރައަށް އަރާއިރު މިއީ މަޅަޔާލަމް ސިނަމާގެ ތާރީޚު ބަދަލުކޮށްލި ފިލްމެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ. "އެލް 2: އެމްޕުރާން" އެކްޓަރު މޯހާންލާލް އަދި ފިލްމުގެ ޑައިރެކްޓަރު/އެކްޓަރު ޕްރިތްވީރާޖް ސުކުމާރަން--ފޮޓޯ/ފޭސްބުކް މި ފިލްމު ރިލީޒްކުރި ހަފްތާގައި ސިނަމާތަކަށް ގެނައި ސަލްމާން ޚާންގެ ފިލްމު "ސިކަންދަރު"އަށް މާ ބޮޑު ކާމިޔާބީއެއް މިހާތަނަށް ލިބިފައި ނުވަނީ ޑައިރެކްޓަރު ޕްރިތްވީރާޖްގެ ފިލްމުގެ ހިޔަނި އެޅުމުން ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ. ނަމަވެސް ސަލްމާން ޚާން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އެކްޓަރު ޕްރިތުވީރާޖް ސުކުމާރަން އަކީ ވަރަށް ހުނަރުވެރި އެކްޓަރެއް ކަމަށާއި ޕްރިތުވީރާޖް ޑައިރެކްޓްކުރާ ފިލްމަކީ މޮޅު ފިލްމަކަށް ވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. ސަލްމާންގެ "ސިކަންދަރު" ބަލަން ބޭނުންވާ މީހުން ވެސް ފިލްމު "އެލް 2: އެމްޕުރާން" ބަލަން ދިއުމަށް ސަލްމާން ވަނީ ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ